ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރެއްވި ކެންޑިޑޭޓުންގެ ތެރެއިން މާލީ ބަޔާން ހުށަނާޅާ ކެނޑިޑޭޓުންނަށް ދަޢުވާ ކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމައިފިއެވެ.

މިކަން ހާމަކޮށް އިލެކްޝަންސް ކޮމިޝަން ގެ މެމްބަރު އަހުމަދު އަކްރަމް، "ވަގުތު" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ހަފްތާ ތެރޭ ޕީޖީ އޮފީހަށް މާލީ ބަޔާން ހުށަނާޅާ 39 ކެންޑިޑޭޓުންނާ މެދު ދައުވާ ކޮށްދިނުމަށް އެދި ފޮނުވާނެ ކަމަށެވެ.

"އެ ކެންޑިޑޭޓުނާއި މެދު ދެން ޕީޖީ އިން ގޮތެއް ނިންމަވާނީ،" އަކްރަމް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ނިމިދިޔަ އިންތިޚާބުގައި ބައިވެރިވި ކެނޑޑޭޓުންނަށް މާލީ ބަޔާން ހުށަހެޅުމަށް ދިން ވަގުތު ހަމަވީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭ 12:00 އަށެވެ. މާލީ ބަޔާން ހުށަހެޅުމުގެ ސުންގަޑި ހަމަވިއިރު މާލީ ބަޔާން ހުށަނާޅަނީ 39 ކެންޑިޑޭޓުން ކަމަށް އިލެކްޝަންސް އިން ވިދާޅުވެއެވެ.

އެ ކޮމިޝަނުން ވިދާޅުވީ، މާލީ ބަޔާން ހުށަހެޅުމުގެ ސުންގަޑި ހަމަވިއިރު މަޖިލިސް އިންތިހާބުގައި ވާދަކުރި 386 ކެންޑިޑޭޓުންގެ ތެރެއިން 347 ކެންޑިޑޭޓަކު މާލީ ބަޔާން ހުށަހަޅާފައިވާ ކަމަށެވެ.

އީސީއިން އާންމުކުރި ތަފާސްހިސާބުތަކުގައިވާ ގޮތުގައި ޕީއެންސީ އާއި އަދާލަތު މިއިން ކޮންމެ ޕާޓީއަކުން އެއް ކެންޑިޑޭޓަކު ބަޔާން ހުށަހަޅުއްވައިފައެއް ނުވެ އެވެ. އެމްޓީޑީއިން ދެ ކެންޑިޑޭޓަކު އަދި ލޭބާ ޕާޓީއިން ދެ ކެންޑިޑޭޓަކު ވެސް ބަޔާން ހުށަހަޅުއްވާފައެއް ނުވެ އެވެ. އަދި ޕީޕީއެމްގެ ދެ ކެންޑިޑޭޓަކު ބަޔާން ހުށަނާޅުވައެވެ.

މާލީ ބަޔާން ހުށަނާޅައިފި ނަމަ އަދަބެއްގެ ގޮތުން، ހަ މަސް ދުވަހާއި ދެ އަހަރު ދުވަހުގެ މުއްދަތަކަށް ޖަލަށް ލުން ނުވަތަ 6،000 ރުފިޔާއާއި 24،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުން ހިމެނެ އެވެ. ބަޔާން ހުށަނާޅާ 39 ކެންޑިޑޭޓުންގެ ތެރެއިން އެންމެ ގިނައީ އަމިއްލަ ގޮތުން ވާދަކުރެއްވި ބޭފުޅުން އެވެ. އެގޮތުން އަމިއްލަ ގޮތުން ވާދަކުރެއްވި 31 ކެންޑިޑޭޓަކު ބަޔާން ހުށަނާޅުއްވަ އެވެ.

އިންތިހާބާ ބެހޭ އާންމު ގާނޫނުގައިވާ ގޮތުގައި، އިންތިހާބެއް ބާއްވާތާ 21 ދުވަހުގެ ތެރޭގައި އެ އިންތިހާބެއްގައި ވާދަކުރި ކެންޑިޑޭޓުން އެބޭފުޅެއްގެ މާލީ ބަޔާން އީސީއަށް ހުށަހަޅަން ޖެހެ އެވެ. އެމްޑީޕީ، ޖުމްހޫރީ ޕާޓީ އަދި އެމްޑީއޭއިން ވާދަކުރެއްވި ހުރިހާ ކެންޑިޑޭޓުން ވެސް ވަނީ ސުންގަޑީގެ ކުރިން އެބޭފުޅުން މާލީ ބަޔާން އީސީއަށް ހުށަހަޅުއްވައިފަ އެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ނާސިރު

    ޤާނޫނުގައި ވަނީ އެންމެނަށް ހަމަހަމަ އުސޫލުން ކަންކުރުން. މޮޅެއް ދެރައެއް ތަފާތުކުރުމަކީ ބޭ އިންޞާފު!!!!!

    6
    3
  2. ހިބަރުތަރި

    ގާނޫނުގައި އޮންނަ ގޮތަށް އަމަލު ކުރުމަށް އީސީ ސަރީފަށް ގޮވާލަން

  3. ވެރިން

    ޝަރީފު ކޮބާ ކަލޭގެ މާލީބަޔާން، މީނަގެ މާލީ ބަޔާން ހުށަ ހަޅަން ގޮވާލަން

  4. ލޮލައިޓުި

    ކެރެންޏާ ޕީޖީއަށް ފޮނުވާ ސިޓީގެ ކޮޕީއެއް އާންމު ކޮށްލަބަލަ! އޭގާ އިންނާނީ ގާނޫނުގައި އެމީހުންނަށް އަދަބުދޭން އޮތަސް ގައުމީ ސަލާމަތަށްޓަކައި އެކަން ނުކުރުން ބުއްދިވެރިޔޭ މިކަހަލަވާހަކައެއް.
    އެއްކަމެއްވެސް ނުވާނެ ބަޔާން ހުށަނާޅާ މީހުންނަށް. މީގެކުރިންވެސް ހެދީ އެހެން!