މިހާރު ރާއްޖެ ޒިޔާރަތްކުރައްވަމުން ގެންދަވާ ސްރީލަންކާގެ ޖެނެރަލް ސަރ ޖޯން ކޮޓެލާވަލާ ޑިފެންސް ޔުނިވަރސިޓީގެ އިސް ވަފުދު ގެ ބޭފުޅުން މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އާދަމް ޝަރީފް ޢުމަރާއި ބައްދަލުކުރައްވައިފިއެވެ.

ޑިފެންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަލްފާޟިލް މުޙައްމަދު ޒުޙައިރާއި ޑިޕާޓްމަންޓް އޮފް އިންޓަނޭޝަނަލް ޑިފެންސް ކޯޕަރޭޝަންގެ ޕްރިންސިޕަލް ޑައިރެކްޓަރ ކާނަލް ޢަބްދުﷲ މަތީނުވެސް ބައިވެރިވެޑައިގެންނެވި، މި ބައްދަލުކުރެއްވުމުގައި ޖެނެރަލް ސަރ ޖޯން ކޮޓެލާވަލާ ޑިފެންސް ޔުނިވަރސިޓީއާއި އެމްއެންޑީއެފް ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީޒްއާ ގުޅިގެން ދިވެހި ސިފައިންނަށް ލިބެންހުރި ތަޢުލީމީ ފުރުޞަތުތަކާ ގުޅޭގޮތުންނާއި އެކި ދާއިރާތަކުން ރިސާޗް ހެދުމާ ގުޅޭގޮތުން ވަނީ މަޝްވަރައްވާފައެވެ. މީގެ އިތުރުން ޢިލްމީ ދާއިރާއިން އެމްއެންޑީއެފަށް ދެވިދާނެ އެހީތެރިކަމާ ގުޅޭގޮތުންވެސް ވަނީ މަޝްވަރާ ކުރައްވާފައެވެ.

ދިވެހިރާއްޖޭގެ އެޑިޔުކޭޝަން މިނިސްޓްރީ އާއި ސަރ ޖޯން ކޮޓެލާވަލާ ޑިފެންސް ޔުނިވަރސިޓީގެ ދެމެދު އިއްޔެ ވެވުނު އަހުދުނާމާ (އެމްއޯޔޫ)ގެ ދަށުން ސްރީލަންކާގެ ޑިފެންސް ޔުނިވާސިޓީން ދިވެހި ދަރިވަރުންނަށް ޑޮކްޓަރުކަން ކިޔެވުމުގެ ފުރުޞަތު ކޮންމެ ދިވެހި 100 ދަރިވަރުންނަށް ފަހިކޮށްދީފައިވެއެވެ.

ސްރީލަންކާގެ ޖެނެރަލް ސަރ ޖޯން ކޮޓެލާވަލާ ޑިފެންސް ޔުނިވަރސިޓީގެ އިސް ވަފުދު ގެ ބޭފުޅުން ޑިފެންސް މިނިސްޓަރާ ބައްދަލުކުރެއްވިއިރު، މިއަދުގެ ވަގުތެއްގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމް އާއިވެސް ވަނީ ބައްދަލުކުރައްވާފައެވެ.

މިމަހު 11 ވަނަ ދުވަހު ރާއްޖެ ޒިޔާރަތްކުރި މި ވަފުދުގެ ބޭފުޅުން މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދުގެ ވަގުތެއްގައި ރާއްޖެއިން ފުރާވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.