މަސްތުވާތަކެއްޗާއި، ރާއްޖެއެތެރެކުރުން މަނާ ތަކެތި އެތެރެވުން ހުއްޓުވުމަށް ދަ އިންޓަރނޭޝަނަލް ކްރިމިނަލް ޕޮލިސް އޮގަނައިޒޭޝަނަލް (އިންޓަރޕޯލް) ގެ ނެޝަނަލް ސެންޓްރަލް ބިއުރޯ އާއި މޯލްޑިވްސް ކަސްޓަމްސް ސަރވިސް އާ ދެމެދު އެމް.އޯ.ޔޫ އެއްގައި ސޮއިކޮށްފިއެވެ.

އިސްކަންދަރު ކޮށީގައި މިއަދު ބޭއްްވި ރަސްމިއްޔާތެއްގައި ކަސްޓަމްސްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް އަޙުމަދު ނުޢުމާނެވެ. އިންޓަރޕޯލް ނެޝަނަލް ސެންޓްރަލް ބިއުރޯގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދެވެ.

މި އެއްބަސްވުމުގެ މައިގަނޑު މަޤްސަދަކީ މަސްތުވާތަކެއްޗާއި، ރާއްޖެއެތެރެކުރުން މަނާ ތަކެތި އެތެރެވުން ހުއްޓުވުމާއި، ރާއްޖޭގެ ބޯޑަރ ސަރަޙައްދުގައި ހިންގާ ޤާނޫނާއި ޙިލާފު އަމަލުތައް ހުއްޓުވުމުގައި އިންޓަރޕޯލް މެދުވެރިކޮށް މަޢުލޫމާތު ހިއްސާކުރެވޭނޭ ނިޒާމެއް ޤާއިމްކުރުން ކަމަށް ކަސްޓަމްސް އިން ބުންޏެވެ.

އަދި މީގެ ސަބަަބުން ދިވެހިރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގައި، ބޯޑަރު ސެކިއުރިޓީ ބެލެހެއްޓުމުގެ ނިޒާމް ހަރުދަނާވެ، އިންޓަރޕޯލް އާއި ކަސްޓަމްސްއާ ދެމެދު ފަސޭހަކަމާއިއެކު މަޢުލޫމާތު ބަދަަލުކުރެވޭނެކަމަށް ކަސްޓަމްސް އިން ބުންޏެވެ.

އަދި ރާއްޖޭގެ ޤާނޫނުތަކުން ކަސްޓަމްސްއަށް މަތިކޮށްފައިވާ ބައިނަލްއަޤްވާމީ ވިޔަފާރިއާއި ދަތުރުފަތުރަށް ރައްކާތެރި، ލުއިފަސޭހަ މާޙައުލެއް ޤާއިމްކޮށްދިނުމާއި ޤާނޫނާއި ޤަވާޢިދުތައް އެންމެ ފުރިހަމަ ގޮތުގައި ތަންފީޒުކުރެވޭނެ ކަމަށްވެސް ކަސްޓަމްސް އިން ބުންޏެވެ.

އަދި މަސްތުވާތަކެއްޗާއި އަދި ރާއްޖެ އެތެރެކުރުން މަނާތަކެތި އެތެރެވުމާއި ބޭރުވުން ހުއްޓުވާ، އަދި އެނޫނަސް ޤާނޫނާއި ޤަވާޢިދާއި ޚިލާފު ހަރަކާތްތަކަށް ފާރަވެރިވެ ދިވެހިރާއްޖެއަށް ވަދެނިކުމެވާ ދޮރާށިތައް ޙިމާޔަތްކޮށް ރައްކާތެރިކުރުމުގެ މަސައްކަތް ހަރުދަނާވެގެންދާނެ ކަމަށްވެސް ކަސްޓަމަސް އިން ބުނެއެވެ.