ޙައްޖަށް ދިއުމަށް ބޭނުންވާ ފައިސާގެ 80 އިންސައްތަ، ޕެންޝަން ފަންޑުން ދެވޭ ގޮތަށް ޕެންޝަނާބެހޭ ގާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

އެ ބިލް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި ވަނީ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސާއެވެ. އެ ބިލުގައި ވަނީ އެ ގާނޫނުގެ 38 ވަނަ މާއްދާ އިސްލާހުކޮށް ހައްޖުވާން ފައިސާ ދޫކުރާ މިންވަރުގެ 80 އިންސައްތަ އިތުރު ކުރުމަށެވެ.

އެ އިސްލާހް ފާސްކޮށްފައި ވަނީ މިއަދު ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 67 މެންބަރުންގެ އިއްތިފާގުންނެވެ.

ވޯޓު ސިސްޓަމަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން، މެންބަރުން ވޯޓު ދެއްވާފައިވަނީ ކޮޅަށްތެދުވެވަޑައިގެން ނެގި ވޯޓަކުންނެވެ.

ޕެންޝަން ސްކީމުގައި ހުންނަ ފައިސާ ބޭނުންކޮށްގެން ހައްޖަށް ދެވޭ ގޮތް ހެދުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ.

ޕެންޝަން ފަންޑުގައި ހުންނަ ފައިސާ ބޭނުންކޮށްގެން ހައްޖަށް ދިއުމުގެ އުސޫލުގައި ބުނެފައިވާގޮތުގައި، ޕެންޝަން ސްކީމްގައި ބައިވެރިވެގެން ހައްޖަށް ދިއުމަށް ފައިސާ ދޫކުރަނީ އަލަށް ހައްޖަށް ދާ މީހުންނަަށެެވެ. ޕެންޝަން ފަންޑުގެ ފައިސާ ބޭނުންކޮށްގެން ހައްޖަށް ދިއުމަށް ހުށަހަޅާއިރު އެމީހެއްގެ ރިޓަޔަމަންޓް ސޭވިން އެކައުންޓުގައި 336،000 ރުފިޔާ ހުރުން ލާޒިމެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ސީޑީ

    ކަލޭމެން މަތިފަޑީގަ ތިބޭ ހަރން ލާރިބަނޑު އަޅާ މީހުންނަށް ތިކަންވެސް ކުރެވޭގޮތަށް ތިއޮތީ ފާސްކޮށްފަ..

  2. ހުސެން

    އަލަށް ހައްޖައް ދިއުމަށްޓަކައި ފަންޑުގައި ހުރި އަދަދުގެ %80 ދިނީމަ ނިމުނީނު. އެހާބޮޑުއެއްޗެއް ފަންޑަށް ޖަމާވާނީ ބޮޑެތި މުސާރާގައި އުޅޭ ފަރާތްތަކަށް. އަބަދުވެސް މިފެންނަނީ ނިކަމެތި މީހާ ނިކަމެތި ވާތަން. އެންމެ އާދައިގެ ނިކަމެތި ރައްޔިތު މީހާއަށް ދެވޭނެ ގޮތެއް ބެލުން އެންމެ ރަނގަޅީ..

  3. އަދާލަތު

    20% ހޯދަން ހަދާނީ ކިހިނެއްތޯ؟ ވައްކަން ކޮށްގެންތޯ؟ ނުވަތަ ޚިޔާނާތްތެރިވެގެންތޯ؟ ނޫނީ ދަރަންޏަށް ނަގައިގެންތޯ؟ މިއިން ެއްވެސް ގޮތަކަށް ފައިސާ ދައްކައިފިނަމަ، ޙައްޖު ވާޖިބުވުމުގެ ޝަރުޠުން އެކަހެރިވާނެ.
    މިކަމުގައި ރިޔާސީ ވަޢުދާ ޚިލާފު.