ގދ. ތިނަދޫގައި ކުނި މެނޭޖްކުރާ މަރުކަޒު ޤާއިމުކުރުމަށް ބަޔަކާ ހަވާލުކޮށްފިއެވެ.

އިއްޔެ މިނިސްޓްރީ އޮފް އެންވަޔަރަމަންޓްގައި ބޭއްވި ރަސްމިއްޔާތުގައި ތިނަދޫގައި ކުނި މެނޭޖްކުރާ މަރުކަޒު ޤާއިމުކުރުމަށް ހަވާލުކޮށްފައިވަނީ އެކުއާމެރިން ހޮލިޑޭސް ކުންފުންޏާއެވެ.

މި ރަސްމިއްޔާތުގައި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ، ޕާމަނަންޓް ސެކްރެޓަރީ އަޖުވަދު މުސްތަފާއެވެ. އަދި އެކުއާމެރިން ހޮލިޑޭސް ކުންފުނީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޢަބްދުލް ރަހުމާން މުޖުތަބާ އާދަމެވެ.

އަޖުވަދު ވިދާޅުވީ، މިމަސައްކަތް ހަވާލުކޮށްފައިވަނީ 1.3 މިލިއަން ރުފިޔާއަށް 120 ދުވަހުގެ ތެރޭގައި ނިންމާލުމަށް ކަމަށެވެ. ތިނަދޫގެ ހުރިހާ ރައްޔިތުންނަށް މިހާރު ދިމާވެފައިވާ އެންމެ ބޮޑު އެއްމައްސަލައަކީ ކުނީގެ މައްސަލަ ކަމަށްވެސް އަޖުވަދު ވިދާޅުވިއެވެ. އަދި ވީހާވެސް އަވަހަށް މިމަސައްކަތް ނިންމާދެއްވުމަށް އެކުއާމެރިން ހޮލިޑޭސްގެ މެނޭޖިންގް ޑިރެކްޓަރގެ އަރިހުން އޭނާ އެދިލެއްވިއެވެ.

އިއްޔެ އެންވަޔަރަންމެންޓް މިނިސްޓްރީގައި ކުރިއަށް ދިޔަ ރަސްމިއަޔާތުގައިވަނީ ކުނިން ހަކަތަ އުފެއްދުމަށް ތިލަފުށީގައި ގާއިމުކުރާ އިންސަރެނޭޝަން ފެސިލިޓީ އިމާރާތް ކުރުމަށް ހިއްކާފައިވާ ބިމުގެ ޖިއޯ ޓެކްނިކަލް ސަރވޭ ހެދުމަށް ރިޔަން ޕްރައިވެޓް ލިމިޓެޑާއި ވެސް ހަވާލުކޮށްފައެވެ.