ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) އިން އެމަރޖެންސީކޮށް 1 ޑަމްޕްޓްރަކް ގަތުމަށް ކިއުބެކް އިންވެސްޓްމަންޓާ އެކު އެއްބަސްވުމެއް އެކުލަވާލާފައިވާއިރު، އެކުންފުންޏަކީ ވެމްކޯގެ މެނޭޖިންގ ޑިރެކްޓަރގެ ހިއްސާ އޮންނަ ކުންފުންޏެއްކަމަށް ބުނެ އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހެޅުނު މައްސަލަ އޭސީސީ އިން ތަޙްޤީޤުކޮށް ނިންމައި، އެ މައްސަލައިގައި ދަޢުވާކުރުމަށްޓަކައި ޕީޖީ އޮފީހަށް ފޮނުވައިފިއެވެ.

މި މައްސަލައިގައި ދަޢުވާކުރުމަށް ފޮނުވާފައިވަނީ، ވެމްކޯއިން އެ ޑަމްޕްޓްރަކް ގަތުމުގެ މުޢާމަލާތުގެ ކަންކަން ކުރިއަށްގެންދިޔައިރު، އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރގެ މަޤާމުގައި ހުންނެވި މުހައްމަދު ޝިފާއުގެ މައްޗަށެވެ.

އޭނާގެ މައްޗަށް ދަޢުވާކުރުމަށް ފޮނުވާފައިވަނީ، މަޤާމުގެ ނުފޫޒު ބޭނުން ކޮށްގެން ވަކި ފަރާތަކަށް ނާޖާއިޒު ފައިދާއެއް ހޯދައިދިނުމުގެ ކުށުގެ ދަޢުވާއެވެ.

މި މައްސަލައިގައި ވެމްކޯގެ އޭރުގެ މެނޭޖިންގ ޑިރެކްޓަރުގެ މައްޗަށް މިކުށުގެ ތުހުމަތުކުރެވިފައިވަނީ، ވެމްކޯގެ މެނޭޖިންގ ޑިރެކްޓަރގެ މަޤާމުގައި ހުރެ، ރާއްޖޭގެ އިމްޕޯޓަރއެއް މެދުވެރިކޮށް ދިވެހިރާއްޖެއަށް އެތެރެކޮށްފައިވާ 350 ކިލޯގެ ޑަމްޕްޓްރަކަކީ އެތެރެކުރިއިރު ބޭނުންކޮށްފައި އޮތް ޑަމްޕްޓްރަކެއްކަން އެނގިހުރެ، ސައްޙަ ނޫން ސިޓީއެއް މެދުވެރިކޮށް ޑަމްޕްޓްރަކްގެ އޯނަރޝިޕް ވެމްކޯގެ އޭރުގެ މެނޭޖިންގ ޑިރެކްޓަރ އާ ވިޔަފާރީގެ ގުޅުން އޮންނަ ފަރާތެއްގެ މަސްލަހަތު ހިމެނޭ ކިއުބެކް އިންވެސްޓްމަންޓަށް ބަދަލުކުރުމަށް ހުއްދަދީފައިވާތީއެވެ.

އަދި އެ ޑަމްޕްޓްރަކްގެ ރަޖިސްޓްރީ އެމްކޯ ހޯލްޑިންގސް ޕްރައިވެޓް ލިމިޓެޑުގު ނަންމަތީ އޮށްވާ، ވެމްކޯގެ ބޭނުމަށް މި ޑަމްޕްޓްރަކް ކިއުބެކް އިންވެސްޓްމަންޓުން އައު ޑަމްޕްޓްރަކެއް ގޮތަށް ގަތުމަށް ނިންމާ، ޑަމްޕްޓްރަކް ގަތުމަށް ވެމްކޯ އާއި ކިއުބެކް އިންވެސްޓްމެންޓާ ދެމެދު އެކުލަވާލާފައިވާ ވެމްކޯގެ އެއްބަސްވުމުގައި ސޮއިކުރައްވާފައި ވާތީއެވެ.

