ރާއްޖޭގައި ހުރި އިންވެސްޓްމެންޓްގެ ފުރުސަތުތަކާއި ވިޔަފާރީގެ ފުރުސަތުތަކަށް މައުލޫމާތު ދިނުމަށް "އިންވެސްޓިންގް އިން މޯލްޑިވްސް"ގެ ނަމުގައި ވަށްމޭޒު މަޝްވަރާތަކެއް މިއަދު ފަށައިފިއެވެ.

ހޮޓެލް ޖެންގައި ކުރިއަށްދާ ރަސްމިއަޔާތުގައި މަޝްވަރާތަކުގެ ރިޔާސަތު ބަލަހައްޓައިދެއްވަނީ އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލް އަދި ޔޫރަޕިއަން ޔޫނިއަން އިން ރާއްޖެ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޓަންގް ލައި މާގް އެވެ. މިއީ އީޔޫއާއެކު ރާއްޖެއިން މިފަދަ މަޝްވަރާތައް ކުރިއަށްގެންދާ ފުރަތަމަ ފަހަރެވެ.

މި ބައްދަލުވުން ފެއްޓުމުގެ ގޮތުން ވާހަކަ ދައްކަވަމުން އިކޮނޮމިކް މިނިސްޓަރ ފައްޔާޒު ވިދާޅުވީ، ރާއްޖޭގެ ފަތުރުވެރިކަމުގައި ޔޫރަޕްގެ ހިއްސާ ވަރަށް ބޮޑު ކަމަށާއި ފަތުރުވެރިކަން އިތުރަށް ފުޅާކުރުމަށް ޔޫރަޕްގެ ގައުމުތަކަށް ބަލަމުން އަންނަ ކަމަށެެވެ. މި ވާހަކައިގައި ފައްޔާޒު ވަނީ ރާއްޖޭގައި އިންވެސްޓް ކުރުމާއި ވިޔަފާރި ކުރުމުގައި ރާއްޖެއިން ކުރަން ވިސްނާ ކަންކަމާއި ކުރިއަށް އޮތް ތަނުގައި ރަނގަޅު ކުރަން ޖެހޭ ކަންކަން ފާހަގަ ކޮށްފައެވެ.

ރާއްޖޭގެ އިކޮނޮމީގައި ފަތުރުވެރިކަމުގެ ހިއްސާ އިތުރުކުރަން މަސައްކަަތް ކުރާއިރު ޔޫރަޕު ގައުމުތަކާ ގުޅުން ބަދަހިކުރާނެ ކަމަށް ފައްޔާޒުގެ ވާހަކަފުޅު ގައި ހިމަނާފައިވެއެވެ. އަދި ރާއްޖޭގެ މައި ޓްރޭޑިން ޕާޓްނަރުންގެ ގޮތުގައި އީޔޫ ހިމެނޭ އިރު ބައެއް ގޮންޖެހުން ތަކެއް ހުރި ކަންވެސް ފައްޔާޒު ވަނީ ފާހަގަކޮށްފައެވެ.

މި ބައްދަލުވުން ކުރިއަށްގެންދަނީ ރާއްޖޭގައި އިންވެސްޓް ކުރުމާއި ގުޅޭގޮތުން ހުރި ފުރުސަތުތަކާއި ގުޅޭގޮތުންނާއި ރާއްޖޭގެ އިގްތިސޯދުގައި ހުރި ފުރުސަތުތަށް ތަކާއި ގުޅޭގޮތުންނެވެ. އެގޮތުން މިކަމާއި ގުޅޭގޮތު ޕްރެޒެންޓޭޝަނެއްވެސް ދޭން ވަނީ ނިންމާފައެވެ. މޯލްޑިވްސް ފަންޑް މެނޭޖްމެންޓް ކޯޕަރޭޝަނުން ލޯންޗް ކުރާ ފަންޑްތަކާއި ގުޅޭގޮތުންވެސް މައުލޫމާތު މި މަޝްވަރާ ބައްދަލުވުމުގައި ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މިއަދު އަލަށް މި ފެށި އީޔޫ ވަށްމޭޒު މަޝްވަރާ ކުރިއަށްގެންދާނެ ކަމަށް އިއުލާނުކޮށްފައިވަނީ އީޔޫގެ ހައި ރެޕްރެޒެންޓޭޓިވް ފޯ ފޮރިން އެފެއާޒް އެންޑް ސެކިޔުރިޓީ ޕޮލިސީ ފްރެޑްރިކާ މުގްރީނީ މިއަހަރު އޮގަސްޓް މަހު ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައެވެ. މި ބައްދަލުވުމުގެ މަގްސަދަކީ ރާއްޖޭގައި ހުރި ވިޔަފާރިއާއި އިންވެސްޓްމެންޓްގެ ފުރުސަތުތަކާއި ބެހޭގޮތުން މައުލޫމާތު ހިއްސާކުރުމެވެ..