އިޕީއޭއާއި، އެޗްޑީސީއާއި ޔޫއެންޑީޕީ ގުޅިގެން މުޅި ރާއްޖެ ތެރެ ސާފު ކުރުމަށް ނިންމާއިފިއެވެ.

މި މަސައްކަތް ކުރުމަށް ހަމަޖެހިފައި ވަނީ އިންޓަރނޭޝަނަލް ކޯސްޓަލް ކްލީންއަޕްޑޭއާއި ގުޅުވައިގެން މި މަހުގެ 21 ވަނަ ދުވަހުއެވެ. މިދުވަސް ވީހާވެސް ކުލަ ގަދަކޮށް ކޮންމެ ރަށެއްގައި ފާހަގަ ކުރުމަށް އީޕީއޭ އިން ވަނީ އިއުތިމާސް ކުރައްވާފައެވެ.

އީޕީއޭ އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ވަނީ މި ދުވަސް ފާހަގަ ކުރުމުގެ ގޮތުން ކުރެވިދާނެ ކަންތައްތައް ކައުންސިލުން ކަނޑައަޅައި އެކަންތައްތައް ރާވާ ހިންގުމުގެ އިތުރުން މިކަންތައްތަކަށް އެއްބާރުލުން ދިނުމަކީ ވަރަށް ބޮޑު އެދުމެއް ކަމަށެވެ. އަދި ހަމައެޔާއެކު ރަށު ކައުންސިލާއި، ރަށުގައި އުފައްދައިފައިވާ އެކި އެކި ޖަމިއްޔާތަކާއި، އޮފީސްތަކުގެ އިތުރުން ސްކޫލް ދަރިވަރުންނާއި އާންމުން ޝާމިލުވެގެން ސާފު ކުރުމުގެ ހަރަކާތެއް ކުރިޔަށް ގެންދެވިދާނެ ކަމަށްވެސް އެޖެންސީއިން ނެރިފައިވާ ނޫސްބަޔާނުގައި ބުނެފައިވެއެވެ.

އަދި ހަމަމިޔާއެކު ސާފުކުރުމަށްފަހު އެއްކުރެވޭ ކުނީގެ ތެރޭގައި ހިމެނޭ ޕްލާސްޓިކް، ބިއްލޫރި އަދި ދަގަނޑުގެ އިތުރުންވެސް ކުނީގެ ތެރޭގައި ހިމެނޭ އެހެނިހެން ބާވަތްތަކުގެ އަދަދު އަންދާޒާ ކުރުމަށްފަހު އެންގުމަށްވެސް ނޫސްބަޔާނުގައި އެދިލައްވާފައިވެއެވެ.

އަހަރެމެންގެ ރާއްޖެ ފަދަ ނާޒުކު ތިމާވެށްޓެއް އޮންނަ ތަނެއްގައި ތިމާވެށި ސަލާމަތް ކުރުމަށްޓަކައި ކުރެވޭ ކޮންމެ މަސައްކަތެއްގައި ކޮންމެ ރައްޔިތެއްގެ އެއްބާރުލުން ލިބުމަކީ ވަރަށް މުހިންމުކަމެކެވެ.