މި ސަރުކާރުގެ މެނިފެސްޓޯގައި ރާއްޖޭގެ އިސްލާމީ ވަޙްދަތު ހަރުދަނާ ކުރުމުގެ ގޮތުން ވަރަށް ގިނަ ކަންތައްތަކެއް ހިމަނުއްވާފައިވާނެ ކަމަށާއި، ވީ އެންމެ އަވަހަކަށް ސަރުކާރުގެ އިސްލާމީ ސިޔާސަތުތައް އެކުލަވާލައި، ތަންފީޒު ކުރުމަށް ކުރީގެ ރައީސް މަޢުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.

ދިވެހިރާއްޖެ އިސްލާމްވި ދުވަހުގެ ތަހުނިޔާއާއި ހެޔޮއެދުންތައް ދިވެހި ލޮބުވެތި ރައްޔިތުންނަށް އަރިސްކުރައްވައި މަޢުމޫން ނެރުއްވި ބަޔާނުގައި ވިދާޅުވެފައިވައިވަނީ، ދިވެހިރާއްޖެ، މިނިވަން މުސްތަޤިއްލު ޤައުމެއްގެ ގޮތުގައި މިއަދާއި ހަމައަށްވެސް ދެމިއޮތުމުގެ އަސްލަކީ، މާތްވެގެންވާ އިސްލާމްދީން ކަމަށެވެ.

މަޢުމޫން ވިދާޅުވީ، މި ސަރުކާރުގެ މެނިފެސްޓޯގައި ދިވެހިރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ޤައުމެއްގެ ގޮތުގައި ދަމަހައްޓައި، އިސްލާމްދީން ނޫން އެހެން ދީނަކަށް މިފަސްގަނޑުން ޖާގަ ނުލިބޭނެކަން ކަށަވަރުކޮށް، ދިވެހިންގެ އިސްލާމީ ވަޙުދަތު ވަރުގަދަކޮށް އަދި އިސްލާމްދީނުގެ މަތިވެރި ޢަޤީދާ ދެމެހެއްޓުން ހިމެނިފައިވާނެ ކަމަށެވެ.

އަނިޔާވެރިކަމާއި ފަސާދައާއި ހަރުކަށިކަން ނައްތާލައި، އިޤްތިޞާދީ އަދި އިޖުތިމާއީ ނަހަމަކަން ކުޑަކުރުމަށްޓަކައި މުޅި ދައުލަތުގެ އެންމެހައި ސިޔާސަތުތައް ރާވައި ހިންގުމުގައި އިސްލާމްދީނުގެ މަތިވެރި އުސޫލުތަކާއި ރިވެތި އަދަބުތަކަށް ސަރުކާރުން ރިޢާޔަތްކުރެއްވުމަކީ އާ ސަރުކާރުގެ ވަޢުދެއް ކަމަށް މަޢުމޫން ވިދާޅުވިއެވެ.

ހަމައެއާއެކު ރާއްޖޭގައި އިސްލާމީ ތަޢުލީމު އާލާކޮށް، ކުރިއަށް އޮތް ޖީލުތަކަށް މިކަން ފޯރުކޮށް ދިނުމަށް އެޅެންހުރި ފިޔަވަޅުތައް އެޅުމަކީވެސް އާ ސަރުކާރުގެ އިސްލާމީ ސިޔާސަތުގައި ހިމަނަންޖެހޭ މެނިފެސްޓޯގައި ހިމެނިފައިވާ ކަމެއް ކަމަށް މަޢުމޫން ވިދާޅުވިއެވެ.

"ބަޔާން ކުރެވުނު ކަންކަން ތަންފީޒު ކޮށް ހަރުދަނާ ކުރުމަށްޓަކައި ވީ އެންމެ އަވަހަކަ ސިޔާސަތުތައް އެކުލަވާލައި ތަންފީޒުކުރުމުގެ މަސައްކަތް ފައްޓަވައިދެއްވުމަށް ކަމާބެހޭ ފަރާތްތަކަށް އިލްތިމާސް ކުރަން" މަޢުމޫންގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.

މާތްވެގެންވާ އިސްލާމް ދީނުގެ މަތިވެރި ނިޢުމަތް މި ލޮބުވެތި ދިވެހިރާއްޖެއަށް މިންވަރު ކުރެއްވިކަމަށްޓަކައި މާތް ﷲ ގެ ޙަޟުރަތަށް ޙަމްދާއި ޝުކުރު ކުރައްވާ ކަމަށާއި، އިސްލާމް ދީނުގެ ހިދާޔަތުގައި އިތުރަށް ފައިތިލަ ސާބިތު ކުރުމުގެ ހެޔޮ ތައުފީޤު ދިވެހީންނަށް ދެއްވައި، ދިވެހި ރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމް ޤައުމެއްގެ ގޮތުގައި ލެހެއްޓެވުމަށް އެދި މަޢުމޫން ދުޢާ ކުރައްވާފައިވެއެވެ.

ދިވެހި ތާރީޚުން އެނގޭ ގޮތުގައި ރާއްޖެ އިސްލާމް ކުރެއްވި ބޭކަލަކީ އިސްލާމް ދީނަށް ގިނަ ޚިދުމަތް ތަކެއް ކުރެއްވި މަޣްރިބް ކަރައިގެ ޢިލްމުވެރިޔާ އަބުލް ބަރަކާތު ޔޫސުފުލް ބަރްބަރީއެވެ. ދިވެހި ދައުލަތުން ރަސްމީކޮށް އިސްލާމް ދީން ޤަބޫލުކުރައްވާފައިވަނީ ހިޖުރައިން 548 ވަނަ އަހަރުގެ ރަބީޢުލް އާޚިރު މަހުގެ 2 ވަނަ ދުވަހު އެވެ. ކޮންމެ އަހަރެއްގެވެސް މިދުވަސް ފާހަގަކުރަނީ ރާއްޖެ އިސްލާމްވި ދުވަހުގެ ގޮތުގައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. Miadhu

    ބަހުން ރަގަޅު އެކަމު ޖާބިރުއަތުން ނަވާވިސް މިލިއަންރުފިޔާ ނަގާ ފަޑިޔާރުންނަށް ދިނުން ބަލައެއް ނުގަނެވެ

  2. ދދދދދ

    ކަލޭ ދައްކާ ވާހަކަ އަޑު އަހާނެ ސަރުކާރެއް ނެތް. ކަލޭ މޮޔަ ވެގެން ތިއުޅެނީ.

  3. މުއާޒު

    ވެރިކަމާ ތޮޅެނީ ނޫން.ބަޔަކު ދީނަށް ފުރައްސާރަކުރާތައް ބަލަން ކެތްމުކުރެވޭނެތީވެ ހަދާންކޮށްލަދިނީ..އެމް.ޑޕ އަކަށް ގާސިމް އާއި މައުމން އާއި ނުލައި ވެރިަކން ނުލިބޭނެ.ހަދާން ނައްތާލާ.ތި ކުލެން އުޅޭ ކުޅިވަރު ހުއްޓާލާ.ސާބަސް މައުމޫން.ހައްްުބަސް ބުނާތީ އުފާވޭ.ތިޔައީ ޒަޢީމޭ ލޮބިވެތި ގައުމު ފަޚުރުވެރިވާ.