އެވިޑް ކޮލެޖްގައި މުޅި އަލަށް ޤާނޫނީ ދާއިރާ އިން މަތީ ތައުލީމް ހާސިލް ކުރުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ބެޗްލާސް އޮފް ޝަރީއާ އެންޑް ލޯ އިފްތިތާހް ކޮށްފިއެވެ.

ޝަރީއާ އެންޑް ލޯ ކޯސް އިފްތިތާހް ކުރުމުގައި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެވިޑް ކޮލެޖްގެ ޑެޕިއުޓީ ޑިރެކްޓަރ އަހްމަދް ފަޔާޒް ވިދާޅުވީ މި ކޯހަކީ މުޅިން އަލަށް އެ ކޮލެޖްގައި ތައާރަފް ކުރެވިގެން ދާ ކޯހެއް ކަމަށާއި، މި ކޯސް ކޮލެޖްގެ ވުޖޫދަށް ގެނައުމަށް މަސައްކަތް ކުރަމުން އަންނަތާ އަހަރެއް ހާ ދުވަސް ވެދާނެ ކަމަށެވެ.

އެވިޑް ކޮލެޖުން ގެންގުޅެން ނިންމާފައިވަނީ އާންމުންނަށް ވަރަށް ވެސް ފަސޭހަ އުސޫލުތަކެވެ. އެގޮތުން 'ޑިޖިޓަލް ލާނިން' ސިސްޓަމްއެއް އެކުލަވާނެއެވެ. އަދި ރާއްޖޭގެ ކޮންމެ ރަށެއްގައި ހުއްޓަސް މިކޯހުގައި ބައިވެރިވެގެން ކިޔެވޭނެއެވެ.

ބީހައިވް ހޮޓެލްގައި ރޭ ކުރިއަށް ގެންދިޔާ ހަފްލާގައި މި ކޯސް ލޯންޗް ކޮށްދެއްވީ ހަފްލާގެ ޝަރަފްވެރި މެހްމާން މިނިސްޓަރ އޮފް ސްޓޭޓް ފޯ އެޑިއުކޭޝަން ޑރ. އަބްދުﷲ ރަޝީދް އަހްމަދެވެ. އަދި ފެކަލްޓީ އޮފް އިސްލާމިކް ސްޓަޑީޒްގެ ޑީން ޑރ. އަބްދުﷲ ޒިޔާދު ވަނީ މިކޯހާއި ބެހޭ ކުޑަކުޑަ ޕްރެޒެންޓޭޝަނެއް ދެއްވާފައެވެ. ޒިޔާދު ވިދާޅުވީ އަހަރަކަށް ވުރެ ގިނަ ދުވަހުގެ މަސައްކަތް މިރޭ ފެނިގެން ދިޔުމަކީ ވަރަށް ވެސް އުފާވާ ކަމެއްކަމުގައެވެ.

އެވިޑް ކޮލެޖްގައި ބެޗެލާސް އޮފް ޝަރީއާ އެންޑް ލޯ ކޯސް އިފްތިތާހް ކުރުމުގެ ހަފްލާ – ވަގުތު އިމޭޖްސް: މުހައްމަދު އަފްޒަލް
އެވިޑް ކޮލެޖްގައި ބެޗެލާސް އޮފް ޝަރީއާ އެންޑް ލޯ ކޯސް އިފްތިތާހް ކުރުމުގެ ހަފްލާ – ވަގުތު އިމޭޖްސް: މުހައްމަދު އަފްޒަލް

ބެޗެލާ އޮފް ޝަރީއާ އެންޑް ލޯ ބެހިގެން ދަނީ 3 އަހަރަކަށެވެ. ފުރަތަމަ އަހަރަކީ ޑިޕްލޮމާ، ދެވަނަ އަހަރަކީ އެސޯސިއޭޓް ޑިގްރީ އަދި ތިން ވަނައަހަރަކީ ބެޗެލާއެވެ. ކޯހުގެ ފުރަތަމަ އަހަރު، ފީއެއްގެ ގޮތުގައި ދައްކަން ޖެހޭނީ 2350 ރުފިޔާއެވެ. ކޯހުގެ ފަހު ދެ އަހަރު ފީއެއްގެ ގޮތުގައި ދައްކަން ޖެހެނީ މަހަކު 2500 ރުފިޔާއެވެ.

ކޯހުގެ ފުރަތަމަ އަހަރުގައި ކިޔަވައިދޭ މާއްދާތަކަކީ، ޕްރިންސިޕަލްސް އޮފް ލޯ، ކްރިޓިކަލް ތިންކިން، ރިސާޗް މެތަޑްސް، އަރަބި ބަސް، ކޮންސްޓިޓިއުޝަނަލް ލޯ އެންޑް ޕޮލިޓިކަލް ސިސްޓަމްސް، އުސޫލުލް ފިގުހް، ލޯ އޮފް ޓޯޓްސް އަދި މޯލްޑިވިއަން ލީގަލް ސިސްޓަމްސް އެވެ.

ދެވަނަ އަހަރުގައި ކިޔަވައިދޭ މާއްދާތަކަކީ، ކްރިމިނަލް ލޯ، ކޮމްޕެނީ ލޯ، ފިގުހުލް މުއާމަލާތު، އިސްލާމިކް ފެމިލީ ލޯ، އިސްލާމިކް ކްރިމިނަލް ލޯ، ޓްރަސްޓް އެންޑް އިކުއިޓީ ލޯ، ގަވާއިދުލް ފިގުހިއްޔާ، އިންގްލިޝް ފޯ ލޯ އަދި ޕަބްލިކް އިންޓަނޭޝަނަލް ލޯއެވެ.

