މަރާލާފައި އޮއްވާ ފެނުނު މަޝްހޫރު ބްލޮގާ ޔާމީން ރަޝީދު މަރުގެ މައްސަލާގައި ކްރިމިނަލް ކޯޓުގައި މިއަދު ހެކިބަސް ނެގި ފުލުހެއް ކަމަށްވާ އާދަމް މުހައްމަދު ތައްޔާރު ކުރި ރިޕޯޓާއި ގުޅިގެން ދައުވާ މ. ތާއިފް، އިސްމާއީލް ރަޝީދުގެ ދިފާއީ ވަކީލް މައުމޫން ހަމީދު ގިނަ ސުވާލުތަކަކާއި ފުލުހާއި ކުރިމަތި ކުރުވައިފިއެވެ.

އާދަމް މުހައްމަދު ވަނީ ޔާމީން މަރާލި މައްސަލާގައި ހިމެނޭ މީހުންގެ ވީޑިއޯ އެނާލިސިސް ރިޕޯޓްތަކެއް ތައްޔާރުކޮށްފައެވެ. އޭނާ ތައްޔާރުކޮށްފައިވާ ހަ ރިޕޯޓަކީ މައްސަލާގައި ހިމެނޭ ހަ މީހުންގެ ތެރެއިން ފަސް މީހެއްގެ ސިފަތައް ފުލުހުން ނަގާފައިވާ ވީޑިއޯތަކުން ފެންނަ މީހުންނާ ދިމާވާ ކަމަށް ބުނެ ހަދާފައިވާ ރިޕޯޓްތަކަކާއި ސައިކަލަކާ ގުޅޭ ގޮތުން ހަދާފައިވާ ރިޕޯޓެކެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ހެކިބަސް ނަގައި ތިން ރިޕޯޓަކަށް ވާހަކަ ދައްކާފައިވާ އިރު، އިސްމާއިލް ރަޝީދުގެ ދިފާއީ ވަކީލް މައުމޫން ހަމީދު ވަނީ އެތަނުން އޭނާގެ މުވައްކިލުގެ ތިން ސިފައެއް ދިމާވާ ކަމަށް ބުނެ ހަދާފައިވާ ރިޕޯޓާއި ގުޅޭގޮތުން ގިނަ ސުވާލު ތަކެއް ކުރައްވާފައެވެ.

އިސްމާއިލް ރަޝީދުގެ ދިފާއި ވަކީލް މައުމޫން ހަމީދު ވަނީ ރިޕޯޓްގައި އޮތް ލިޔުމުގެ ކުށެއް ފާހަގަކޮށް އެކަމާއި ގުޅިގެން ރިޕޯޓްގެ ސައްހަ ކަމާއި މެދު ސުވާލު އުފައްދާފައެވެ. އެއީ އިސްމާއިލް ރަޝީދުގެ ބަދަލުގައި ނަންގަނެފައިވަނީ މި މައްސަލާގައި ދައުވާ މ. އިރާސްމިކުގެ އަހުމަދު ޒިހާން އިސްމާއިލުގެ ނަން އޮތުމުންނެވެ. އެއީ ކިހިނެއް ވެފަ އޮތް ކަމެއްތޯ އާދަމް ކައިރިން މައުމޫން ސުވާލުކުރެއްވިއެވެ. ޖަވާބުގައި އާދަމް ވިދާޅުވެފައިވަނީ އަހުމަދު ޒިހާންގެ ނަން ޖެހިފައި ވަނީ ލިޔުމުގެ ކުށަކުން ކަމަށެވެ.

ދެވަނައަށް މައުމޫން ހަމީދު، އާދަމް އާއި ސުވާލު ކުރައްވާފައިވަނީ ޗެއިން އޮފް ކަސްޓަޑީއާއި ގުޅޭގޮތުންނެވެ. އެގޮތުން އޭގައި ބާކީ ހުރި ފަރާތްތައް މައުމޫން ހަމީދު ވަނީ ކިޔާދީފައެވެ. އާދަމް ކައިރިން މައުމޫން އެއްސެވީ ޗެއިން އޮފް ކަސްޓަޑީގައި އެންމެ ފަހަތުގައި އޮތީ ކޮން ނަމެއް ކަމަށެވެ. އެއީ މައުމޫން އަށް އެނަން ސާފު ނުވެގެންނެވެ. އާދަމް އަކަށް ވެސް އެއީ ކޮން އޮފިސަރެއްގެ ނަމެއް ކަމެއް ސާފެއް ނުވިއެވެ. އެހެން ނަމަވެސް އާދަމް ވިދާޅުވެފައިވަނީ އެއީ އެވިޑެންސް ކޮންޓްރޯލޯ ކަމަށެވެ. އާދަމް ބުނާ ގޮތުން އެ އެވިޑެންސް އޭނާއާ ހަވާލުކުރީ އެވިޑެންސް ކޮންޓްރޯލާ އެވެ.

