"އެކްޓިވް ޗައިލްޑް" ގެ ނަމުގައި، ކުދިންގެ ދުޅަހެޔޮކަމާއި ހެދިބޮޑުވުމާއި ގުޅޭ ޕްރޮގްރާމެއް އިސްކަންދަރު ސުކޫލުގައި ތަޢާރަފްކޮށްފިއެވެ. މިއީ ރާއްޖޭގެ ސުކޫލެއްގައި ތަޢާރަފްކުރި މިފަދަ ފުރަތަމަ ޕްރޮގްރާމެވެ.

މިކަން އިފްތިތާޙުކުރުމަށްޓަކައި މިއަދު ހެނދުނު އެ ސުކޫލުގައި ބޭއްވި ޙާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ، ރާއްޖޭގެ ކުރީގެ މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ، އަދި ގޯލްކީޕަރ މަޢުރޫފު އަޙުމަދެވެ.

އިސްކަންދަރު ސުކޫލުގައި ތަޢާރަފްކުރި މި ހަރަކާތާއި ގުޅޭގޮތުން "ވަގުތު" އަށް މަޢުލޫމާތު ދެެއްވަމުން، އެ ސުކޫލުގެ ޕްރިންސިޕަލް ޙުސައިން ސަޢީދު ވިދާޅުވީ، މި ޕްރޮގްރާމުގެ އެންމެ ބޮޑު ބޭނުމަކީ އިސްކަންދަރު ސުކޫލުގެ ދަރިވަރުންނަކީ ދުޅަހެޔޮ، ހަށިހެޔޮ ދަރިވަރުން ތަކަކަށް ހަދާ އެކުދިން ރަނގަޅު ޞިއްޙަތެއްގައި ހެދިބޮޑުވުމަށް އެހީތެރިވުން ކަމަށެވެ.

"މީގެ އެންމެ ބޮޑު ބޭނުނަކަށް ވެފައި މިވަނީ ކުދިން މިހާރަށް ވުރެ ބޮޑަށް ހެލިފެލިވެ، ހަރަކާތްތެރިވެ އަދި ކިޔެވުމަށްވެސް އިތުރަށް ޝައުޤުވެރިކަން އިތުރު ވެގެން ދާނެކަމަށް ޤަބޫލުކުރެވޭތީވެ މި ޕްރޮގްރާމު ފަށަން މި ޖެހުނީ. ވަރަށް ގިނައިރު ވަންދެން ކުއްޖަކު ނުވަތަ މީހަކު އެއްތަނެއްގައި އިށީންދެގެން އިންނަންވެއްޖެ ކަމަށްވަންޏާ އޭނަގެ ކޮންސަންޓްރޭޝަން ގެއްލޭނެ. އެހެންވީމާ، މިފަދަ ޕްރޮގްރާމެއް ފެށީމާ ކޮންމެ ޕީރިއެޑެެއް ފެށުމުގެ ކުރީގައި މީގެން ކޮންމެެވެސް އެކްސަސައިޒެއް ކޮންމެ ކުއްޖަކުވެސް ހަދާނެ." ސަޢީދު ވިދާޅުވިއެވެ.

މިއަދު ތަޢާރަފްކުރި މި ޕްރޮގްރާމުގެ ތެރެއިން ޖުމްލަ ދިހަ އެކްސަސައިޒެއް ހަދާނެ ގޮތް ވަނީ ދަރިވަރުންނަށް ދައްކާލާފައެވެ. މި ޕްރޮގްރާމުގެ އިންސްޓްރަކްޓަރ އެއްގެ ގޮތުގައި ހަރަކާތްތެރިވެލައްވަނީ، ފިޓްނަސް އިންސްޓްރަކްޓަރ ޢަޒީމާ ޢަބްދުﷲ އެވެ.

މި ހަރަކާތާއި ގުޅޭގޮތުން "ވަގުތު" އަށް މަޢުލޫމާތު ދެއްވަމުން އަޒީމާ ވިދާޅުވީ، ދަރިވަރު ސުކޫލުގައި އުޅޭ ދުވަސްވަރު އެކުދިންގެ ދުޅަހެޔޮކަމާއި ހެދިބޮޑުވުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަކީ ވަރަށް މުޙިއްމު ކަމެއްކަމަށާއި، މިކަމުގައި ސުކޫލުގެ ހުރިހާ ޓީޗަރުންނާއި އެކުދިންގެ ބެލެނިވެރިންވެސް ބައިވެރިވުމަކީ އެދޭ ކަމެއް ކަމަށެވެ.

"އަޅުގަނޑުމެން އެންމެ ބޮޑަށް ބޭނުންވަނީ ކުދިން އަމިއްލަ އަށްވެސް ކުރެވިދާނެ ކަންތައްތަކެއް ނިންމަން. އެއީ އަބަދު ޓީޗަރުންނެއް ނޫން ކުދިންނަށް ކަންތައްތައް ކޮށްދޭނީ. ޑެމޮންސްރޭޝަން އެއް ދީފަ ދެން އަޅުގަނޑުމެން ދަސްކޮށްދޭން މި ޖެހެނީ އެމީހުން އަމިއްލަ އަށް އެކަން ކުރާނީ ކިހިނެއްތޯ. އޭރުން ގެއަށްވެސް އެ ކޮންސެޕްޓް ދާނެ." އަޒީމާ ވިދާޅުވިއެވެ.

އިސްކަންދަރު ސުކޫލަކީ ގުރޭޑް 1 ން 10 ށް ކިވައިދޭ ސުކޫލެކެވެ. އެ ސުކޫލުގައި މިވަގުތު 2232 ދަރިވަރުން ތަޢުލީމު ހާޞިލްކުރަމުން ގެންދެއެވެ.