ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބުގެ މައްޗަށް ކުރާ ޚިޔާނާތުގެ ދައުވާއާއި ގުޅިގެން ސްޕްރީމް ކޯޓުގައި ކުރިއަށްދާ ޝަރީއަތަށް ވަކީލަކު އައްޔަން ކުރަން ހަތް ދުވަހުގެ ފުރުޞަތެއް އަދީބަށް ސުޕްރީމް ކޯޓުން ދެއްވައިފިއެވެ.

މިއަދު ސުޕްރީމް ކޯޓުގައި އޮތީ ޅ.އަތޮޅު މާބިންހުރާގެ މައްސަލައިގައި އަދީބުގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވި އަށް އަހަރު ދުވަހުގެ ޖަލު ޙުކުމް ހައި ކޯޓުން ބާތިލް ކުރުމުން ދައުލަތުން އެމައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކޮށްފައި ވާތީ ސުޕްރީމް ކޯޓުގައި ކުރިއަށް ގެންދާ ޝަރީޢަތުގެ ފުރަތަމަ އަޑުއެހުމެވެ.

މާބިންހުރާގެ ޚިޔާނާތުގެ މައްސަލަ ނިމެންދެން އަދީބު ބަންދުގައި ބަހައްޓައިދިނުމަށް ދަޢުލަތުން ސުޕްރީމް ކޯޓުގައި މިއަދު އެދުނެވެ. ނަމަވެސް އެކަމާއި ގުޅޭ ގޮތުން ސުޕްރީމް ކޯޓުން މިއަދު ގޮތެއް ނުނިންމަވައެވެ.

އަދީބަށް ވަކީލަކު އައްޔަން ކުރަން ފުރުސަތު ދިނުމަށް ފަހު މިއަދުގެ އަޑުއެހުން ވަނީ ނިންމާލާފައެވެ.

ޅ.މާބިންހުރާގެ އިކިއުޒިޝަން ކޮސްޓްގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ ފަސް މިލިއަން ޑޮލަރު (77 މިލިއަން ރުފިޔާ) ދައުލަތަށް ނުލިބުނު މައްސަލައިގައި ދައުލަތުން އަދީބުގެ މައްޗަށް ޚިޔާނާތުގެ ކުށުގެ ދައުވާ އުފުލުމުން އަދީބު އަށް އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން 2016 ގައި ހުކުމްކުރިއެވެ.

ނަމަވެސް ހައިކޯޓުގައި އަދީބު އެމައްސަލަ އިސްތިއުނާފު ކުރުމުން ހައިކޯޓުން ވަނީ ކްރިމިނަލް ކޯޓުގެ ޙުކުމް ބާތިލްކޮށް އެމައްސަލަ އަލުން ބެލުމަށް ކްރިމިނަލް ކޯޓަށް އަމުރު ކޮށްފައެވެ.

ކްރިމިނަލް ކޯޓުން ވަނީ ހައި ކޯޓުުން އަލުން ބަލަން އެންގި އެ މައްސަލަ ނުބަލަން ނިންމައި، ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް އަނބުރާ ފޮނުވާލާފައެވެ.

ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކޮށްފައިވާ އަދީބުގެ މައްސަލަ ބައްލަވާނީ އުއްތަމަ ފަނޑިޔާރު ޑރ.އަޙްމަދު ޢަބްދުﷲ، އާއި ފަނޑިޔާރު ޢަބްދުﷲ ޢަރީފް އަދި ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު އެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޓަގުބެ (އަދީބުރޯ)

    ވަކީލު ވާންޖެހޭނީ ތިޔަ ކަޅު ފައުސާކާލައިގެން ހުރި އެކަމަކު އަދީބުގެ ލިސްޓު ހާމަކުރާއިރު ހައިޑް ކޮށްފައިވާ ދާއިމީ ނަމަކަށް އިގޭތޯ...