ޖަޕާނުގެ ބޮޑުވަޒީރަށް ފަސޭހަފުޅު ވަގުތެއްގައި ރާއްޖެއަށް ދަތުރުފުޅެއް ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ދައުވަތުވެއްފައިފިއެވެ.

ރައީސް ޖަޕާނުގެ ބޮޑުވަޒީރަށް އެ ދައުވަތު އެރުވީ ޖަޕާނުގެ ބޮޑުވަޒީރުގެ ޚާއްޞަ އެޑްވައިޒަރ މިސްޓަރ ކެންޓަރޯ ސޮނޮއުރާ، ރައީސްގެ އަރިއަށް އިޙްތިރާމުގެ ޒިޔާރަތެއް މިއަދު ކުރެއްވި ޒިޔާރަތުގައެވެ.

މި ބައްދަލުވުމުގައި ރައީސް ސޯލިހު ވަނީ ރާއްޖެއާއި ޖަޕާނާ ދެމެދުގައި ދޭދޭ ގުޅުން ޤާއިމުކުރީއްސުރެ، ދެޤައުމުގެ ދެމެދުގައި ވަރަށް ގާތް އެކުވެރި ގުޅުމެއް އުފެދިފައިވާކަމަށް ވިދާޅުުވެފައެވެ. އަދި އޭނާ ރާއްޖެ ވަޑައިގެންނެވިކަމަށްޓަކައި ޝުކުރުއަދާކުރައްވައި، މަރުޙަބާ ވިދާޅުވިއެވެ.

އަދި މިމޯލްޑިވްސް ޕާރޓްނަރޝިޕް ފޯރަމްގައި މިސްޓަރ ކެންޓަރޯ ސޮނޮއުރާ ބައިވެރިވެ ވަޑައިގެން ދެއްވި އެއްބާރުލެއްވުމަށްޓަކައި ރައީސް ޝުކުރު އަދާކުރެއްވިއެވެ.

މިބައްދަލުކުރެއްވުމުގައި، ޖަޕާނު ސަރުކާރުން ރާއްޖޭގެ އިޤްތިޞާދީ އަދި އިޖްތިމާޢީ ކުރިއެރުމަށް ވެދެއްވާ އެހީތެރިކަން ފާހަގަކުރައްވަމުން ދާދިފަހުން ޖަޕާނު ސަރުކާރުން ފައްސަތޭކަ މިލިޔަން ޖަޕަނީޒް ޔެންގެ އަގުހުރި ކަނޑުއުޅަނދުފަހަރު ހަދިޔާ ކުރައްވާފައިވާކަން ރައީސް ސޯލިހު ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ މިއަހަރުގެ ފަހުކޮޅު ރައީސުލްޖުމްހޫރިއްޔާ ޖަޕާނަށް ކުރައްވަން ހަމަޖެހިފައިވާ ފުރަމާނަ ދަތުރުފުޅާބެހޭގޮތުން ވެސް މަޝްވަރާކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު