ށ.އަތޮޅު ނޫމަރާ އަށް އިއްޔެ ރޭ ހޮނު އެޅުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ.

ނޫމަރާ އިން "ވަގުތު" އަށް މައުލޫމާތު ދިން މީހަކު ބުނީ އިއްޔެ ރޭ ފަތިހު އެރަށަށް ހޮނު އެޅުމުގެ ސަބަބުން ކައުންސިލް އިދާރާއަށާއި، އިންޖީންގެއަށާއި، ބަނދަރާއި މަގުމަތީގައި ހޮޅިދަނޑިތަކުގެ އިތުރުން ގިނަ ގެތަކަށް ވެސް ބޮޑެތި ގެއްލުންތަކެއް ވެފައިވާ ކަމަށެވެ.

"ކައުންސިލް އިދާރާ އާއި، ވަރަށް ގިނަ ގެތަކުގައި ގެންގުޅޭ ކަރަންޓް ސާމާނުތައް ވަނީ ހަލާކުވެފައި. ލިބުނު ގެއްލުން އެތައް ލައްކަ ރުފިޔާ އަށް އަރާނެ ކަމަށް ލަފާ ކުރެވެނީ." މައުލޫމާތު ދިން ފަރާތުން ބުންޏެވެ.

ހޮނު އެޅުމުގެ ސަބަބުން ކަރަންޓް ކެނޑި، އިއްޔެގެ ގިނަ ވަގުތުތަކުގައި އެރަށުގައި ކަރަންޓެއް ވެސް ނެތެވެ. ނަމަވެސް މިހާރު މުޅި ރަށަށް ވަނީ ކަރަންޓް ދެވިފައެވެ.

ނޫމަރާ އަށް ހޮނު އެޅުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ވެފައި ވީނަމަވެސް މީހަކަށް އަނިޔާ ވެފައެއް ނުވެއެވެ.

ނޫމަރާ އަށް ހޮނު އެޅުމުގެ ސަބަބުން ލިބުނު ގެއްލުންތަކުގެ ތަފްސީލް އެރަަށުގެ ކައުންސިލުން މިހާރު ވަނީ އަތޮޅު ކައުންސިލާއި، ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރާއި ހިއްސާ ކޮށްފައެވެ.