މިއަހަރުގެ ސެޕްޓެމްބަރ 27 ވަނަ ދުވަހު ފާހަގަ ކުރުމަށް ހަމަޖެހިފައިވާ، ފަތުރުވެރިކަމުގެ ދުވަހަކާއި ގުޅުވައިގެން، ޓޫރިޒަމްގެ މިންގަނޑުތަކަށް ފެތޭ ހުރިހާ ރިސޯޓުތަކަކަށް ޚާއްޞަ ބެޖެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށް، ޓޫރިޒަމް މިނިސްޓަރ ޢަލީ ވަހީދު ވިދާޅުވެއްޖެ އެވެ.

ޢަލީ ވަހީދު މިހެން ވިދާޅުވީ، ޓޫރިޒަމް މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

"ސެޕްޓެމްބަރ 17 ވަނަ ދުވަހުގެ ނިޔަލަށް ހުރިހާ ރިސޯޓުތައް އިންސްޕެކްޓް ކޮށް ނިމޭނެ. އިރާދަކުރެއްވިއްޔާ ސެމްޓެމްބަރ 27 ގައި ފާހަގަ ކުރާ ފަތުރުވެރިންގެ ދުވަހު މި މިންގަނޑުތައް ހަމަވާ ހުރިހާ ރިސޯޓުތަކަށް އަޅުގަނޑުމެން ބެޖެއް ދޭނަން. އަދި ދެން ކޮންމެ އަހަރަކު ހުރިހާ ރިސޯޓެއް އަޅުގަނޑުމެން ބަލަމުންދާނަން. މި ބެޖް ކޮންމެ އަހަރުވެސް އައު ވާނީ އެ މިންގަނޑުތަކަށް ފެތޭތޯ ބެލުމަށްފަހު." އަލީ ވަޙީދު ވިދާޅުވިއެވެ.

ހަމަ އެހެންމެ، އެމްއެމްޕީއާރުސީ މެދުވެރިކޮށް، ރަށްރަށާއި ފަޅު ހިމެނޭ ގޮތަށް، ޖުމްލަ 55 ތަނެއް ދޫކޮށްފައިވާ ކަމަށާއި، އެ ތަންތަން ދޫކޮށްފައިވަނީ ޤަވާއިދާއި އެއްގޮތަށްތޯ ބެލުމުގެ މަސައްކަތް އެސެޓް ރިކަވަރީ ކޮމިޝަނުން ފަށާފައިވާ ކަމަށްވެސް ޓޫރިޒަމް މިނިސްޓަރ ޢަލީ ވަހީދު ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް އެބަ އޮތް، އެސެޓް ރިކަވަރީ ކޮމިޝަނުން ސިޓީ އެއް ފޮނުވާފަ. އެ ތަންތަނުގެ ހެޑް ލީސްޓް ރައިޓްސް އެހެން ފަރާތަކަށް ބަދަލުކުރުމަށް، ނުވަތަ، ކުންފުނީގެ ހިއްސާ ބަދަލުކުރުމަށް، ނުވަތަ ސަބް ލީސް ކުރުމަށް އަޅުގަނޑުމެންނަށް ހުށަހަޅައިފިކަމަށްވާނަމަ، އެ ކޮމިޝަނަށް އެކަން އަންގަން ވަނީ އަންގާފަ." އަލީ ވަހީދު ވިދާޅުވިއެވެ.

މީގެ އިތުރުން، އެ ތަންތަނުގެ މައްސަލަ ތަޙުޤީޤުކޮށް، ވަކި ގޮތެއް ނިމެންދެން، އެތަންތަނާއި ގުޅޭ ހުރިހާ ކަމެއް މަޑުޖައްސާލަން އަންގާފައިވާ ކަމަށާއި، ނޫންނަމަ، ތަޙުޤީޤަށް ހުރަސް އެޅިދާނެ ކަމަށް ޤަބޫލުކުރެވޭ ކަންވެސް އަންގާފައިވާކަމަށް އަލީ ވަޙީދު ވިދާޅުވިއެވެ.

އެމްއެމްޕީއާރުސީން ދޫކޮށްފައިވާ ފަޅުތަކާއި ރަށްތަކުގެ ތެރޭގައި ހިމެނެނީ، ނ އަތޮޅުން 3 ރަށަކާއި، ރ އަތޮޅުން 11 ރަށަކާއި، ބ އަތޮޅުން 9 ރަށަކާއި، ޅ އަތޮޅުން 1 ރަށަކާއި، މާލެ އަތޮޅުން 1 ފަޅާއި، 11 ރަށަކާއި، އއ އަތޮޅުން 2 ރަށަކާއި، އދ އަތޮޅުން 6 ރަށަކާއި، ވ އަތޮޅުން 4 ރަށަކާއި، މ އަތޮޅުން ރަށަކާއި، ދ އަތޮޅުން 2 ރަށާއި، ތ އަތޮޅުން 3 ރަށާއި، ގއ އަތޮޅުން ރަށެކެވެ.

ކިޔުންތެރިންގެ ހިޔާލު