މަސްވެރިންނަށް ފަސޭހަ ކަމާއެކު ބޭންކިންގެ ހިދުމަތް ހޯދައިދިނުމުގެ ގޮތުން "މަސްދޯނި އެކައުންޓް" ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިފްތިތާހް ކޮށްދެއްވައިފިއެވެ.

މަސްވެރި އެކައުންޓް އިފްތިތާހްކޮށްދެއްވީ ގއ. ކޫއްޑޫގައި ބޭއްވި ހަފްލާއެއްގަައެވެ. މަސްވެރި އެކައުންޓްގައި ހިމެނެނީ މަސްވެރިޔާ ކާޑް އަދި ޑިޖިޓަލް ވޮލެޓްއެވެ.

އެ ހަފްލާގައި ވާހަކަދައްކަވަމުން ބޭންކް އޮފް މޯލްޑިވްސްގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވީ، މަސްވެރިންނަށް ފައިސާ ލިބުމަށާއި، މަސްވެރިންނަށް މިރޭ ތައާރަފް ކުރެވިގެންމިދަނީ ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ފަސޭހަކަމާއެކު ރައްކާތެރިކަމާއެކު ބޭނުންކުރެވޭނެ ހިދުމަތެއް ކަމަށެވެ.

މަސްވެރިޔާ ކާޑު އަދި ޑިޖިޓަލް ވޮލެޓަކީ މަސްވެރިންނަށް ހާއްސަކުރެވިފައިވާ ގުޅިފައިވާ އެކައުންޓްގެ ކާޑެކެވެ. އެއީ މަސްވެރިން ވިއްކާ މަހަށް ވަގުތުން ފައިސާ ލިބިގެންދާނެ ވަސީލަތެއް ކަމަށް ޝަރީފް ވިދާޅުވިއެވެ.

މި ހިދުމަތުގެ ސަބަބުން މަސްވެރިންނަށް މަސް ގަންނަ ކުންފުނިތަކަށް ފަސޭހަކަމާއެކު ފައިސާ ދެއްކޭނެކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

"މަސްވެރިޔާ ކާޑު އަދި ޑިޖިޓަލް ވޮލެޓްގެ ހިދުމަތް މަސް ދޯނިތަކުގެ ގުޅިފައިވާ އޮޑިވެރިންނާއި، ފަޅުވެރިންނަށް އަދި ކެޔޮޅުންނަށް ލިބިގެންދާނެ. އަދި މަސް ގަންނަ ކުންފުނިތަކުން ކޮންމެ ވަގުތަކުވެސް އޮޑިވެރިޔާ ނުވަތަ ކޮޔޮޅަށް ބީއެމްއެލް މާޗެންޓް ޕޯޓަލްއެއް މެދުވެރިކޮށް ފައިސާ ދެއްކޭނެ، އަދި ވަގުތުން ފައިސާ ލިބިފައި ޑިޖިޓަލް ވޮލެޓް އެކައުންޓަށް ޖަމާކުރެވި ވަގުތީ ރަޝީދެއް ވެސް ލިބިގެން ދާނެ" ޝަރީފް ވިދާޅުވިއެވެ.

އޮޑިވެރިންނަށް އެ ފައިސާ ލިބުމުން ބީއެމްއެލް މޯބައިލްޕޭ މެދުވެރިކޮށް ފަސޭހަކަމާއެކު ފަޅުވެރިންނަށް ލިބެންޖެހޭ ފައިސާ ވަގުތުން ބަހާލެވޭނެ ކަމަށްވެސް ޝަރީފް ފާހަގަކުރިއެވެ.

"ހަމަ ނަގުދު ފައިސާ ވެސް ވަގުތުން ބަހާލެވޭ ގޮތަށް ކަނޑުމަތީގައި ތިބެގެން އެބޭފުޅެއްގެ ފައިސާ ލިބިގެންދާނެ. އެގޮތަށް ބަހާލެވެނޭ،" ޝަރީފް ވިދާޅުވިއެވެ.

މިކަމަށް ބޭންކުން އެއްވެސް ފީއެއް ނުނަގާނެކަމަށްވެސް ޝަރީފް ވިދާޅުވިއެވެ. ޝަރީފް ވިދާޅުވިގޮތުގައި، މި ކާޑުގެ ބޭނުން ރާއްޖެއިން ބޭރުގައި ކުރެވޭނެއެވެ. ކާޑަކީ މާސްޓާ ކާޑެއްކަމުން ބޭރުގައި ފަސޭހަ ކަމާއެކު ބޭނުން ކުރެވޭނެ ކަމަށެވެ.

"މަސްދޯނި އެކައުންޓް" އިފްތިތާހް ކުރުމަކީ ރައީސް ސޯލިހްގެ 100 ދުވަހުގެ ވައުދުގައި ހިމެނޭ ވައުދެކެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ހުސެއިނީ

    ކިނބޫ ރަށްރަށަށް އެރުވިޔަ ނުދީ. ވަގްވޯޓުން މަކަރު ހަދައިގެން ވެރިކަމަށް އައިސްގެން އުޅޭ މީހެއްތީ.

    9
    4
  2. ހުސޭނު

    މަސްވެރިއެއްގެ ދަރިއެއްގެ ހައިސިއްޔަތުން ރައީސް ޔާމީނާއި ޑރ. ޝައިނީ އަށް ޝުކުރިއްޔާ.

    10
    1
  3. މިގޭ

    ވަގު ވޯޓު ކަލޭގެ އިންތިޚާބާ ދިމާކޮށް މީހުންގެ ބޮލަށްމޗިޕްޖަހަނީ. ކުރިންވެސް ބޭންކު ކާޑުން ފައިސާ ނެގޭ އަދި ޖަމާކުރާކަށްވެސް ބޭންކަށްދިޔާމާ އުނދަގުލެއްނޫން. މަކަރުވެރިޔާ ކޮންގަނޑެއް ގަންނަން ތިއުޅެނީ.