ގ.އ އަތޮޅުގެ ގެ ހުރިހާ ރައްޔިތުން މިއަދު ބޭނުންވަނީ ތަރައްގީ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެންބަރު ޔާމީން ރަޝީދު ވިދާޅުވެއްޖެއެވެ.

ވެރިކަން ކުރާ ޕީޕީއެމް ގ.އ ވިލިގިލީގައި " އޮޓެ އޮޓެ ވިދި ވިދި " ނަމުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޔާމީން ވިދާޅުވީ ގ.އ އަތޮޅުގެ ރައްޔިތުން މިއަދު ބޭނުންވަނީ ތަރައްގީ ކަމަށާއި ގައުމުގައި ހަމަޖެހުން ގާއިމުވެފައި އޮތުން ކަމަށެވެ.

" ރައީސް ޔާމީންގެ ސަރުކާރުން ވަނީ ހުޅުމާލެއާއި އެއްފެންވަރުގެ ތަރައްގީއެއް ވިލިގިޔަށް ގެނެސް ދެއްވާފައި , ވިލިގިލީ ރައްޔިތުން އެދި ގޮވަމުންދަނީ ތަރައްގީ އަށް , ވިލިގިލީ ރައްޔިތުން ބޭނުންވަނީ ތަރައްގީ " ޔާމީން ވިދާޅުވިއެވެ.

ޔާމީން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ގޮޑި ގެއްލިފައިވާ ގއ. ވިލިގިލީ ދާއިރާގެ ކުރީގެ މެންބަރު ސައުދު ހުސެއިން އެބޭފުޅާގެ ސިޔާސީ ހަޔާތް ހަލާކު ކޮއްލެއްވީ އަމިއްލަ އަށް ކަމަށެވެ.

" ސައުދު ހުސެއިން އަކީ ބޮޑު ހާއިނެއް, އެއީ މަކަރު ވެރިއެއް, އޭނާއަކަށް ފުރުސަތެއް ދެން ދުވަހަކުން ވެސް މި ރަށުން ނުދޭނެ " ޔާމީން ވިދާޅުވިއެވެ.

ޔާމީން ވިދާޅުވީ މިއަހަރު އޮންނަ ރިޔާސީ އިންތިހާބު ރައީސް ޔާމީން ކާމިޔާބު ކުރާނީ އެއްލަކިން ކަމަށެވެ.

ޕީޕީއެމް އިން ވިލިގިލީގައި ބޭއްވި މި ޖަލްސާ އަކީ ރާއްޖޭގައި އިއުލާން ކުރެވުނު ކުއްލި ހާލަތަށް ފަހު މާލެއިން ބޭރުގައި ބޭވުނު ފުރަތަމަ ޖަލްސާއެވެ.

ރާއްޖޭގައި އިއުލާން ކުރެވުނު ކުއްލި ނުރައްކަލުގެ ހާލަތު ރައީސުލްޖުމްހޫރިއްޔާ މިހާރު ވަނީ އުވާލާފައެވެ.

ކުއްލި ނުރައްކަލުގެ ހާލަތު މިދިޔަ މަހުގެ ފަސްވަނަ ދުވަހު ސަރުކާރުން އެންމެ ފުރަތަމަ އިއުލާންކުރީ 15 ދުވަހަށެވެ. ނަމަވެސް އެ މުއްދަތު ހަމަވުމަށް ކުޑަތަންވެފައި ވަނިކޮށް ކުއްލި ނުރައްކަލުގެ ހާލަތު އިތުރު 30 ދުވަހަށް އިތުރުކުރީ މިދިޔަ މަހުގެ 20 ވަނަ ދުވަހު އެވެ. އެހެންކަމުން ކުއްލި ނުރައްކަލުގެ ހާލަތު ނިމުމަކަށް ގެނެސްފައި މިވަނީ 45 ދުވަހު ކުއްލި ނުރައްކަލުގައި ބާއްވައިގެން ގައުމު ހިންގުމަށްފަހު އެވެ.

ކިޔުންތެރިންގެ ހިޔާލު