ބޮޑެތި ބައެއް މަޝްރޫއުތަކަކީ ގިނަ އަދަދެއްގެ ރުށްގަސް ނަގައިގެން ނޫނީ ނުހިންގޭނެ މަޝްރޫއުތައް ކަމަށާއި އެފަދަ މަޝްރޫއުތަކަށް ނަގާ ރުއްގަސް އެހެން ރަށް ރަށަށް ގެންދިއުމުގެ ހުއްދަ ދެމުން އަންނަ ކަމަށް އެންވަޔަރްމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން މިއަދު ބުނެފިއެވެ.

އީޕީއޭއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ސިނާއީ ގޮތުން ދަނޑުވެރިކަން ކުރުމާއި އެއާޕޯޓް ތަރައްގީކުރުން ފަދަ ބޮޑެތި މަޝްރޫއުތަކަކީ ގިނަ އަދަދެއްގެ ރުއް ގަސް ނަގައި ބިން ސާފުކޮށްގެން ނޫނީ ކުރިއަށް ނުގެންދެވޭނެ ފަދަ ކަންކަން ކަމަށާއި، މިފަދަ މަޝްރޫއުތަކަށް ނަގާ ރުއްގަސް އެ މަސައްކަތެއް ކުރާ ރަށުގެ އެހެން ސަރަހައްދެއްގައި އިންދާނެ ޖާގައެއް ގިނަ ފަހަރު ނޯންނާތީ، އެ ރުއްގަސްތައް ނަގަން ހުއްދަ ދޭނެ ކަމަށެވެ.

އޭގެ އިތުރުން ބަޔާނުގައި ބުނެފައި ވަނީ ނަގަން ޖެހޭ ހުއްދަތައް ނުނަގައި މިފަދަ މަސައްކަތްތައް ކުރަމުންދާ ފަރާތްތަކާ މެދު އެ އެޖެންސީން ދަނީ ތަފާތު ކުރުމެއް ނެތި އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުން ކަމަށެވެ.

މީހުން އުޅޭ ރަށްރަށުން ގިނަ އަދަދެއްގެ ރުއް ނަގައިގެން ރިސޯޓްތަކަށް ގެންދަނީ ގަވާއިދަށް ފައްތަންވެގެން އެކި ސަބަބުތައް ދައްކައިފަ އެވެ. އެގޮތުން 200 އަށް ވުރެ ގިނަ ރުއް ނަގަން ސަރުކާރުން ހުއްދަ ދެނީ ރަށުގެ ރައްޔިތުންނަށް މުހިންމު ކޮންމެވެސް ކަމެއް ކުރަން ބިމެއް ބޭނުންވާ ނަމައެވެ.