މައުމޫން ހަމީދު ވަނީ އެ ރިޕޯޓް ތައްޔާރު ކުރި ސޮފްޓްވެއާއާއި ބެހޭ ސުވާލުތަކެއް އާދަމް އާއި ކުރައްވާފައެވެ. އެގޮތުން ފުރަތަމަވެސް މައުމޫން ކުރެއްވި ސުވާލަކީ އެ ސޮފްޓްވެއާ ބޭނުން ކުރާ ގޮތާއި އުސޫލު އޮޅުންފިލުއްވާފައެވެ. މައުމޫން ވަނީ އާދަމްގެ ތައުލީމާއި ތަޖުރިބާ އާއި ގުޅޭ ސުވާލުތަކެއްވެސް ކޮށްފައެވެ. އާދަމް ވަނީ އޭނާ ތައުލީމު ހާސިލް ކުރެއްވީ ކޮންތަނަކުން ކަމާއި ތަމްރީނު ދީފައިވަނީ ކޮން ޓްރެއިނަރެއްކަން ވެސް މައުމޫނަށް ކިޔައިދީފައެވެ.

މައުމޫން ހަމީދު ދެން ސުވާލުތައް ކުރެއްވީ ރިޕޯޓް ތައްޔާރު ކުރި ސޮފްޓްވެއާ އުފެއްދި ކުންފުނިން ނެރެފައިވާ ބުކްލެޓްގައިވާ ކަންކަމާ ގުޅޭ ގޮތުންނެވެ. މައުމޫން ވިދާޅުވީ ސޮފްޓްވެއާއިން ސީދާ ރިޕޯޓް ޖެނެރޭޓް ކުރާކަމަށެވެ. އަދި އެ ރިޕޯޓަކީ ކޯޓުގެ ބޭނުމަށް ހުށަހެޅޭނެ ފެންވަރުގެ ރިޕޯޓަކަށް ވާނެކަމަށެވެ. އެހެންވީއިރު އެ ރިޕޯޓަށްވީ ކިހިނެއްތޯ މައުމޫން އެއްސެވިއެވެ.

މި ސުވާލަށް ޖަވާބު ދެއްވަމުން އާދަމް ވިދާޅުވެފައިވަނީ އޭނާ ރިޕޯޓް ތައްޔާރުކޮށްފައިވަނީ އެބުނާ ރިޕޯޓަށް ބިނާކޮށް ކަމަށާއި އެ ރިޕޯޓް ރައްކާކޮށްފައި އޮންނާނެކަމަށެވެ. މައުމޫން އެ ރިޕޯޓް ޕީޖީ އޮފީހާއި އައިއޯއާއި ހަވާލުކުރިންތޯ ސުވާލުކުރުން އާދަމް ވިދާޅުވީ އެ ރިޕޯޓް ހަވާލުކޮށްފައިނުވާނެކަމަށެވެ.

މައުމޫން ފާހަގަކޮށްފައިވަނީ އެއީ ކޯޓުގައި ބޭނުން ކުރެވޭނެ ފަދަ ރިޕޯޓަކަށްވާއިރު އެ ރިޕޯޓްގައިވާ ކަންކަމުގެ މައްޗަށް ރިޕޯޓެއް ތައްޔާރުކުރުމުގެ ބަދަލުގައި އެންމެ ރަނގަޅު ގޮތަކީ ސީދާ އެ ރިޕޯޓެއް ހުށަހެޅުންކަމަށެވެ.

މި މައްސަލާގައި ދެން ސުވާލު އުފައްދާފައިވަނީ މ. އަންނާރުމާގޭ އިސްމާއިލް ހައިޝަމްގެ ދިފާއީ ވަކީލް ޔާމީނެވެ. ޔާމީން ވަނީ އަދަމް ކައިރިން އެ ރިޕޯޓް ތައްޔާރުކުރުމަށް ވީޑިއޯއިން ފެންނަ މަންޒަރުތަކުގައިވާ ސަރަހައްދުތަކަށް ގޮސް އަލުން އޭނާގެ މުވައްކިލު ގެންގޮސް ފޮޓޯ ނަގައި މިންތައް ނަގާފައިވޭތޯ ސުވާލުކުރައްވާފައެވެ. އަދި ރިޕޯޓް ހެދުމަށް ބޭނުންކުރި ސޮފްޓްވެއާގެ ވޯކް ލޮގް ކޮބައިތޯވެސް އައްސަވާފައެވެ. ޖަވާބުގައި ރިޕޯޓް ތައްޔާރުކުރި އާދަމް ވިދާޅުވީ ވީޑިއޯތަކުން ފެންނަ ތަންތަނަށް ގެންގޮސް މި މައްސަލާގައި އަލުން ފޮޓޯ ނަގާފައިނުވާނެ ކަމަށެވެ. އަދި ވޯކް ލޮގް ވެސް ހުށަހަޅާފައިނުވާނެ ކަމަށެވެ.

