ދުންފަތާ ދުރުވުމަށް ބޭނުންވާ މީހުންނަށް ފަރުވާދިނުމަށް އައިޖީއެމްއެޗްގައި ހާއްސަ ކްލިނިކެއް ހުޅުވައިފިއެވެ.

މި ކްލިނިކް ގާއިމްކޮށްފައި ވަނީ އައިޖީއެމްއެޗުގެ ރެސްޕިރޭޓަރީ މެޑިސިން ޑިޕާޓްމަންޓުގައެވެ. މިތަނުން އަދި ހިދުމަތްދެމުން ގެންދަނީ ހިލޭއެވެ.

މި ކްލިނިކް އިއްޔެ ރަސްމީކޮށް ހުޅުއްވައިދެއްވީ ޖެންޑާ މިނިސްޓަރު ޒެނީޝާ ޝަހީދު ޒަކީއެވެ.

އައިޖީއެމްއެޗްގެ ޕަބްލިކް ރިލޭޝަންސް އެންޑް މީޑިއާ ޔުނިޓުގެ ޑިރެކްޓަރު އަހްމަދު މައުސޫމް "ވަގުތު" އާ ވާހަކަދައްކަވަމުން ވިދާޅުވީ، އިއްޔެ ހުޅުވި އެ ކްލިނިކުން މިއަދުން ފެށިގެން ޓޯކެންކޮށް ނަމްބަރު ދޫކުރަމުން ގެންދާނެ ކަމަށެވެ.

އެތަނުން ހިދުމަތް ދެމުން ގެންދާނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރު ފަހު 3:00 އާއި ހަމައަށެވެ. އަދި ކްލިނިކް ނަމްބަރ 3335140 އަށް ގުޅައިގެންވެސް މައުލޫމާތު ފޯރުކޮށްދޭނެއެވެ.

މައުސޫމް ވިދާޅުވިގޮތުގައި، މި ކްލިނިކުން ދުންފަތު އިސްތިއުމާލު ކުރުން ހުއްޓާލަން ބޭނުންވާ ފަރާތްތަކަށް ކައުންސިލިންގ ހިދުމަތާއި ޑޮކްޓަރަށް ދެެއްކުމާއި، އަދި އެ ފަރާތްތަކަށް ދޭން ޖެހޭ ސަޕޯޓާއި، އަދި އެކަމަށް ހާއްސަ ސެޝަންތައްވެސް ކުރިއަށްގެންދާނެއެވެ.

"ކައުންސިލިންގ ދިނުމާއި، ހުއްޓާލަން ބޭނުންވާ ކަންތައްތަކާއި، މިހާރު ބޭނުން ކުރާ ބެޓަރީ ކަހަލަ އެއްޗެހި ބޭނުން ކުރުމާއި،އެ ބޭނުން ކުރުމުގެ ގައިޑްލައިންތައް ކިޔާދިނުމާއި، އެކަހަލަ ސެޝަންތަކެއް ކުރިއަށްދާނީ". މައުސޫމް ވިދާޅުވިއެވެ.