ކުއްލި ހާލަތުގެ ދަށުން ހައްޔަރު ކޮށްފައިވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުގެ އަނބިކަނބަލުން ފާތިމަތު ނާސިރާ ގޭބަންދަށް މިއަދު ބަދަލުކޮށްފި އެވެ.

ރިޝްވަތު ހިއްޕެއްވުމާއި ވެރިކަން ވައްޓާލަން މަސައްކަތް ކުރި ކަމުގެ ތުހުމަތުގައި މިދިޔަ މަހުގެ ހަތްވަނަ ދުވަހު ދޫނިދޫގައި ބަންދުކުރި ނާސިރާ މިއަދު ގޭބަންދަށް ބަދަލުކޮށްފައިވާ ކަމަށް އާއިލާ ވަނީ ބުނެފައެވެ.

ނާސިރާގެ ދެ ދަރިކަލުން މުހައްމަދު ސަރްފަރާޒާއި އަހުމަދު މިސްފިރު ސޮއި ކުރައްވައި ރޭ ނެރުއްވި ބަޔާނެއްގައި ބުނެފައިވަނީ ނާސިރާގެ ސިއްހީ ހާލަތު ވެސް ރަނގަޅު ނޫން ކަމަށެވެ. އަދި މިދިޔަ އަހަރު ވެސް އޭނާގެ ބޮޑު ދެ އޮޕަރޭޝަން ކޮށްފައިވާ އިރު ނާސިރާ ބަންދު ކުރީ އިތުރު އޮޕަރޭޝަނަކަށް ތައްޔާރު ވަމުން ދަނިކޮށް ކަމަށެވެ .އަދި ނާސިރާ އޮޕަރޭޝަނަކަށް ތައްޔާރުވަމުން ދިޔަ ކަމުގެ ލިއުންތައް ފުލުހުންނާއި ކުރިން ވަނީ ހަވާލުކޮށްފައި ކަމަށެވެ.

މި ބަޔާނުގައި އޭނަގެ ދަރިން ވަނީ މަންމަގެ ބަލި ހާލަތަށް ރިއާޔަތް ކުރުމެއް ނެތި، ބަންދަށް އެއްވެސް ލުޔެއް ދީފައި ނުވާ ކަން ފާހަގަކޮށްފައެވެ.

" މަންމަ ބަންދު ކުރެވިފައިވާ މަރުކަޒަކީ އެ ފަދަ ބަލި މީހަކަށް އެކަށޭނެ ސިއްހީ ފަރުވާ ލިބޭނެ އިންތިޒާމް ހަމަޖެހިފައިވާ ތަނަކަށް ނުވުމުގެ ސަބަބުން މަންމަގެ ބަލި ހާލަތު ދުވަހުން ދުވަހަށް ދަނީ ދަށަށް،" ބަޔާނުގައި ބުނެފައިވެ އެވެ.

މިދިޔަ މަހުގެ ފަސް ވަނަ ދުވަހުގެ ރޭ އިއުލާން ކުރި ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން، ސްޕްރީމު ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުގެ އިތުރުން އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ވެސް ވަނީ ހައްޔަރުކޮށްފަ އެވެ. އެ ދެ ބޭފުޅުން ވެސް ހައްޔަރުކުރީ ވެރިކަން ވައްޓާލަން މަސައްކަތް ކުރުމާއި އެކަމަށް ރިޝްވަތު ހިފުމުގެ ތުހުމަތުގަ އެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    ﷲގެ ހެޔޮރަޙުމަތްފުޅުން އުޚުތު ނާސިރާގެ ބައްޔަށް އަވަސް ޝިފާ އަކާއި ދުޅަހެޔޮ ސިއްޙަތެއް ދެއްވާށި އަދި ޢަމަލާއި ބަހުގައި ހެޔޮ ތައުފީގު ދެއްވާށި އާމީން ވަލްޙަމްދު ލިﷲ