ނަޒާޙަތްތެރިކަން ގެއްލިފައިވާ އެއްވެސް ފަރާތަކަށް، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުން ފުރުސަތު ދީގެން ނުވާނެ ކަމަށް، އުނގޫފާރު ދާއިރާއަށް އަމިއްލަ ގޮތުން ވާދަކުރައްވާ ޢަބްދުލްމަޠީން ވިދާޅުވެއްޖެއެވެ.

މަޠީން މިހެން ވިދާޅުވީ، ސަންގު ޓީވީން ރޭ ގެނެސްދިން "ޚަބަރަށްފަހު" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

"ނަޒާޙަތްތެރިކަން ގެއްލިފައިވާ ފަރާތްތަކަށް ރައްޔިތުންގެ މަޖިލީހުން ފުރުޞަތު ދެވިގެން ނުވާނެ. ނަޒާޙަތްތެރިކަން ގެއްލިފައިވާ ފަރާތްތަކަށް ދެވަނަ ފުރުޞަތެއް ދޭ ކަމަށްވަންޏާ ރައްޔިތުން ބޭނުންވާ ހެޔޮ ބަދަލު، ރައްޔިތުން މި ބޭނުންވާ ސުލްޙަވެރި މުޖުތަމަޢު ބިނާވެގެނެއް ނާންނާނެ." މަޠީން ވިދާޅުވިއެވެ.

އިތުރަށް ވާހަކަފުޅު ދައްކަވަމުން މަޠީން ވިދާޅުވީ، ނަޒާޙަތްތެރި މެމްބަރަކު އެ ދާއިރާއެއް ތަމްޞީލް ކުރަން ބޭނުންކަމަށްވާނަމަ، އެންމެ ފުރަތަމަ ނަޒާޙަތްތެރިވާން ޖެހޭނީ އެ ދާއިރާއެއްގެ ރައްޔިތުން ކަމަށާއި، ފައިސާ ހިފައިގެން ވޯޓު ގަންނަން އަންނަ މީހުންނަށް ނޫނެކޭ ބުނަން ޖެހޭނެ ކަމަށެވެ.

"ނަޒާޙަތްތެރި މަޖިލީހެއް ޤާއިމު ނުކުރެވޭހާ ހިނދަކު ހެޔޮ ވެރިކަމެއް ނުކުރެވޭނެ. ހެޔޮވެރިކަމެއް ނުކުރެވޭހާ ހިނދަކު ރައްޔިތުން ބޭނުންވާ އަސާސީ ޚިދުމަތްތަކެއް ފޯރުކޮށެއް ނުދެވޭނެ. އަސާސީ ޚިދުމަތް ނުލިބޭހާ ހިނދަކު ރައްޔިތުން ތިބޭނީ ނިކަމެތިކަން މަތީގަ." މަޠީން ވިދާޅުވިއެވެ.

މަޠީން އަކީ ޕީޕީއެމް ގައި ވަރަށް އިސްކޮށް މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ. އަދި އުނގޫފާރު ދާއިރާގެ ޕްރޮގްރެސިވް ކޯލިޝަންގެ ޓިކެޓްވެސް މަޠީނަށް ލިބިވަޑައިގަތެވެ. ނަމަވެސް، އުނގޫފާރު ދާއިރާއަށް ޖުމްހޫރީ ޕާޓިގެ ޓިކެޓުގައި ވާދަކުރައްވާ ކެނޑިޑޭޓަށް ޕްރޮގްރެސިވް ކޯލިޝަނުން ތާޢިދުކުރުމަށް ނިންމުމާއި ގުޅިގެން، މަޠީންގެ އަތުން ވަނީ އެ ޓިކެޓް ނަގާފައެވެ. އެހެންނަމަވެސް އެ ދާއިރާގެ ވަރަށް ގިނަ ބައެއްގެ އެދުމުގެ މަތިން، އުނގޫފާރު ދާއިރާއަށް އަމިއްލަ ގޮތުން ވާދަކުރައްވަން މަތީން ވަނީ ނިންމަވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކޮމޮލިކާ

    ނަޒާހަތްތެރިކަން ބޮޑުކަމުންދޯ 5 އަހަރު ވަންދެން ޔާމީން ގައުމުލޫޓުވަމުން ދުވިއިރު މަތީންހުރީ އަތްޖަހާފަ ހިއްވަރުދޭން

    3
    4