ޑިއުޓީއަށް މަކަރު ހަދައިގެން މިދިޔަ މަހު ރާއްޖެއަށް ވަގަށް ވެހިކަލް އެތެރެކުރި މައްސަލަ އާއި ގުޅިގެން ކަސްޓަމްސްގެ ދެ އޮފިސަރަކާމެދު ފިޔަވަޅު އަޅައިފިއެވެ.

ރާއްޖެއަށް ލަކުޑި އެތެރެކުރުމުގެ ނަމުގައި ގެނެވުނު ދެ ކޮންޓެއިނަރު ތެރެއިން ވަގަށް އެތެރެކޮށްފައިވާ ވެހިކަލްތައް ފެނުނީ މިދިޔަ މަހުގެ 27 ވަނަ ދުވަހު ހުޅުމާލޭ ގާކޮށި ސަރަޙައްދުގައި ފޮރުވާފައި ވަނިކޮށެވެ. އެ ކޮންޓައިނަރުގައި ހުރީ ކާރާއި ސައިކަލްތަކެކެވެ.

މި މައްސަލަ އާއި ގުޅިގެން ކަސްޓަމްސްގެ ދެ އޮފިސަރަކު މިހާރު ވަނީ، މައްސަލައިގެ ތަހުޤީޤު ނިމެންދެން ސަސްޕެންޑު ކޮށްފައެވެ.

ކަސްޓަމްސް އާއި ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަނުގައި ރާއްޖެއަށް އެތެރެކޮށްފައިވާ ދެ ކޮނަރުން، 3 ކާރު، 2 ޕިކަޕް، 2 ވޭން އަދި 14 ސައިކަލު ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވެއެވެ. މި ކޮންޓެއިނަރަކީ މުދަލާއެކު ކޮންޓެއިނަރ ހުރިގޮތަށް ކޮންސައިނީގެ ސައިޓަށް ގެންގޮސް ކޮންޓެއިނަރ އިން މުދާ ހުސްކުރާ ގޮތަށް ހަމަޖެހިފައިވާ ދެ ކޮންޓެއިނަރެވެ.

މި ވެހިކަލްތަކުގެ ސީއެންޑްއެފް އަގު 586،000 ރުފިޔާއަށް އަރާނެ ކަމަށް ލަފާ ކުރެވޭ ކަމަށް ވެސް ކަސްޓަމުން ބުނެފައި ވެއެވެ.