ދިވެހި ބޭސްވެރިކަން ކުރައްވާތާ ގާތްގަނޑަކަށް 60 އަހަރު ވެފައިވާ ޔޫސުފް ހުސައިން (ދޮން ޔޫސުފް) މިއަދު އަވަހާރަވެއްޖެ އެވެ.

ބ. ކެންދޫ އަށް ނިސްބަތްވެ ވަޑައިގަންނަވާ ޔޫސުފް ހުސައިން 85، ކުއްލި ގޮތަކަށް އަވަހާރަވީ މިއަދު ހެނދުނު އެވެ. އަވަހާރަވިއިރު އަންބަކާއި ހަތް ކުދިން ދުނިޔޭގައި އެބަތިއްބެވި އެވެ. ޔޫސުފް ހުސައިން އަކީ ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަބްދުލްބާރީ ޔޫސުފްގެ ބައްޕަ އެވެ.

ބޭސްވެރިކަމުގެ ޚިދުމަތް ގިނައިން ހިލޭ ކޮށްދެއްވި ޔޫސުފް ވަނީ އާންމު ޚިދުމަތުގެ އިނާމާއި ޝަރަފުވެރިކަމުގެ އިނާމު ލިބިވަޑައިގެންފަ އެވެ. އޭނާ އަށް ޝަރަފުވެރިކަމުގެ އިނާމު ލިބިވަޑައިގަތީ 2007 ގަ އެވެ. ހިތްވަރު ދިނުމުގެ ގައުމީ އިނާމު ލިބިވަޑައިގެންނެވީ 1991 ވަނަ އަހަރު އެވެ.

ޔޫސުފް ހުސައިން އަށް ހިތްވަރު ދިނުމުގެ ގައުމީ އިނާމު ދެއްވުމަށް ފަހު ރައީސް އޮފީހުން އާއްމު ކުރައްވާފައިވާ އޭނާގެ މައުލޫމާތުގައި ވިދާޅުވެފައި އޮންނަނީ ޔޫސުފު ޙުސައިނަކީ، ވަރަށް ޅައުުމުރުން ފެށިގެން އޭނާގެ ބައްޕައާއި، ރާއްޖޭގައި އެދުވަސްވަރު އުޅުއްވި މޮޅު ދިވެހިބޭސްވެރިންގެ އަރިހުން އެކަމުގެ މަޢުލޫމާތާއި ތަޖުރިބާ ހޯއްދަވާފައިވާ ބޭފުޅެކެވެ. އެގޮތުން ބައްޕަގެ އެހީތެރިއެއްގެ ގޮތުގައި މީހުންނަށް ބޭސްކޮށްދެއްވުމުގައި އުޅުއްވާފައިވެއެވެ. 1961 ވަނަ އަހަރުން ފެށިގެން މީހުންނަށް ބޭސްކޮށްދެއްވުމުގެ މަސައްކަތް އަމިއްލަފުޅަށް ފަށްޓަވާފައިވެއެވެ.

ޔޫސުފް ޙުސައިން ދިވެހި ބޭސް ހައްދަވަން ދަސްކުރެއްވީ، އޭނާގެ ބައްޕަ ކެންދޫ ޙުސައިން ޢީސާގެ ފަރާތުންނެވެ. އޭގެފަހުން، އަލްމަރްޙޫމް ބާޑީގެ މުޙައްމަދު ދީދީގެ އަރިހުންނާއި، ސުމުއްވުލްއަމީރު އަލްމަރްޙޫމް އިބްރާހީމް ފާމުދޭރިކިލެގެފާނުގެ އަރިހުން ބޭސް ހައްދަވަން ދަސްކުރެއްވިއެވެ. ދިވެހި ބޭސް ކުރުމުގެ ހުއްދަ ލިބިލެއްވީ ހިޖުރައިން 1383 ގެ ފަހުކޮޅުގައެވެ. ހުރިހާ ވައްތަރެއްގެ ބޭސްވެސް ހައްދަވައި އުޅުއްވިއެވެ. ޚާއްޞަކޮށް ރާއްޖެބަލީގެ ބޭސް ހައްދަވައި އުޅުއްވިއެވެ. ބޭސްކޮށްދެއްވީ ޢާއްމުގޮތެއްގައި، އެންމެންނަށްވެސް ހިލެއެވެ.

"ބޭސްވެރިކަމުގެ ތާރީޚުގައި އެންމެ ފާހަގަކުރެވޭ އެއްކަމަކީ، ކެންދޫ މީހެއްގެ ވާތު ލޮލުގެ ކަޅުކަޅިއަށް ގާތްގަނޑަކަށް ދޮޅު އިންޗި ފުންމިނަށް، އެއްސޫތު ފަލަމިނުގެ ތޮރުފާ ކަށްޓެއް ވަދެގެން އައިމާ އެކަށި އުފުރާލައްވައި ބޭސް އަޅުއްވައި ދެއްވުމުން 18 ވަރަކަށް ދުވަހުގެ ތެރޭގައި ﷲގެ ރަޙްމަތްފުޅުން އޭނާގެ ލޯ ފަސޭހަވުމެވެ. އަދި ގަދަ ހުމެއް ޖެހިފައި ދެ ލޮލަށް ލޭއަރައި ލޯ އަނދިރިވި މީހަކަށްވެސް ބޭސްފަރުވާ ކޮށްގެން ފަސޭހަވިއެވެ. މިދެމީހުންވެސް ޑޮކްޓަރ ޢަބްދުﷲ އަރިހަށް ފޮނުއްވީމާ އޭނާ ބައްލަވާފައި ފަސޭހަވެފައިވާކަމަށް ބުނުއްވިއެވެ." ރައީސް އޮފީހުން 1991 ވަނަ އަހަރު ވިދާޅުވެފައި ވެއެވެ.

ޔޫސުފް ހުސައިން އަވަހާރަވުމާއި ގުޅިގެން ގިނަ ބަޔަކު މީސް މީޑިއާގައި އޭނާގެ އާއިލާ އަށް ތައުޒިޔާ ކިޔަމުން އެބަގެންދެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޝަރީފްބެ

    މަރްޙޫމް ޔޫސުފް ޙުސައިން (ދޮންޔޫސުފް) އަކީ ވަރަށް އިޚްލާސްތެރިކަމާއެކު ދިވެހިބޭސްކޮށްދެއްވި ބޭސްވެރިކަމަށް ވަރަށް މޮޅު ބޭފުޅެކެވެ. އެހެންކަމުން އެމަނިކުފާނު ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވުމީ ޤައުމުގެ ބޭސްވެރިކަމުގެ ދާއިރާއަށް ލިބުނު ފޫނުބެއްދޭވަރުގެ ހިތާމައެކެވެ. މާތްﷲ މަރްޙޫމް ޔޫސުފް ބެއަށް ސުވަރުގޭގެ ޖަންނަތުލް ފިރްދައުސް ދެއްވަވާށީއެވެ.

    14
    2
  2. ފަނިކެންދޫ

    ބޭސްވެރިކަމުގެ އިތުރުން ދޮންޔޫސުފުފޭ ކެންދޫ ކަތީބުކަންވެސް ކުރައްވާފައި ވެއެވެ. މަރްޙޫމަށް ރަޙްމަތް ލައްވާ ސުވަރުގެ މިންވަރު ކުރައްވާށި!

    16
    1
  3. ޢަބްދުﷲ

    انالله وانا اليه راجعون

    9
    1
  4. ލައިލާ

    انالله وانا اليه راجعون

    10
    1