އަހަރީ ފީ ނުދައްކައިގެން ރާއްޖޭގެ 500 އަށްވުރެ ގިނަ ކުންފުނި އުވާލުމަށް އިކޮނޮމިކް މިނިސްޓްރީން ނިންމައިފިއެވެ.

މިކަން ހާމަކޮށް އިކޮނޮމިކް މިނިސްޓްރީގެ ފަރާތުން މިހާރު ވަނީ، އުވާލަން ނިންމާފައިވާ ކުންފުނިތަކުގެ ލިސްޓު އެ މިނިސްޓްރީގެ ވެބްސައިޓުގައި އާންމުކޮށްފައެވެ. އެ ލިސްޓުގައި 523 ކުންފުންޏެއްގެ ނަން ހިމެނެއެވެ.

އިކޮނޮމިކް މިނިސްޓްރީން އުވާލަން ނިންމާފައިވާ ކުންފުނިތަކުގެ ތެރޭގައި ހިމެނެނީ 1979 ވަނަ އަހަރުން ފަށައިގެން 2001 ވަނަ އަހަރާއި ދެމެދު ރަޖިސްޓްރީކޮށްފައިވާ ކުންފުނިތަކެވެ. އެ މިނިސްޓްރީން ބުނެފައިވާ ގޮތުގައި، ކުންފުނިތައް އުވާލަން ނިންމާފައިވަނީ އެ ކުންފުނިތަކުން ދައްކަން ޖެހޭ އަހަރީ ފީ ނުދައްކާތީކަމަށެވެ.

އުވާލަން ނިންމައި ނަން އާންމުކޮށްފައިވާ ކުންފުނިތައް އަލުން ހިންގަން އެދޭނަމަ އަންނަ ޖުލައި މަހުގެ ހަތްވަނަ ދުވަހުގެ ކުރީން، ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަ ކުރުމުގެ ފުރުސަތު އޮތް ކަމަށް އިކޮނިމިކް މިނިސްޓްރީން ވިދާޅުވެއެވެ. މި ދުވަހުގެ ނިޔަލަށް، އުވާލަން ނިންމާފައިވާ ކުންފުނިތަކުގެ މައްޗަށް ދަރަންޏެއް އޮތްނަމަ އެކަންވެސް ހުށަހެޅުމަށް އެ މިނިސްޓްރީން ވަނީ އެދިފައެވެ.