ވޭތުވެ ދިޔަ މާޒީގައި، ސިޔާސީ ބޭފުޅުންގެ ޢަމަލުތައް ގެންގުޅުއްވާފައިވާ ގޮތުން، މިއަދު މި މައިދާނަށް ނިކުންނަ ފަރާތްތަކަށް، ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވަމުންދާ ކަމަށް، އައިޝަތު ނާޒިމާ ވިދާޅުވެއްޖެއެވެ.

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ހެންވޭރު ހުޅަނގު ދާއިރާއަށް ކުރިމަތިލައްވާ، ނާޒިމާ، "ވަގުތު" އަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ، ދާއިރާގެ ގޭގެއަށް ޒިޔާރަތްކޮށް، ދާއިރާގެ ރައްޔިތުންގެ އަޑުތައް އިވިފައިވާއިރު، މީގެ ކުރިން، އެ ދާއިރާގެ ރައްޔިތުން ތަމްޞީލް ކުރުމަށް، ސިޔާސީ މަޤާމުތަކުގައި ތިއްބެވި ފަރާތްތަކުގެ ޢަމަލުތައް ހުރިގޮތުން، އެ ރައްޔިތުންގެ ކަންބޮޑުވުން އިންތިޙާއަށް އެބަހުރި ކަމަށާއި، އެކަންކަން ހައްލު ކުރެވޭނީ، ދައްކާ ވާހަކައާއި ޢަމަލާއި ދިމާވެގެން ކަމަށެވެ.

"ސިޔާސީ މަޤާމުތަކުގައި ތިއްބެވި ފަރާތްތަކުން ޢަމަލުތައް ގެންގުޅުއްވާފައި ހުރި ގޮތުން ވަރަށް ބޮޑު ގޮންޖެހުންތައް އެބަހުރި. އަޅުގަނޑުމެން ދައްކާ ވާހަކަތާއި އަޅުގަނޑުމެންގެ ޢަމަލުތައްވެސް އެބަޖެހޭ ދިމާވާން. އޭރުން މި ދާއިރާގެ އިތުބާރު ހިފެހެއްޓޭނީ. ޒުވާނުންވެސް ހިތް ހަމަޖެހުމާއި އެކު މި ދާއިރާއަށް ނިކުންނާއި އޭރުން." ނާޒިމާ ވިދާޅުވިއެވެ.

އިތުރަށް މަޢުލޫމާތު ދެެއްވަމުން ނާޒިމާ ވިދާޅުވީ، ކުރިއަށް އޮތް އިންތިޚާބު ކާމިޔާބު ވެއްޖެނަމަ، ދާއިރާގެ ރައްޔިތުންގެ އިތުބާރު ދަމަހައްޓަވާނެ ކަމަށާއި، އިދާރަކުރެއްވިއްޔާ، ދާއިރާގެ ރައްޔިތުންނާއި ގާތުން މަސައްކަތް ކުރައްވާނެ ކަމަށެވެ.

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގައި ނާޒިމާ ވާދަކުރައްވަނީ ޖުމްހޫރީ ޕާޓީގެ ޓިކެޓުގައެވެ. މަޖިލިސް އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ހަވަނަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ބާނީ

    މީ ދެން ކީކޭކިޔާ މީހެއް. މަޖްލިސް އަށް ކުރިމަތިލުމުގައި ސަރުކާރުން ކިޔަވައިގެން ތިބި ޤާބިލް މީހުނަށް އިސްކަން ދޭން ވެއްޖެ. ޢަދި ކުރިމަތި ލުމަށް ވަކި ކްރައިޓީރިއާއެއް ކަނޑައަޅަން ވެއްޖެ. މިޤައުމުގައި ކިޔަވައިގެން ވަޒީފާ ނުލިބި ޒުވާނުން އެބަތިބި. ނުކިޔަވާ ކުޅިވަރު ކުޅެގެން ކެރިއަރ ނިމުނީމަ ލާރި ހޯދަން މަޖްލިހަށް މި ކުރިމަތި ލަނީ. ޢެވެސް ހޮވުނީމަ ރައްޔިތުން ފެންނަ ކަމަށްވެސް ނަހަދާނެ. ޢަދި މަޖްލިސްގަ ހަނު ހުންނަނީ.