މ. އިރާސްމިކުގެ އަހުމަދު ޒިހާން އިސްމާއިލާއި ގުޅޭގޮތުން ތައްޔާރުކޮށްފައިވާ ރިޕޯޓަށް އޭނާގެ ދިފާއީ ވަކީލް އަބްދުﷲ ހަސީން ވެސް ވަނީ ސުވާލުތަކެއް ކޮށްފައެވެ. ހަސީން އާދަމް ކައިރިން އައްސަވާފައިވަނީ، ތިން ސިފަ އެއްގޮތް ކަމަށް ބުނާއިރު ވީޑިއޯއިން ފެންނަނީ ސީދާ ޒިހާން ކަމަށް ޔަގީންވޭތޯއެވެ. ޖަވާބުގައި އާދަމް ބުނެފައިވަނީ ރިޕޯޓްގައި ހިމެނީ ޒިހާންއާ އެއްގޮތް ސިފައެއް ވޭތޯ ނުވަތަ ނޫންތޯ ކަމަށެވެ. ސިދާ ސުވާލަށް ޖަވާބު ދިނުމަށް ހަސީން އެދުމުން އާދަމް ބުނީ އެއްގޮތްވީ ތިން ސިފަ ކަމަށެވެ.

މިއަދުގެ ޝަރީއަރުގައި ވަނީ އިތުރު ހެކިވެރިއެއްވެސް ހާޒިރުކޮށްފައެވެ. އެއީ ސައިކަލެއް ޓޯޔާޑަށް ގެންދިއުމުން ފޮޓޯނަގައި ރިޕޯޓެއް ތައްޔާރުކޮށްފައިވާ އިހުސާން މުހައްމަދެވެ. ދައުލަތުން ވިދާޅުވެފައިވަނީ އެސައިކަލަކީ މި މައްސަލާގައި ދައުވާލިބޭ ގދ. ގައްދޫ ސިންދުބާދުގޭ މުހައްމަދު ދިފްރާންގެ ސައިކަލެއް ކަމަށެވެ. އިހުސާން ވިދާޅުވީ އެސައިކަލަކީ ރަތް ކުލައިގެ ޕީސީއެކްސް ވައްތަރުގެ ސައިކަލެއް ކަމަށާއި ފާހަގަވެފައި ހުރި ކަމަކީ ކުދިކުދި ކޫރުން ސައިކަލުގައި އެޅިފައިހުރި ކަން އެކަނި ކަމަށެވެ.

މި މައްސަލާގައި ދެން އަޑުއެހުން ތާވަލުކޮށްފައިވަނީ އަންނަ މަހަށެވެ. އަދި އޮކްޓޯބަރ މަހަށްވެސް ވަނީ މި މައްސަލައިގެ އަޑުއެހުން ތާވަލުކޮށްފައެވެ.

ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި ތޫނުއެއްޗެއް ބޭނުން ކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ އުފުލާފައިވަނީ މ. އަންނާރުމާގޭ އިސްމާއީލް ހައިޝަމް ރަޝީދާއި މ. ކޮޅުފުށީ އީސްޓް، ހުސައިން ޒިޔާދާއި މ. ތާއިފް، އިސްމާއީލް ރަޝީދާއި މ. ކުދެހިގޭ، ހަސަން ޝިފާޒާއި، ގދ. ގައްދޫ ސިންދުބާދުގޭ މުހައްމަދު ދިފްރާނާއި މ. އިރާސްމިކުގެ އަހުމަދު ޒިހާން އިސްމާއީލްގެ މައްޗަށެވެ.

އޭނާ މަރާލާފައި އޮއްވާ ފެނުނުއިރު ހަށިގަނޑުގެ އެތަން މިތަނަށް ތޫނު އެއްޗަކުން ހަމަލާދީފައި ވެއެވެ. އޭނާ މަރާލާފައި ވަނީ 2017 ވަނަ އަހަރުގެ އޭޕްރިލް މަގުގެ 23 ވަނަ ދުވަހުއެވެ.