ފަހު އަހަރުގައި ކިޔަވައި ދޭނީ، ލީގަލް ޕްރެކްޓިސް، އެމްޕްލޯއިމެންޓް ލޯ، ޕްރޮޕަޓީ ލޯ، އެޑްމިނިސްޓްރޭޓިވް ލޯ، ސިވިލް އެންޑް ކޮމާޝަލް ޕްރޮސީޖާ، ލޯ އޮފް އެވިޑެންސް، އިސްލާމިކް އިންހެރިޓެންސް ލޯ، ކްރިމިނަލް ޕްރޮސީޖާ އަދި ކޮންޓެމްޕްރަރި ފިގުހުއެވެ.

ފެކަލްޓީ އޮފް އިސްލާމިކް ސްޓަޑީސްގެ ދަށުން ހިންގުމަށް ހަމަޖެހިފައިވާ ކޯސް ތަކަކީ:
ހ. ޝަރީއަތާއި ޤާނޫން ޑިގްރީ
ށ. އިމާމްކަމުގެ ޑިގްރީ
ނ. ޢަރަބި ބަސް
ރ. ކީރިތި ޤުރުއާން މުދައްރިސް ޑިގްރީ
ބ. އިސްލާމް މުދައްރިސް ޑިގްރީ

މިޖަލްސާގެ ޝަރަފްވެރި މެހްމާން މިނިސްޓަރ އޮފް ސްޓޭޓް ފޯ އެޑިއުކޭޝަން ޑރ. އަބްދުﷲ ރަޝީދު އަހްމަދު ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ މިއީ ތާރީހުގައި ފާހަގަ ކޮށްލެވޭނެ ރެއެއްކަމަށާއި، އެވިޑް ކޮލެޖް ވުޖޫދަށް އައިސް ހިންގަން ފަށާފައިވަނީ ރާއްޖެއަށް ފައިދާ ކުރާ ކަހަލަ ކޯސްތަކެއް ކަމަށެވެ.

އެވިޑް ކޮލެޖަކީ ބާރު ދުވެއްޔެއްގައި ރާއްޖޭގައި ކުރިއަރަމުން އަންނަ ކޮލެޖެއްކަން ވެސް ރަޝީދު ފާހަގަ ކޮށްފައިވެއެވެ. އެވިޑް ކޮލެޖް މިހާ ކުރިއަރައިގެން މިދަނީ ކޮލެެޖްގެ ޗެއާމަން އަދި ކޮލެޖްގެ އެންމެހާ މުވައްޒަފުންގެ ބުރަ މަސައްކަތުންކަން ފާހަގަކުރައްވާ ރަޝީދު ވިދާޅުވީ އަދި މި ޓީމަކީ ގާބިލު، ތަންދެކެ ލޯބިވާ ދަރިވަރުން ދެކެ ލޯބިވާ ޓީމްއެކެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެވިޑް ކޮލެޖްގެ ޗެއާމަން އަބްދުﷲ މުސްތާގް ރަޝާދު ވިދާޅުވީ ދެކެމުން އައި ހުވަފެން ހަގީގަތަކަށް ވުމުން ވަރަށް އުފާވާކަމަށެވެ. އަދި މި ޕްރޮގްރާމް ހިންގަން ވަރަށް ގިނަ ބޭފުޅުންގެ އެހީތެރިކަން ލިބިގެންދިޔަކަމަށެވެ. އެގޮތުން ސުޕްރީމް ކޯޓްގެ އެންމެހާ އިސްބޭފުޅުން މި ޕްރޮގްރާމްގެ ކޮންޓެންޓްތައް ބައްލަވާދެއްވާފައިވާތީ އެކަމަށް ވަރަށް ބޮޑަށް ޝުކުރު އަދާކޮށްފައިވެއެވެ.

އެވިޑް ކޮލެޖްގައި ބެޗެލާސް އޮފް ޝަރީއާ އެންޑް ލޯ ކޯސް އިފްތިތާހް ކުރުމުގެ ހަފްލާ – ވަގުތު އިމޭޖްސް: މުހައްމަދު އަފްޒަލް
އެވިޑް ކޮލެޖްގައި ބެޗެލާސް އޮފް ޝަރީއާ އެންޑް ލޯ ކޯސް އިފްތިތާހް ކުރުމުގެ ހަފްލާ – ވަގުތު އިމޭޖްސް: މުހައްމަދު އަފްޒަލް

ރަޝާދު ވިދާޅުވެފައިވަނީ އުއްމީދަކީ މި ކޮލެޖަކީ ނަމޫނާ ކޮލެޖެއްގެ ގޮތުގައި ކުރިޔަށް ގެންދިއުން ކަމަށެވެ. އަދި މޮޑެލް ކޯޓް އެއްގެ ގޮތުގައި ކްލާސް ބައްޓަންކޮއްގެން ދަރިވަރުންނަށް ވަކާލާތު ކުރަން ދަސްކޮށްދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. މިކަމުން ދަރިވަރުންނަށް އެ މާހައުލުގައި އަމަލު ކުރަންވާ ގޮތް ދަސްވެގެން ދާނެއެވެ. މީގެ އިތުރުން މުސްތާގު ވިދާޅުވީ ހިލޭސާބަހަށް އެހެނިހެން ކޮލެޖްތަކުގެ ކުދިންނަށް މިކަންތަކުގައި އެހީތެރިކަން ފޯރު ކޮށްދެއްވާނެ ކަމަށެވެ

މި ކޯސް މިހާރު ރާއްޖޭގައި ހިންގަމުން އަންނަނީ 4 ކޮލެޖެއްގައެވެ. އެވިޑް ކޮލެޖުން މިކޯސް ފެށުމާއެކު އެ ކޮލެޖު ވެގެން ދާނީ މި ކޯސް ހިންގާ 5 ވަނަ ކޮލެޖަށެވެ.