މީގެއިތުރުން، ޑަމްޕްޓްރަކަށްވާ ފައިސާ ހޯދުމަށް ކިއުބެކް އިންވެސްޓުމެންޓުން ހުށަހެޅި ކިއުބެކް އިންވެސްޓްމެންޓްގެ އިންވޮއިސްގައި ޑަމްޕްޓްރަކްގެ ފައިސާގެ ފުލް ޕޭމަންޓް ކިއުބެކް އިންވެސްޓްމެންޓަށް ދޫކުރުމަށް އަންގާ ވެމްކޯގެ އޭރުގެ މެނޭޖިންގ ޑިރެކްޓަރ ސޮއިކޮށް އެއީ އައު ޑަމްޕްޓްރަކެއް ނޫންކަން އެނގިހުރެ ގަސްދުގައި އޭރު ހުރި މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ޑަމްޕްޓްރަކްގެ ފައިސާ ކިއުބެކް އިންވެސްޓްމެންޓަށް ދޫކޮށް އެ ފައިސާއިން އާ ވިޔަފާރި ގުޅުން އޮންނަ ފަރާތެއްގެ މަސްލަހަތު ހިމެނޭ ކިއުބެކް އިންވެސްޓްމެންޓަށާއި މޮންއަރކް ޕްރައިވެޓް ލިމިޓެޑަށް ނާޖާއިޒު ފާއިދާއެއް ހޯދާދީފައިވާތީއެވެ.

އޭސީސީއިން ބުނި ގޮތުގައި މި މައްސަލައިގެ ތަޙްޤީޤަށް ފާހަގަކުރެވުނު ކަންތައްތަކަށް ބަލާއިރު، ވެމްކޯގެ ބޭނުމަށް ކިއުބެކް އިންވެސްޓްމެންޓުން އެމަރޖެންސީކޮށް 01 ޑަމްޕްޓްރަކް ގަނެފައިވާއިރު، އެމަރޖެންސީ ފޯމުން ރިކުއެސްޓްކޮށްފައިވަނީ ކެޕްސް ލައިޓް ޚިދުމަތް ތަޢާރަފުކުރުމަށް އެއް ޓަނުގެ ޑަމްޕްޓްރަކެއް ހޯދުމަށްކަމަށް ވީނަމަވެސް، އެ ފޯމުގެ ތިރީގައި އެއްޓަނުގެ ޑަމްޕްޓްރަކެއް ލިބެން ނެތުމުން 350 ކިލޯގެ ޑަމްޕްޓްރަކެއް ހޯދުމުގެ މަސައްކަތްކުރިއަށް ގެންދިއުމަށް އަތުލިޔުމުން ލިޔެފައިވެއެވެ.

އަދި އެ އަތުލިޔުމުގެ ތިރީގައި ކޮށްފައިވާ ސޮޔަކީ އެ އެމަރޖެންސީ ފޯމު އޮތޮރައިޒްކޮށްފައިވާ ވެމްކޯގެ އޭރުގެ މެނޭޖިންގ ޑިރެކްޓަރގެ ސޮއިކަން އެފަރާތުގެ އިޢުތިރާފުންނާއި ފޮރެންސިކް ތަޙުލީލުން ތަޙުޤީޤަށް ޔަޤީންކުރެވިފައިވެއެވެ.

މީގެއިތުރުން، އެ އަތުލިޔުމަކީ ވެމްކޯގެ ލޮޖިސްޓިކް އޮފިސަރގެ އަތުލިޔުންކަމާއި، އެގޮތަށް އަތުލިޔުމުން ލިޔެ، އެމަރޖެންސީ ފޯމަށް ބަދަލު ގެނެސްފައިވަނީ ކިއުބެކް އިންވެސްޓްމެންޓުން 350 ކިލޯގެ ޑަމްޕްޓްރަކް ވެމްކޯއަށް ގަނެ އެ ޑަމްޕްޓްރަކް ވެމްކޯއަށް ލިބުމުން ކިއުބެކް އިންވެސްޓްމެންޓަށް ފައިސާ ދެއްކުމުގެ މަރުޙަލާގައިކަން ކޮމިޝަނުގެ ތަހުޤީޤަށް ފާހަގަކުރެވިފައުވާކަމަށް އޭސީސީން ބުނެއެވެ.