މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ރަށްތަކާއި ފަޅުތައް ކުއްޔަށް ދިނުމުން ދައުލަތައް ލިބުނު 1.4 ބިލިއަން ރުފިޔާ އަށް ކުންފުނީގެ ވެރިން ޚިޔާނާތްތެރިވެފައިވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވިދާޅުވެއްޖެއެވެ.

އޭސީސީ އިން މިހެން ވިދާޅުވީ އެމްއެމްޕީއާރްސީ ޚިޔާނާތުގެ މައްސަލަ ތަޙްޤީޤު ކުރަން ފެށިތާ ތިން އަހަރު ފަހުން މިއަދު ފުރަތަމަ ފަަހަރަށް އެމައްސަލައިގެ ތަފްސީލްތައް ހާމަކޮށް ނެރުނު ބަޔާނެއްގައެވެ.

އެމްއެމްޕީއާރްސީގެ ޚިޔާނާތް 1.4 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް އޭސީސީ އިން ވިދާޅުވި ނަމަވެސް މީގެ ކުރިން އޮޑިޓަ ޖެނެރަލްގެ އޮފީހުން ވިދާޅުވެފައި ވަނީ އެމްއެމްޕީއާރްސީ ޚިޔާނާތް އަރަނީ 1.2 ބިލިއަން ރުފިޔާ އަށް ކަމަށެވެ. އޭސީސީ އިން މިއަދު ވަނީ މީގެ ކުރިން އޮޑިޓަރ ޖެނެރަލް ހާމަކޮށްފައި ނުވާ ބައެއް މައުލޫމާތުތައް ވެސް ހާމަކުރައްވާފައެވެ.

އޭސީސީ އިން މިއަދު ނެރުއްވި ބަޔާނުގައި ވިދާޅުވީ އެމްއެމްޕީއާރުސީން އެކި ފަރާތްތަކަށް ދޫކޮށްފައިވާ ރަށްތަކާއި ފަޅުތަކުގެ ތެރެއިން އެއްބަސްވުން ހެދި ތަންތަނުގެ އިކުއިޒިޝަން ކޮސްޓްގެ ގޮތުގައި އެ ތަންތަން ދޫކުރުމަށް ވެފައިވާ އެއްބަސްވުންތަކުގެ ދަށުން އެމްއެމްޕީއާރުސީއަށް 91 މިލިއަން ޑޮލަރު ލިބެން ޖެހޭކަމަށެވެ.

2014 ވަނަ އަހަރުން ފެށިގެން ފަޅުތަކާއި ރަށްތައް ހިމެނޭ ގޮތަށް 57 ތަނެއް ދޫކުރުމަށް 49 އެއްބަސްވުމެއްގައި އެމްއެމްޕީއާރްސީ އިން ސޮއިކުރި ނަމަވެސް ރަށްތަކަކާއި ފަޅުތައް ދޫކުރުމާ ގުޅޭ ގޮތުން ފައިސާގެ މުއާމަލާތްކޮށްފައިވާ ހަތް ތަނެއްގެ އެއްބަސްވުން ހަދާފައި ނުވާ ކަމަށް އޭސީސީ އިން ވިދާޅުވިއެވެ.

އިކުއިޒިޝަން ކޮސްޓްގެ ގޮތުގައި އެމްއެމްޕީއާރުސީއަށް އެކި ފަރާތްތަކުން 77.5 މިލިއަން ޑޮލަރު ދައްކާފައިވާކަން ތަހުގީގަށް އެނގެން އޮތްއިރު، އެ ފައިސާގެ ތެރެއިން އެމްއެމްޕީއާރުސީ އަށް ވަދެފައިވަނީ އެންމެ 12.5 މިލިއަން ޑޮލަރު ކަމަށް ވެސް އޭސީސީ އިން ވިދާޅުވިއެވެ.

އެމްއެމްޕީއާރުސީއަށް ލިބުނު އެ ޑޮލަރު ޗެކްތައް، އެންޑޯސްކޮށްގެން ޕްރައިވެޓް ދެ ކުންފުންޏެއްގެ އެކައުންޓަށް ޗެކްތައް ޖަމާކޮށްފައިވާ ކަމަށް ވެސް އޭސީސީ އިން ވިދާޅުވިއެވެ. އަދި އެމްއެމްޕީއާރުސީ އަށް ލިބެން ޖެހޭ ފައިސާގެ ތެރެއިން ބޮޑު ބައެއް ޕްރައިވެޓް ކުންފުންޏެއްގެ ނަމުގައި ބޭންކްގައި ހުޅުވާފައިވާ ޑޮލަރު އެކައުންޓަކަށް ޖަމާކުރުމަށްފަހު އެ ފައިސާ 155 ފަރާތަކަށް ޓްރާންސްފާކޮށްފައިވާ ކަމަށް އޭސީސީން ވިދާޅުވިއެވެ.

