މަޖީދިއްޔާ ސުކޫލަށް 92 އަހަރު ފުރުން، އެ ސުކޫލުގެ މުސްކުޅި ދަރިވަރުން މިރޭ ފާހަގަކޮށްފިއެވެ.

އެ ސުކޫލަށް 92 އަހަރު ފުރިފައިވަނީ މިއަދުއެވެ. އެކަން ފާހަގަ ކުރުމުގެ ގޮތުން އެ ސުކޫލުގެ މުސްކުޅި ދަރިވަރުން ވަނީ ސުކޫލުގެ ދިދަ ހިފައިގެން ސުކޫލުވަށާ ހިނގާލުމެއް ބާއްވާފައެވެ.

މިރޭގެ ހިނގާލުމުގައި ޖުމްލަ 27 ބޭފުޅުން ވަނީ ބައިވެރިވެފައެވެ. ހިނގާލުމުގައި ބައިވެރި ހުރިހާ ބޭފުޅުންގެ މައްޗަށް ބަހާލައިިގެން، ސުކޫލު ވަށާ، ޖުމްލަ 92 ބުރު ވަނީ ޖަހާފައެވެ.

މި ހިނގާލުމާއި ގުޅޭގޮތުން "ވަގުތު" އަށް މަޢުލޫމާތު ދެއްވަމުން، އެ ސުކޫލުގެ މުސްކުޅި ދަރިވަރު، އިސްމާއިލް އިބްރާހިމް (ސިއްކަ އިސްމާއިލް) ވިދާޅުވީ، މި ހިނގާލުމަކީ ސުކޫލަށް 92 އަހަރު ފާހަގަކުރުމުގެ ގޮތުން ބާއްވާ ހިނގާލުމެއް ކަމަށާއި، އަދި 1992 ވަނަ އަހަރު މަޖީދިއްޔާއިން ވަޅުލި ޓައިމް ކެޕްސޫލު ހޯދިފައިނުވާތީ އެކަން ފާހަގަކުރުމުގެ ގޮތުން ބާއްވާ ހިނގާލުމެއް ކަމަށެވެ.

"މިއީ 92 ވަނަ އަހަރުގެ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ބާއްވާ ހިނގާލުމެއް. ހިނގާލުމުގެ ބައިވެރިންގެ އަތުގައި ކަޅު ރިބަން ފަށެއް އައްސާފައި އެވަނީ މީގެ 27 އަހަރު ކުރިން ވަޅުލި ކެޕްސޫލު ފެނިފައިނުވާތީ އެކަމުގެ ހިތާމަ ފާހަގަކުރުމުގެ ގޮތުން. މިއީ އަޅުގަނޑުމެން އަމިއްލަ ގޮތުން ރޭވި ހަރަކާތެއް" އިސްމާއިލް ވިދާޅުވިއެވެ.

މަޖީދިއްޔާ ސުކޫލުން ވަޅުލި ޓައިމް ކެޕްސޫލު ފެނިފައިވާކަމަށް ބައެއް މީޑިޔާތަކުން ރިޕޯޓުކުރި ނަމަވެސް އިސްމާއިލް އެކަން ދޮގުކުރެއެވެ. އިސްމާއިލް ވިދާޅުވީ، އެ ކެޕްސޫލުގައި ހުރި ބައެއް ތަކެތި ފެނިފައިވާ ކަމަށާއި، އެތަކެތި އެހާ ބޮޑަށް ހަލާކުވެފައި އެވަނީ ވަރަށް ގިނަ ބައެއްގެ އިހުމާލުން ކަމަށެވެ.

މަޖީދިއްޔާގެ ޓައިމް ކެޕްސޫލަކީ އެ ސުކޫލުގެ 100 ވަނަ އަހަރީ ދުވަހު ނަގާގޮތަށް ވަޅުލި ކެޕްސޫލެކެވެ.