އެމްއެމްޕީއާރުސީއަށް ވަންނަ ފައިސާއަކީ ޗެކުތަކުގެ ގޮތުގައި ބޭންކްތައް މެދުވެރިކޮށް ވަދެފައިވާ ފައިސާއަށް ވާތީ، އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ބޭންކްތަކުން އަމަލުކުރިގޮތް ކަމާބެހޭ އިދާރާތަކުން ތަހްގީގް ކުރަމުންދާ ކަމަށް ވެރިކަން ހިންގާ މައި ޕާޓީ ކަމަށް ޕީޕީއެމް އިން ބުނެފިއެވެ.

މިއަދު ހަވީރު ޕީޕީއެމްގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ ނާއިބު ރައީސް އަދި ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ، އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ގޮތުގައި ފެންމަތިވެފައިވާ 127 މިލިއަން ޑޮލަރަކީ ނަގުދު ފައިސާގެ ގޮތުގައި ހިނގައިގެން އުޅޭ މުއާމަލާތްތަކެއް ނޫން ކަމަށާއި އެ ފައިސާއަކީ ޗެކުން މުއާމަލާތް ކޮށްފައިހުރި ފައިސާކަމަށްވާތީ ހިޔާނާތުގައި ބޭންކްތަކުން އަމަލުކުރިގޮތް ދައުލަތުގެ ތަހްގީގީ އިދާރާތަކުން ތަހްގީގް ކުރަމުންދާ ކަމަށެވެ.

އަދުރޭ ވިދާޅުވީ މިއީ އެއްވެސް ހާލެއްގައި ފިނޭންސް މިނިސްޓްރީއާއި، މިރާ ނުވަތަ ދައުލަތުގެ އެހެންވެސް އިދާރާއެއްގެ ތެރެއިން ހިނގައިގެން އުޅޭކަމެއްނޫން ކަމަށާއި، މައުލޫމާތު ލިބިފައިވާ ގޮތުގައި އޭސީސީއިންނާއި ދައުލަތުގެ ތަހްގީގީ އިދާރާތަކުން ބައްލަވަމުން ގެންދަވަނީ ބޭންކުގެ ތެރެއިން މި ކަންކަން ހިނގާފައި ހުރީ ކިހިނެތްކަން ކަމަށެވެ.

"މިއީ އެއްވެސް ހާލެއްގައި ފިނޭންސް މިނިސްޓްރީއާއި، މީރާ ނުނީ ދައުލަތުގެ އެހެންވެސް އިދާރާއެއްގެ ތެރެއިން ހިނގައިގެން އުޅޭކަމެއްނޫން. އޭސީސީއިންނާއި ދައުލަތުގެ ތަހްގީގީ އިދާރާތަކުން ބައްލަވަމުން ގެންދަވަނީ ބޭންކުގެ ތެރެއިން މި ކަންކަން ހިނގާފައި ހުރީ ކިހިނެތްތޯ" އަދުރޭ ވިދާޅުވިއެވެ.

އާންމު އުސޫލަކުން ދައުލަތަށް ދައްކަންޖެހޭ ބޮޑެތި އަދަދުތަކުގެ ފައިސާގެ މުއާމަލާތްތަށް ހިނގާނީ ޗެކުން ރާއްޖޭގެ ނުވަތަ ބޭރުގެ ބޭންކެއް މެދުވެރިކޮށް ކަމަށާއި، އެގޮތަށް މި ފައިސާތަކުގެ ޗެކުތައް ވަތް ބޭންކުގެ ތެރެއިން އެ ފައިސާތައް ޖަމާކުރަންޖެހޭ އެކައުންޓަކަށް ނުވަތަ އެހެން އެކައުންޓަކަށް ޖަމާކުރީތޯ ދައުލަތުގެ ކަމާބެހޭ ފަރާތްތަކުން ބަލަމުންދާއިރު، ވަރަށް ކައިރި މުސްތަޤްބަލެއްގައި އިތުރު ތަފްސީލުތައް ދައުލަތުގެ ކަމާބެހޭ އިދާރާތަކުން ހާމަކުރައްވާނެކަމަށް އުއްމީދު ކުރައްވާކަމަށް އަދުރޭ ވިދާޅުވިއެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތަކީ މި ސަރުކާރުގެ ތެރޭގައި ހިނގާފައިވާ ކަމަކަށްވާއިރު، އެއްވެސް ހާލެއްގައި އެ ހިޔާނާތުގެ ވާހަކަތައް ނުދައްކާ ނުހުންނަވާނެ ކަމަށާއި، މިފަދަ ބޮޑު ހިޔާނާތެއް ހިނގާފައިވާއިރު އެކަމާ ގުޅޭ ތަހްގީގުތަށް ހިންގައި އެކަމުގައި ކުށްވެރިވާ ފަރާތްތަކަށް މިސަރުކާރުގައި މިހާރުވެސް އަދަބު ދީފައިވާނެކަމަށްވެސް އަދުރޭ ވިދާޅުވިއެވެ.

ދައުލަތް ލޫޓޫވައިގެންގޮސް އިދިކޮޅު ފަރާތްތަކާ ގުޅުނީމަ އެވާހަކަ ދެއްކި އެއްވެސް ބަޔަކު ނެތްކަމަށާއި، އެމްއެމްޕީއާރުސީ ލޫޓުވާލައިގެން ދައުލަތާއި ދިވެހި ރައްޔިތުންނަށް އެހާބޮޑު ގެއްލުމެއް ދިނުމަށްފަހު އެ މީހުން މިހާރު ތިބީ ކޮންބައެއްގެ ފަހަތުގައި ކޮންތާކުތޯ ޕީޕީއެމްގެ ޕީޖީ ލީޑަރު އަހްމަދު ނިހާން ހުސައިން މަނިކު ވަނީ ސުވާލު އުފައްދާފައެވެ. އިތުރަށް ނިހާން ވިދާޅުވީ ބޭރު ގައުމުތަކުގައި ތިއްބަވައިގެން އެމްއެމްޕީއާރުސީގެ ހިޔާނާތާއި ގުޅުންހުރި ފަރާތްތަކަށް ހިމާޔަތް ދީގެން އުޅެނީވެސް ސަރުކާރާ އިދިކޮޅު ފަރާތްތަކުން ކަމަށެވެ.

ނިހާން މިގޮތަށް ވާހަކަ ދެއްކެވިއިރު، އެމްއެމްޕީއާރުސީގެ ހިޔާނާތުގެ އަޑީގައި ހުރިކަމަށް މީގެ ކުރިން އިދިކޮޅު ފަރާތްތަކުންވެސް ވިދާޅުވަމުން ގެންދެވީ މި ސަރުކާރުގެ ކުރީގެ ނާއިބު ރައީސް އަހްމަދު އަދީބު އަބްދުލްޣަފޫރު ކަމަށެވެ. ނަމަވެސް މިހާރު އަދީބުގެ ދިފާއުގައި އެންމެ ބޮޑަށް ވަކާލާތު ކުރަމުން ގެންދަވަނީވެސް ހަމަ އެފަރާތްތަކުންކަން ފާހަގަކޮށްލެވެއެވެ.