އޭސީސީ އިން ވިދާޅުވީ އެމްއެމްޕީއާރުސީއަށް ލިބެން ޖެހޭ ފައިދާ ޕްރައިވެޓް ކުންފުންޏަށާއި އިތުރު ބަޔަކަށް ލިބެން ޖެހެނީ ކީއްވެކަން ބަލަން ޖެހެ އެވެ. އެއީ އެ ފަރާތްތަކުގެ ގާނޫނީ ހައްގުތަކެއް ވެސް އެކުލެވިގެންވާ ކަމަކަށްވާތީ ކޮމިޝަނުން އެކަން އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށް އޭސީސީން ބުންޏެވެ.

އޭސީސީ އިން ވިދާޅުވީ ރަށްތަކާއި ފަޅުތައް އިކުއިޒިޝަން ކޮސްޓްގެ ގޮތުގައި އެމްއެމްޕީއާރުސީގެ ނަން ލިޔެފައިވާ ބޭންކް ޗެކްތަކެއް އެންޑޯޒް ކުރުމަށް ޒިޔަތު ސޮއިކޮށް ބީއެމްއެލްގައި ހުޅުވާފައިވާ އެކައުންޓަކަށް 22 މިލިއަން ޑޮލަރު ޖަމާކޮށްފައިވާތީ އެކަމުގައި ބީއެމްއެލްގެ މުވައްޒަފުންތަކެއްގެ ބައިވެރިވުން އޮތްކަމަށް ތުހުމަތު ކުރެވޭ މައްސަލަ އޭސީސީން ދަނީ މިހާރު ވެސް ބަލަމުންނެވެ.

އޭސީސީ އިން ވިދާޅުވީ އެމްއެމްޕީއާރްސީގެ މައްސަލަ ޕީޖީ އޮފީހަށް ފޮނުވުމުން ވަނީ ބައެއް ކަންކަން ފުރިހަމަ ކުރަން އަންގާ މައްސަލަ އަނބުރާ ފޮނުވާލާފައެވެ. އެކަންކަން ފުރިހަމަ ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެކޮމިޝަނުން ވިދާޅުވިއެވެ.

މައްސަލަ ޕީޖީ އޮފީހުން އަނބުރާ ފޮނުވާލި ނަމަވެސް އެމައްސަލައިގައި ހިމެނޭ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބާއި އޭރު އެމްއެމްޕީއާރްސީގެ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވި އަބްދުﷲ ޒިއަތު އާއި ޚިޔާނާތުގެ ބައެއް ފައިސާ ލިބު ހާމިދު ސޭޓްގެ މައްޗަށް ދައުވާތަކެއް ކޮށް ޙުކުމްތަކެއް އިއްވާފައިވެއެވެ. އަދި މިހާރު ވެސް އެމައްސަލައިގައި އަދީބާއި ޒިއަތުގެ މައްޗަށް ދައުވާ ކުރާ މައްސަލަތަކެއް ކޯޓުގައި އެބައޮތެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ރިޒާ

    ޢެމް'އެމް'ޕީ'އާރު'ސީ އަކުން ހިޔާނާތްޔެރިއެއްނުވޭ! ހިޔާނާތްތެރިވީ ޔާމީނު އާ އެއިދާރާގައި މަސައްކަތްކުރި މުވައްޒަފުން

  2. ނުރަބޯ

    2008 އިން 2012 ފެބްރުއަރީ 7 އަށް ކުރެވުނު ރީނދޫ ކޮރަޕްޓް ވެރިކަން ނިމުނު އިރު ދައުލަތުގެ މާލިއްޔާއިން 4.7 ބިލިއަން ރުފިޔާ ވީނުވީއެއް ނޭނގި މަދުވާކަމަށް ރަސްމީ ހިސާބުކިތާބުން ދައްކައެވެ. އެހެންވީމާ މިހާރު މިއޮތް ރީނދޫ ސަރުކާރުން އިހަށް ބަލަންވީ އެ ފައިސާއަށް ވީގޮތެކެވެ.