ޤައުމީ ޓީމީގެ ގޯލްކީޕަރ މުހައްމަދު ފައިސަލް ދަ ގްރާންޑޭ ސްޕޯޓްސް ކްލަބަށް ކުރިއަށް އޮތް ސީޒަންގައި ކުޅެން ސޮއިކޮށްފިއެވެ.

ފައިސަލް ވަނީ މިދިޔަ އަހަރު ކުރިއަށް ދިޔަ ސުޒުކީ ސާފް ޗެންޕިއަންޝިޕްގެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ކާމިޔާބުކޮށްފައެވެ. ދަ ގްރާންޑޭ އަކީ މިއަހަރު މުޅިން އަލަށް ފުރަތަމަ ޑިވިޝަންގައި ވާދަކުރާ ކްލަބެއްކަން ފާހަގަކޮށްލެވެއެވެ.

ތަޖުރިބާކާރު ގޯލްކީޕަރ ފައިސަލްގެ ކެރިއަރު ފެށިގެން އައިސްފައިވަނީ އޯލްޔޫތުލިންކްއޭޖް (އޭވައިއެލް) އިންނެވެ. އޭގެ ފަހުން އޭނާ ވަނީ ވިކްޓަރީ ސްޕޯޓްސް ކްލަބްއަށް ކުޅެފައެވެ. އެދި މީގެ އިތުރުން ކުޅެފައިވާ ކްލަބް ތަކަށް ބަލާއިރު ވެލެންސިއާގެ އިތުރުން އީގަލްސް އިންވެސް ވަނީ ފެނިގެން ގޮސްފައެވެ. އެންމެ ފަހުން އޭނާ ކުޅެފައިވަނީ ނިއުރޭޑިއެންޓް އަށެވެ.

ފައިސަލް: ހިތްވަރާއެކު ދިވެހީންގެ އިތުބާރު ހޯދައިފި!

ނިއުރޭޑިއެންޓްގައި ގިނަ މައްސަލަތަކެއް ޖެހުމުގެ ސަބަބުން އޭނާ އަށް ވަނީ ވަރަށް ދަތި އުނދަގޫތަކަކާއި ކުރިމަތިވެގެން ގޮސްފައެވެ. ފައިސަލް ނިއުރޭޑިއަންޓް އަށް ބަދަލުވެފައިވަނީ 2017 ވަނަ އަހަރުގައެވެ. އެއީ ސީޒަންގެ މެދުތެރެއިން ވެލެންސިއާ ދިވެހި ޕްރިމިއާ ލީގުން ފުރުސަތު ނުލިބުމުންނެވެ.

ފައިސަލް ނިއުގައި ހޭދަކުރި ސީޒަންގެ ފުރަތަމަ ދުވަސް ކޮޅުވެސް އޭނާ އަކަށް އެ ޓީމުގެ ފުރަތަމަ އެގާރައިން ފުރުސަތެއް ލިބިފައެއް ނުވެއެވެ. އެހެން ނަމަވެސް މުސާރައިގެ މައްސަލައިގައި ގޯލްކީޕަރ އިމްރާން މުހައްމަދު ނިއުރޭޑިއަންޓް އިން ވަކިވި ދުވަހުން ފަށައިގެން ފުރަތަމަ އެގާރައިން ފައިސަލް އަށް ވަނީ ޖާގަ ކަށަވަރުވެފައެވެ.

17 އަހަރަށް ފަހު ކީޕަރ އިމްރާން ގައުމީ ޓީމުން ރިޓަޔާ ކުރި ހިސާބުން ގައުމީ ޓީމުގެ ގޯލް ބެލެހެއްޓުމާއި ހަވާލުވުމުގެ ޒިންމާ ނެގީ ފައިސަލެއެވެ. ފުރަތަމަ ކޮޅު ގޯސްތައް ފެނިގެން ދިޔަނަމަވެސް ފައިސަލް ވަނީ ހިތްވަރު ދޫނުކޮށް އިތުބާރައެކު ކުޅުން ކުރިއަށް ގެންގޮސް އޭނާގެ ތަފާތު، މުޅި ޓީމަށް ދައްކާލާފައެވެ.

ކުރިއަށް އޮތް ސީޒަނަށް އިސްމާއިލް މަހްފޫޒް (އިންމަ) ގެ ކޯޗްކަމުގެ ދަށުން ދަ ގްރާންޑޭ ވަރުގަދަ ކުރަމުން އަންނަ އިރު މިހާރު ވަނީ ރަނގަޅު ކުޅުންތެރިންތަކެއް ގެނެސްފައެވެ. އޭގެ ތެރޭގައި ހިމެނެނީ މުހައްމަދު ރަޝީދު (ހޮކޭ) އާއި މާޒިޔާ އަށް މިދިޔަ އަހަރުތަކުގައި ކުޅުނު އަހުމަދު އިމާޒް (އާއްކޮ) އާއި ޔަސްފާދު ހަބީބު (މުލަކޭ) އަދި އީގަލްސް އަށް ކުޅުނު ހަސަން ޝިފާން (ޝިފާންޓޭ) ހިމެނެ އެވެ.

އިންމަ ބުނެފައިވަނީ ދަ ގްރާންޑޭގެ އަމާޒަކީ ސީޒަނުގައި ގަދަ ހަތަރެއް ކަމަށް ބުނެފައެވެ.