އޭޕްރީލް މަހު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އަދާލަތު ޕާޓީން ވާދަކުރަން ނިންމާފައިވާ 13 ދާއިރާ އަށް ޕާޓީގެ ޓިކެޓް ހޯދަން ކުރިމަތިލުމުގެ ފުރުސަތު އެޕާޓީ އިން ހުޅުވާލައިފިއެވެ.

ހިމެނޭ އަދާލަތު ޕާޓީ އިން މިއަދު ބުނީ އެ ޕާޓީގެ ޓިކެޓު ބޭނުންވާ މީހުން މި މަހުގެ 20 ގެ ކުރިން ފޯމު ހުށަހަޅަން ޖެހޭނެއެވެ.

އެމްޑީޕީން މަޖިލީހުގެ 87 ދާއިރާ އަށް ވާދަކުރަން ނިންމުމުން އަދާލަތު ޕާޓީ އިން ވަނީ 13 ދާއިރާ އަށް ކުރިމަތިލާނެ ކަންމީގެ ކުރިން ވެސް އިއުލާނު ކޮށްފައެވެ.

އަދާލަތު ޕާޓީ އިން ކުރިމަތިލުމަށް ނިންމާފައި ވަނީ މިހާރު ވެސް އެޕާޓީ ތަމްސީލް ކުރާ މަކުނުދޫ ދާއިރާގެ އިތުރުން ކެލާ ދާއިރާ، ވައިކަރަދޫ ދާއިރާ، ހަނިމާދޫ ދާއިރާ، އިނގުރައިދޫ ދާއިރާ. ކާށިދޫ ދާއިރާ، މަހިބަދޫ ދާއިރާ، މުލަކު ދާއިރާ، ނިލަންދޫ ދާއިރާ، ގަމު ދާއިރާ، ފުވައްމުލަކު ދެކުނު ދާއިރާ، ފޭދޫ ދާއިރާ، މާފަންނު ދެކުނު ދާއިރާ އެވެ.

ކޯލިޝަންގެ ހުރިހާ ޕާޓިތައް މަޖިލިސް އިންތިޚާބުގައި އެއްކޮށް ވާދަކުރަން ކުރިން އެއްބަސްވެފައި އޮތް ނަމަވެސް އެމްޑީޕީ އިން އެއެއްބަސްވުމަށް އިޙްތިރާމް ނުކުރުމުން ހުރިހާ ޕާޓީއަކުން ވެސް މިހާރު ގެންދަނީ ވަކިން މަޖިލިސް އިންތިޚާބުގައި ވާދަކުރަން ތައްޔާރުވަމުންނެވެ. ޖޭޕީން ވަނީ އެ ޕާޓީގެ ޓިކެޓް ބޭނުންވާ މީހުންނަށް ފުރުސަތު ހުޅުވާލައިފަ އެވެ. އަދި މައުމޫނަށް ތާއިދު ކުރާ މީހުން ވެސް ޓިކެޓް ހޯދަން ކުރިމަތިލުމަށް ވަނީ ހުޅުވާލާފައެވެ.

އެކުގައި މަޖިލިސް އިންތިޚާބުގައި ވާދަކުރަން ކޯލިޝަންގެ ލީޑަރުން މީގެ ކުރިން ބޭއްވި ހުރިހާ ބައްދަލުވުމެއް ވަނީ ކޮޅެއްގައި ނުޖެހި ނިމިފައެވެ.