މިދިޔަ ހުކުރު ދުވަހުގެ ރޭ މާލޭގައި ހިނގައިދިޔަ އަލިފާނުގެ ހާދިސާގައި ހާލުގައި ޖެހިފައިވާކަމަށް ބުނެ، ތ. އަތޮޅުގެ ރަށަކަށް ނިސްބަތްވާ ކުއްޖެއްގެ ނަމުގައި އެހީ ހޯދަން މަސައްކަތްކޮށްފިއެވެ.

ޑިޒާސްޓަރ މެނޭޖްމަންޓު އޮތޯރިޓީން ވިދާޅުވީ އެ ހާދިސާގައި ހާލުގައި ޖެހުނު ކަމަށް ބުނެ އެހީތެރިކަން ބޭނުންވާ ލިސްޓުގައި ތ. އަތޮޅުގެ ރަށަކަށް ނިސްބަތްވާ ކުއްޖަކު ރަޖިސްޓްރީ ކޮށްފައިވާ ކަމަށެވެ. އަދި ވެރިފައި ކުރުމަށް ބެލި ބެލުމުން އެކުއްޖާ ދިރިއުޅެނީ ތ. އަތޮޅުގައި ކަމާއި، އެކުއްޖާ ސްކޫލަށް ދަނީވެސް ތ. އަތޮޅުގެ ސްކޫލަކަށް ކަން އެނގިފައިވާކަމަށް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން ވިދާޅުވިއެވެ.

މިފަދަ މައްސަލައެއް ފެންމަތިވެފައިވާއިރު އައްޑޫގެ އާއިލާއަކުންވެސް އެ ހާދިސާއާ ގުޅުވައިގެން ބޯހިޔާވަހިކަން ހޯދަން މަސައްކަތް ކުރަމުންދާ ކަމަށާއި އެއާއިލާއަކީވެސް އެ ހާދިސާގައި ގެއްލުންވި އާއިލާއެއް ނޫން ކަމަށް ޑިޒާސްޓަރ އިން ވަނީ ބުނެފައެވެ.

މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑިޒާސްޓަރ އިން ވިދާޅުވި ގޮތުގައި އަލިފާނުގެ ހާދިސާ އާއި ގުޅިގެން މިހާރުވެސް 562 މީހުން ރަޖިސްޓްރޭޝަން ލިސްޓުގައި އެބަ ތިއްބެވެ. އޭގެ ތެރެއިން ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދޭން ޖެހޭ 247 ފަރާތަކަށް އެކަންކޮށްދީފައިވާނެ ކަމަށާއި، އެ ހާދިސާ އާއި ގުޅިގެން ކަލާފާން ސްކޫލްގައި ގާއިމް ކުރި ރިލީފް ސެންޓަރުގައި ތިބި ހުރިހާ ފަރާތްތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދީފައިވާނެ ކަމަށް ހިސާން ވިދާޅުވިއެވެ.