ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި، މޫސުން ގޯސްވެ 13 އަތޮޅަކަށް ރީނދޫ ސަމާލު ނެރެފިއެވެ.

މޫސުމާއި ބެހޭ ޤައުމީ އިދާރާ، މޯލްޑިވްސް މީޓިއޮލޮޖިކަލް ސެންޓަރުން މި ސަމާލު ނެރެފައި ވަނީ ނ. އަތޮޅުން ފަށައިގެން ލ. އަތޮޅާއި ހަމައަށެވެ. މި ސަމާލު ނެރެފައި ވަނީ މިއަދު 11:00 އިން ފަށައިގެން މެންދުރުފަހު 15:00 އާއި ހަމައަށެވެ.

މި ސަރަޙައްދަށް ރީނދޫ ސަމާލު ނެރެފައިވާކަން ހާމަކޮށް މޫސުމާއި ބެހޭ އިދާރާ އިން ވިދާޅުވީ، ސަމާލުގެ ވަގުތުތަކުގައި މި ސަރަޙައްދުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލަށް ވައިގަދަވުން ވެސް އެކަށީގެންވާ ކަމަށް އެ އިދާރާއިން ވިދާޅުވިއެވެ.

މިއަދު 11:00 އިން ފަށައިގެން މެންދުރުފަހު 3:00 އާއި ހަމައަށް ބޮޑު ސަރަޙައްދަކަށް ރީނދޫ ސަމާލު ނެރެފައިވާއިރު، މިއަދު ހެނދުނު 7:00 އިން 11:00 އާއި ހަމައަށް ޅ. އަތޮޅުން ވ. އަތޮޅާއި ހަމައަށްވެސް މި ސަމާލު ނެރެފައި ވެއެވެ.

މީގެ އިތުރުން ރާއްޖޭގެ އެންމެ އުތުރާއި ދެކުނުގެ ބޮޑު ސަރަޙައްދަކަށް ހުދު ސަމާލު ވެސް މިހާރު ވަނީ ނެރެފައެވެ. މި ސަމާލު ނެރެފައި ވަނީ ހއ. އަތޮޅުން ނ. އަތޮޅާއި ހަމައަށް އަދި މ. އަތޮޅުން އައްޑޫ ސިޓީ އާއި ހަމައަށް މިއަދު ހެނދުނު 9:30 އިން ފަށައިގެން މެންދުރުފަހު 3:30 އާއި ހަމައަށެވެ.

ރާއްޖޭގެ ހުރިހާ ސަރަޙައްދަކަށް މިއަދު ކުރަމުންދާ ވިއްސާރައިގެން ސަބަބުން ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ހާދިސާތައް ދަނީ ހިނގަމުންނެވެ. އެގޮތުން ވެރިކަންކުރާ މާލޭގައިވެސް ވަރަށް ބޮޑަށް ފެންބޮޑުވެ ގެތަކަށް ފެން ވަންނަމުން ދާތީ، އިދާރާތަކުން ދަނީ ހަރަކާތްތެރިވާން ފަށާފައެވެ.