ސިނަމާލެ ބުރިޖުގައި ދަތުރުކުރާއިރު، ހެލްމެޓް އަޅައިގެން ދަތުރު ކުރަން އުނދަގޫކަަމަށް ސާވޭއަކުން ދައްކައިފިއެވެ.

މިދިޔަ އަހަރު ސެޕްޓެމްބަރު މަހު ހުޅުވި ސިނަމާލެ ބުރިޖާއި، ބުރިޖާއި ގުޅިފައިވާ ހައިވޭގައި ދަތުރުކުރާއިރު، ހެލްމެޓް އަޅަން މަޖުބޫރު ކުރީ މާރިޗް މަހުގެ ނުވަ ވަނަ ދުވަހުގެ ރޭ 12:00 ގައެވެ.

ސިނަމާލެ ބުރިޖަށް އެއް އަހަރު ފުރުމާ ގުޅިގެން މޯލްޑިވްސް ޗައިނާ ޓްރޭޑް އެންޑް ކަލްޗަރަލް އެސޯސިއޭޝަންއާ ގައުމީ ޔުނިވާސިޓީގެ ދަރިވަރުންގެ ޖަމިއްޔާ އެމްއެންސާޔޫއެސްޔޫ ގުޅިގެން މި ވަނީ ސާވޭއެއް ހަދާފައެވެ.

މި ސާވޭއިން ދައްކާގޮތުގައި، މި ބުރިޖުގައި އެންމެ ގިނައިން ދަތުރުު ކުރަނީ ސައިކަލެވެ. އެގޮތުން ބުރިޖު ބޭނުންކުރާ ހަތަރު މީހުންގެ ތެރެއިން ތިން މީހަކީ ބުރިޖު މަތީގައި ސައިކަލުން ދަތުރުކުރާ މީހުންނެވެ. މި ސާވޭގައި ބައިވެރިވި 13 ޕަސެންޓް މީހުން ބަހުގައި ދަތުރުކުރާއިރު، އަށް ޕަސެންޓް މީހުން ބުނެފައިވާގޮތުގައި، އެ މީހުން ދަތުރުކުރަނީ ޓެކްސީގައެވެ. ތިން ޕަސެންޓް މީހުން ދަތުރު ކުރަނީ ޕްރައިވެޓް ކާރުގައެވެ.

ބުރިޖު މަތީގައި ސައިކަލުން ދަތުރުކުރާ ކޮންމެ މީހަކު ހެލްމެޓް އެޅުން މަޖުބޫރެވެ. ހެލްމެޓް ނާޅާ ބުރިޖު ހުރަސް ކުރާ ތަން ފެނިއްޖެނަމަ ފިޔަވަޅު އަޅައެވެ.

މި ސާވޭގައި ބައިވެރިވި މީހުންގެ ތެރެއިން 46 ޕަސެންޓް މީހުން ބުނާގޮތުގައި، ބުރިޖު މަތީގައި ދަތުރުކުރާއިރު، ހެލްމެޓް އެޅުން އުނދަގޫ ނަމަވެސް، އެއީ ރައްކާތެރި ފިޔަވަޅެކެވެ. ނަމަވެސް 33 އިންސައްތަ މީހުން ބުނާގޮތުގައި، ބުރިޖު މަތީގައި ދަތުރުކުރާއިރު، ހެލްމެޓް އެޅުން ވަރަށް އުނދަގުލެވެ. އަދި 10 ޕަސެންޓް މީހުން ބުނަނީ، ބުރިޖު މަތީގައި ދަތުރުކުރާއިރު، ހެލްމެޓް އެޅުން އުނދަގޫ ކަމަށެވެ.

އަދި 10 އިންސައްތަ މީހުން ބުނާގޮތުގައި، ބުރިޖު މަތީގައި ހެލްމެޓް ނޭޅުމުން ވާނެ ގެއްލުމެއް ނެތެވެ.