ސައުދީ ސަރުކާރުގެ ހިލޭ އެހީގައި މާލޭ އާޓިފިޝަލް ބީޗްގެ އުތުރުން ބިނާކުރާ ރާއްޖޭގައި މިހާތަނަށް ހަދާ އެންމެ ބޮޑު މިސްކިތް ކަމަށްވާ "ކިންގް ސަލްމާން" މިސްކިތުގެ މަސައްކަތް ބާރު ސްޕީޑެއްގައި ކުރިޔަށް އެބަދެއެވެ.

މި މިސްކިތަކީ ހަބުރިއަށް އިމާރާތް ކުރާ މިހާތަނަށް ރާއްޖޭގައި އިމާރާތް ކުރާ އެންމެ ބޮޑު އަދި އެންމެ ރީތި މިސްކިތަށް ވާނޭކަމަށް ހައުސިން މިނިސްޓްރީ އިން ބުނެފައިވެއެވެ. މި މިސްކިތުގައި މަލްޓި ޕާޕާސް ހޯލަކާއި، ދުނިޔޭގެ ފެންވަރުގެ ލައިބްރަރީއަކާއި، އޮޑިޓޯރިއަމަކާއި، ސެމިނާތަކާއި ކުލާސްރޫމްތަކެއް ހުންނަ އިރު ގުރުއާނާބެހޭ މަރުކަޒުވެސް މި އިމާރާތް ނިމުމުން އެތަނަށް ބަދަލުކުރުމަށް ވަނީ ހަމަޖެހިފައެވެ.

ކިންގް ސަލްމާން މިސްކިތް އެޅުމަށް ހަވާލުކޮށްފައިވަނީ ރާއްޖޭގައި ޓްރީ ޓޮޕް ހޮސްޕިޓަލް އެޅި ތަޖުރިބާ ހުރި ތުރުކީގެ ޓާމެކްސް ކުންފުންޏާއެވެ.

އެ ކުންފުންޏާ އެކު މިސްކިތް އެޅުމަށް އެއްބަސް ވެފައިވަނީ 500 ދުވަސްތެރޭގައި މިސްކިތުގެ ހުރިހާ މަސައްކަތެއް ނިންމުމަށެވެ. މިހާރު ކިންގް ސަލްމާން މިސްކިތުގެ ފައުންޑޭޝަންގެ ހުރިހާ މަސައްކަތެއް ނިންމައި ގްރައުންޑް ފުލޯގެ ހުރިހާ ތަބުތަކެއް ހަދާފައިވާއިރު ދީފައިވާ މުއްދަތުގެ ތެރޭގައި ހުރިހާ މަސައްކަތެއް ނިންމާލެވޭނެކަމަށް ޓާމެކްސް ކުންފުނިން ވަނީ ބުނެފައެވެ.

ކިންގް ސަލްމާން މިސްކިތުގެ މަސައްކަތް ގޮސްފައިވާ ހިސާބު - ވަގުތު ފޮޓޯ: އިބްރާހިމް ޝާބިލް

24 މިލިއަން ޑޮލަރަށް ތުރުކީގެ ޓާމެކްސް ކުންފުންޔާ ހަވާލުކޮށްގެން އިމާރާތް ކުރާ މި ރީތި މިސްކިތް އަންނަ އަހަރުގެ އޮގަސްޓްމަހުގެ ތެރޭގައި ނިންމާލެވޭނެކަމަށް ލަފާކުރެވޭކަމަށް ހައުސިން މިނިސްޓަރު ޑރ.މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ.

މި މިސްކިތުގައި އިސްލާމީ މަރުކަޒެއްގައި ހުންނަންޖެހޭ ވަރަށް ގިނަ ކަންތައްތަކެއް ލިބެން ހުންނާނެ ކަމަށާއި އިސްލާމް ދީން ކުރިއަރުވައި، ދީނީ ވަހުދަތު ކުރިއަރުވަން ބޭނުން ކުރެވޭ ހުރިހާ ވަސީލަތެއް މި މިސްކިތުގައި ގާއިމު ކުރާނެކަމަށް މިނިސްޓަރު މުއިއްޒު ވިދާޅުވެފައިވެއެވެ.

ހައުސިން މިނިސްޓަރ މައުލޫމާތު ދީފައިވާ ގޮތުގައި މި މިސްކިތުގައި އެއްފަހަރާ 6،000 މީހުނަށް ނަމާދުކުރުމުގެ އިންތިޒާމް ހަމަޖެހިގެން ދާނެއެވެ. އަދި މިސްކިތް ހިމެނޭ ސަރަހައްދުގައި މާބުލް ޖެހުމުން އެހިސާބާއެކު އެއްފަހަރާ 10،000 މީހުނަށް ނަމާދުކުރެވޭނެއެވެ.

ކިންގް ސަލްމާން މިސްކިތުގެ މަސައްކަތް ކުރިޔަށް ދިޔަވަރު ބަލާލުމަށްޓަކައި "ވަގުތު" އިން މިއަދު އެސަރަހައްދައް ދިޔައިރު އެމިސްކިތުގެ ފައުންޑޭޝަން ނިންމައި ގުރައުންޑް ފުލޯގެ ތަބުތަށް ނިމިފައި ހުރިކަން ފާހަގަކޮށްލެވެއެވެ.

ކިންގް ސަލްމާން މިސްކިތް ނިމުމުން ހުންނާނެ ގޮތް - ފޮޓޯ: ހައުސިން މިނިސްޓްރީ

މި މިސްކިތާއި ގުޅިގެން އިތުރަށް މައުލޫމާތު ހޯދުމަށް މިދިޔަ ހަފްތާއިން ފެށިގެން "ވަގުތު" އިން ހައުސިން މިނިސްޓްރީގެ މީޑިޔާ އޮފިޝަލަށް ގުޅުމަށް މަސައްކަތް ކުރި ނަމަވެސް އެބޭފުޅާ ފޯނަށް ޖަވާބު ނުދެއްވާތީ އެއްވެސް އިތުރު މައުލޫމާތެއް ވަނީ ލިބޭގޮތް ނުވެފައެވެ.