ގއ. އޮޑެގައްލާގައި ރިސޯޓް ހެދުމަަށް ވެވުނު އެއްބަސްވުން ބާތިލް ކުރުމުގެ މަސައްކަތް ފަށާފައިވާކަމަށާއި ގއ. އޮޑެގައްލާގައި ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރުމުގެ ހުއްދަ ދެވެން ނެތް ކަމަށް އެންވަޔަރަމެންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ނިންމި ނިންމުމާއި އެކު ކުރިއަށް ދާނެ ކަމަށް ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވެއްޖެވެ.

އީޕީއޭގެ ނިންމުމާއި ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަލީ ވަހީދު ވިދާޅުވީ، އޮޑެގައްލާ ރިސޯޓް ތަރައްގީކުރުމަށް ހަވާލުކޮށްފައިވާ މުހައްމަދު އަލީ ޖަނާހަގެ ހޮޓެލްސް އެންޑް ރިސޯޓްސް ކޮންސްޓްރަކްޝަން (އެޗްއާރްސީ)އާއި މިއަދު މަޝްވަރާކޮށްފައިވާނެ ކަމަށާއި އަދި މިއަދުން ފެށިގެން އެރަށުގައި އެއްވެސް މަސައްކަތެއް ކުރިއަށް ނުގެންދިއުމަށް އަންގާފައިވާނެކަމަށެވެ.

"މިސަރުކާރު އައީ ވަކި ހަމަތަކެއްގެ މަތިން ރައްޔިތުންނަށް ކަންތަތަކެއް ކޮށްދޭނެކަމުގެ ވައުދާއި އެކު، އަޅުގަނޑުމެން މިއަދު ވާނީ މަޝްވަރާކޮށްފައި މިއަދުން ފެށިގެން އެރަށުގައި އެއްވެސް މަސައްކަތެއް ކުރިއަށް ނުގެންދިއުމަށް އެދިފައި” އަލީ ވަހީދު ވިދާޅުވިއެވެ.

އަލީ ވަހީދު ވިދާޅުވީ ޗަނާ އާއި އެކު މިއަދު ބޭވުނު ބައްދަލުވުމަށް ފަހު އެ ރިސޯޓް ހެދުމުގެ އެއްބަސްވުން ބާތިލް ކުރަން ޓުއަރިޒަމް މިނިސްޓްރީން މަސައްކަތް ފަށާފައިވާ ކަމަށާއި މި މައްސަލާގައި ދެން ކުރިއަށްދާނެ ގޮތެއްގެ ލަފާފުޅެއްް ހޯދަން ރައީސް އިބްރާާހިމް މުހައްމަދު ސޯލިހު އަށް ދަންނަވާފައިވާ ކަމަށެވެ.

އޮޑެގައްލާގައި ރިސޯޓް ތަރައްގީކުރަން ދޫކޮށްފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ޖަނާހުގެ ކުންފުންނަށެވެ.

އަލީ ވަހީދު ވިދާޅުވީ، އެ ރަށުގައި ރިސޯޓު ތަރައްގީ ނުކުރެވޭތީ ޖަނާހުއަށް ބަދަލު ދޭން ޓޫރިޒަމް މިނިސްޓްރީން މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.

އޮޑެގައްލާ ރިސޯޓެއްގެ ގޮތުގައި ތަރައްގީ ނުކުރެވޭނެ ކަމަށް އީޕީއޭއިން ނިންމީ އެ ރަށަކީ ގިނަ އަދަދެއްގެ ދޫނި ބިސް އަޅާށާއި ނިދަން އަރާ ރަށަކަށް ވުމާއި ތިމާވެށީގެ ގޮތުން ހާއްސަ ސިފަތަކެއް ލިބިފައިވާ ރަށަކަށް ވުމާއި އަހަރުގެ ވަކި ދުވަސްވަރެއްގައި ވެލާ ބިސް އަޅަން އަރާ ރަށަކަށް ވާތީ ކަމަށް އީޕީއޭ އިން ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު