އެމްޑީޕީ އިން ހުކުރު ދުވަހު ބޭއްވި ރައްޔިތުން މަޖިލިސް އިންތިހާބުގެ ޕްރައިމަރީގައި ށ. ބިލެއްފަހީގެ ވޯޓު އޮޅުވާލި ކަމުގެ މައްސަލައެއް ފެންމަތި ވެއްޖެއެވެ.

ޕްރައިމަރީގައި މި ދާއިރާ ( ށ. ކަނޑިތީމު ) އަށް ވާދަކޮށްފައި ވަނީ އަބްދުﷲ ޝަހީމް ހަކީމް އާއި އަމީން ފައިސަލް އެވެ. އަދި އިންތިހާބުގެ ވަގުތީ ނަތީޖާއިން ދައްކާ ގޮތުގައި 6 ވޯޓުގެ ތަފާތަކުން ޕްރައިމަރީ ކާމިޔާބު ކޮށްފައި ވަނީ ޝަހީމް އެވެ.

"ވަގުތު" އަށް އެނގިފައިވާ ގޮތުގައި ބިލެއްފަހީގައި ބެހެއްޓިފައިވާ ވޯޓު ފޮއްޓަށް ވޯޓު ލައިފައި ވަނީ އެ ރަށުގައި ނެތް ބައެއް ކަމަށާއި، އެގޮތަށް 11 މީހުން ރަށުގައި ނެތް އިރު އެމީހުންގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ބެނުން ކޮށްގެން އެހެން ބަޔަކު އެމީހުންގެ ނަމުގައި ވޯޓު ލާފައިވާ ކަމަށެވެ. އެ 11 މީހުން ތިބީ މާލެ އާއި ރާއްޖޭގެ އެހެން ރަށްރަށުގައި ކަމަށާއި އެ މީހުން ގުޅައި އެކަމާއި ބެހޭ ގޮތުން ޝަކުވާ ކުރަމުން އަންނަ ކަމަށްވެސް "ވަގުތު" އަށް މައުލޫމާތު ލިބިފައި ވެއެވެ. އަދި ހަމަ އެހެންމެ މި 11 މީހުންނަކީ އާންމުކޮށް ރަށަށް ނާންނަ މީހުންކަމަށް ވާތީ ސީދާ އެއީ ކާކުކަން ވޯޓުލާ މަރުކަޒުގައި ތިބި މީހުންނަށް ނޭންގޭ ކަންވެސް ވަގުތަށް ވަނީ ކަށަވަރު ވެފައެވެ.

ކަނޑިތީމުގެ އެމްޑީޕީ ޕްރައިމަރީގެ ނަތީޖާއިން ދައްކާ ގޮތުގައި އަމީން އަށް 09 ވޯޓު ލިބިފައި ވާ އިރު ޝަހީމް އަށް ލިބިފައި ވަނީ 159 ވޯޓެވެ. އަދި ކަނޑިތީމު ދާއިރާގެ ވަގުތީ ނާތީޖާއިން ދައްކާ ގޮތުގައި އަމީން އަށް 456 ވޯޓު ލިބިފައި ވާއިރު ޝަހީމް އަށް ލިބިފައި ވަނީ 462 ވޯޓެވެ.

މީގެއިތުރުންވެސް، މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެ 11 މީހުންގެ ވޯޓު ބާޠިލު ކޮށްފިނަމަ އަމީން ޕްރައިމަރީ އިން ހޮވިވަޑައިގަންނަވާނެ އެވެ. އަދި މި މައްސަލަ އެމްޑީޕީގެ ލީޑާޝިޕްއާ ހިއްސާ ކުރުމުގެ މަސައްކަތާއި ވޯޓުލީ މީޙުންގެ ނަންނަތައް ހޯދުމުގެ މަަސައްކަތް މިހާރު އަންނަނީ ކުރެވެމުންނެވެ. ވޯޓު ލުން ކުރިޔަށް ގެންގޮސްފައި ވަނީ ދެ ކެނޑިޑޭޓުންގެ ހާޒިރުގައެވެ.