ކޯޓުތަކާ ބެހޭ އިދާރާ ކަންކަން ބަލަހައްޓާ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ އޮޑިޓަކުން ފާހަގަ ކުރެވިފައިވާ ދެ މައްސަލައެއް ތަހުގީގު ކުރުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅައިފިއެވެ.

މި މައްސަލަތަކަކީ ޑީޖޭއޭ އިން އޭސީސީ އަށް ހުށަހަޅާފައިވާ މައްސަލަތަކަކަށްވާއިރު މިއީ 2016 ވަނަ އަހަރުގެ މައްސަލަތަކެއްކަމަށް މައުލޫމާތު ލިބެއެވެ.

މި މައްސަލަތަކުގެ ތެރޭގައި ހުޅުމާލޭގައި ހަދާފައިވާ ސިވިލް ކޯޓުގެ ޑިވިޜަން ހެދުމުގެ މުއާމަލާތްތަކެއްގެ މައްސަލައާއި ހައި ކޯޓުގެ ނަމުގައި ކަސްރަތު ކުރަން ބޭނުން ކުރާ ޓްރެޑްމިލް އެއް ހޯދި މައްސަލަކަމަށް މައުލޫމާތު ލިބެއެވެ.

މި މައްސަލަތަކުގެ ތެރެއިން ސިވިލް ކޯޓުގެ ޑިވިޜަން މައްސަލައިގައި ހިމެނެނީ ފިނޭންސް އިން ހުއްދަ ދިނުމުގެ ކުރިން ފައިސާ ދޫކުރި މައްސަލައެކެވެ. ޓްރެޑް މިލްއާ ގުޅިގެން ހުށަހަޅާފައިވަނީ ހައި ކޯޓުން އެފަދަ އާލާތެއް ހޯދަން އެދިފައި ނުވުމާއި، އެފަދަ އާލާތެއް ހައި ކޯޓަށް ލިބިފައި ނުވާ މައްސަލައެވެ.