އއ. މަތިވެރީގައި ހުންނަ އެސްޓީއޯ ފާމަސީ ފަޅާލާ، ތިޖޫރީ ވަގަށް ނެގި މައްސަލައިގައި ދެމީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ މީޑިޔާ އޮފިޝަލް ވިދާޅުވީ މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ އުމުރުން 37 އަހަރާއި 33 އަހަރުގެ ދިވެހި ދެ ފިރިހެނުންކަމަށެވެ. އަދި އެމީހުން ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުންކަމަށްވެސް ފުލުހުންގެ އޮފިޝަލް ވިދާޅުވިއެވެ.

ފުލުހުން މިއަދު ހެނދުނު ވިދާޅުވީ ބުދަ ދުވަހުގެ ދަންވަރު 02:50 ހާއިރު މަތިވެރި ޕެޓްރޯލް ކުރަން ހަރަކާތްތެރިވި ފުލުހުންނަށް ދެ މީހަކު ތިޖޫރީއެއް ހިފައިގެން އުޅެނިކޮށް، ފެނިގެން މަޑުކުރަން އެންގުމުން ތިޖޫރީ އެއްލާލުމަށް ފަހު ފިލާފައިވާ ކަމަށެވެ.

ފަޅާލާފައިވަނީ އެސްޓީއޯ ފާމަސީކަން އެނގުނީ، މިކަމާ ގުޅިގެން އެރަށުގެ އޮފީސްތަކާއި ފިހާރަތައް ބަލަމުން ދަނިކޮށެވެ.

ފަހަކަށް އައިސް ރާއްޖޭގެ އެކި ސަރަހައްދުތަކުން ތިޖޫރި ވަގަށް ނެގުން ވަނީ ވަރަށް ބޮޑަށް އިތުރު ވެފައެވެ.