މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ، އެމްއޭސީއެލްއަށް މެދުކެނޑުމެއްނެތި 40 އަހަރު ހިދުމަތް ކުރައްވާ ރިޓަޔާކުރައްވި 20 ބޭފުޅެއްގެ އަގު ރޭ ވަޒަންކުރައްވައިފިއެވެ.

ރިޓަޔާކުރެއްވި 20 ބޭފުޅުންގެ އަގުވަޒަން ކުރީ ،އެމްއޭސީއެލްގެ ދުވަސްވީ މުވައްޒަފުންނާއި ރިޓަޔާކުރައްވާ ބޭފުޅުންގެ އަގު ވަޒަން ކުރުމަށް ރޭ ދަރުބާރުގޭ ދޮށިމޭނާ މާލަމުގައި ބޭއްވި ހާއްސަ ރައްމިއްޔާތުގައެވެ.

އެމްއޭސީއެލްގެ ކުރީގެ މެނޭޖިންގް ޑިރެކްޓަރ އާދިލް މޫސާ ވެސް ބައިވެރިވަޑައިގަތް އެ ޖަލްސާ ޝަރަފުވެރި ކޮށްދެއްވާފައި ވަނީ އެމްއޭސީއެލްގެ އެކްޓިން މެނޭޖިންގް ޑިރެކްޓަރ މޫސާ ސޯލިހުއެވެ.

މުވައްޒަފުންގެ އަގުވަޒަންކުރަން އެމްއޭސީއެލް އިން ބޭއްވި ހަފްލާ – ވަގުތު އިމޭޖްސް: އަމީން ފަހްމީ
މުވައްޒަފުންގެ އަގުވަޒަންކުރަން އެމްއޭސީއެލް އިން ބޭއްވި ހަފްލާ – ވަގުތު އިމޭޖްސް: އަމީން ފަހްމީ

ރަސްމިއްޔާތުގައި ވަނީ އެމްއޭސީއެލްއަށް މެދުކެނޑުމެއްނެތި 20 އަހަރު ހިދުމަތް ކޮށްދެއްވި 90 މުވައްޒަފުންނާއި އެކުންފުންނަށް މެދުކެނޑުމެއް ނެތި 25 އަހަރު ހިދުމަތް ކޮށްދެއްވި 25 މުވައްޒަފުންނާއި، މެދުކެނޑުމެއް ނެތި 30 އަހަރު ދުވަހު ހިދުމަތް ކޮށްދެއްވި ނުވަ މުވައްޒަފުންގެ އިތުރުން މެދުކެނޑުމެއް ނެތި 35 އަހަރު ހިދުމަތްކޮށްދެއްވި ނުވަ މުވައްޒަފުންގެ އަގުވަޒަންކުރުމުގެ ގޮތުން އެވޯޑާއި ހަނދާނީ ލިޔުމުގެ އިތުރުން އިނާމް ދީފައެވެ.

ރަސްމިއްޔާތު ޝަރަފުވެރިކުރައްވާ ވާހަކަފުޅު ދައްކަވަމުން އެމްއޭސީއެލްގެ އެކްޓިން މެނޭޖިންގް ޑިރެކްޓަރ މޫސާ ސޯލިހު ވިދާޅުވީ އެމްއޭސީއެލް މިއަދު މިދެކެމުންދާ ކާމިޔާބީގެ އަސްލަކީ އެ ކުންފުނީގައި ގިނަ އަހަރުތަކެއް ވަންދެން މަސައްކަތް ކުރެއްވި މުވައްޒަފުން ކަމަށެވެ.

"ހަމަ ޔަގީނުންވެސް މިއަދު އެމްއޭސީއެލް މިއޮތް މިސްރާބަށް ވާސިލް ވެފައިވަނީ މިބޭފުޅުން ކުރެއްވި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން" މޫސާ ސޯލިހު ވިދާޅުވިއެވެ.

އެމްއޭސީއެލްއަކީ ރާއްޖޭގައި އޮތް މުވައްޒަފުންނަށް އެންމެ ރަނގަޅު ކުންފުނިކަމަށާއި މުވައްޒަފުންގެ ކުރިއެރުމަށް އެންމެ ގިނަ މަސައްކަތްތަކެއް ކޮށްދޭ ކުންފުނި ކަމަށްވެސް މޫސާ ސޯލިހު ވިދާޅުވިއެވެ. އަދި އެމްއޭސީއެލްއިން އަބަދުވެސް މަސައްކަތް ކުރާނީ ޝަރުކާރާއި އެކުގައި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މުވައްޒަފުންގެ އަގުވަޒަންކުރަން އެމްއޭސީއެލް އިން ބޭއްވި ހަފްލާ – ވަގުތު އިމޭޖްސް: އަމީން ފަހްމީ
މުވައްޒަފުންގެ އަގުވަޒަންކުރަން އެމްއޭސީއެލް އިން ބޭއްވި ހަފްލާ – ވަގުތު އިމޭޖްސް: އަމީން ފަހްމީ

"އަޅުގަނޑުމެން އަބަދުވެސް ބަލަން ސަރުކާރާއި އެކުގައި މަސައްކަތް ކުރުމަށް. ސަރުކާރުގެ ގަވައިދުތަކާއި ގައިޑްލައިންތަކަށް ފޮލޯކުރުމަށް" މޫސާ ސޯލިހު ވިދާޅުވިއެވެ.

އެމްއޭސީއެލްގެ ދުވަސްވީ މުވައްޒަފުންގެ އަގުވަޒަން ކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި އެމްއޭސީއެލްއިން ރިޓަޔާ ކުރެއްވި ބޭފުޅުންގެ ތެރޭގައި އެކުންފުނީގެ ކުރީގެ މެނޭޖިންގް ޑިރެކްޓަރ އާދިލް މޫސާވެސް ހިމެނިވަޑައިގަންނަވައެވެ.