ދ. އަތޮޅު ވާނީގައި ކުރިއަށްދިޔަ ޕޮލިސް ޓްރޭނިން ސްކޫލްގައި ޕޮލިސް ބޭސިކް ޓްރޭނިން ތެރެއިން ބަލިވެގެން ކުޑަހުވަދޫގައި ފަރުވާ ދިނުމަށް ފަހު މާލެ ގެނައުމަށް ދަތުރުކުރަމުން ދަނިކޮށް ނިޔާވި ފުލުހުސް މީހާގެ ޖަނާޒާ މެންދުރު ނަމާދަށް ފަހު އިސްލާމީ މަރުކަޒުގައި ބާއްވާ ގޮތަށް ހަމަޖެހިއްޖެއެވެ.

ނިޔާވެފައިވަނީ ށ. ކޮމަންޑޫ އަސަރީގޭ އުމުރުން 25 އަހުމަދު ވިފާޤު އެވެ. ފުލުހުން ވިދާޅުވީ، އޭނާ ނިޔާވީ ރޭ 11:48 ހާއިރު ކަމަށާއި، ވިފާޤު ނިޔާވީ ޕޮލިސް ޓްރޭނިން ސްކޫލްގައި ޕޮލިސް ބޭސިކް ޓްރޭނިން ހަދަމުން ދިޔަ ފުލުހަކު ބަލިވެގެން ކުޑަހުވަދޫގައި ފަރުވާ ދިނުމަށް ފަހު މާލެ ގެންނަނިކޮށް ދަތުރު މަތީގައި ކަމަށެވެ.

ބަލިވެގެން ފަރުވާދެމުން ދަނިކޮށް ނިޔާވި ށ. ކޮމަންޑޫ އަސަރީގޭ ޕޮލިސް ކޮންސްޓަބަލް އަހުމަދު ވިފާޤު ނިޔާވި ސަބަބު ބަލަމުންދާ ކަމަށް ހޯމް މިނިސްޓަރ އަޒްލީން ވަނީ ވިދާޅުވެފައެވެ.

ވިފާޤުގެ ހަށިގަނޑު ރޭ އައިޖީއެމްއެޗްއަށް ގެނައި ވަގުތު އެ ހޮސްޕިޓަލަށް ވަޑައިގެން "ވަގުތު"އަށް މަޢުލޫމާތު ދެއްވަމުން މިނިސްޓަރ އަޒްލީން ވިދާޅުވީ، ވިފާޤު ނިޔާވި ސަބަބު ހޯދުމުގެ މަސައްކަތް މިހާރު ކުރިއަށްދާއިރު، އެކަމުގައި ޑޮކްޓަރުންގެ ބަސް ލިބެން 3 ނުވަތަ 4 ގަޑިއިރު ވާނެ ކަމަށް ބެލެވޭ ކަމަށެވެ.

"މި ހިތްދަތި ދަނޑިވަޅުގައި، ފުލުސް މީހާ ނިޔާވީ ކީއްވެކަން އެނގޭނީ އައިޖީއެމްއެޗްގެ ޑޮކްޓަރުން ބައްލަވާފައި، ހުރިހާ އެސައިންމެންޓެއް ހެއްދެވުމަށްފަހު. އެހެންވީމަ ސީދާ ނިޔާވާން ދިމާވި ސަބަބު އަދި އަޅުގަނޑުމެންނަށް ކަށަވަރެއް ނުކުރެވޭ،" މިނިސްޓަރ އަޒްލީން ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ، ވިފާޤުއަކީ ދެ އަހަރެއްހައި ދުވަހު ޓްރެއިނިންގ ނުހަދައިވިޔަސް ޕޮލިސް ސްޕެޝަލް ކޮންސްޓެބްލްގެ ވަޒީފާ އަދާކޮށްފައިވާ ފުލުހެއް ކަމަށާއި، ޓްރެއިނިންގ ގައި ހުއްޓައި ބަލިވެ އުޅޭކަމުގެ މަޢުލޫމާތު ލިބުނު ކަމަށެވެ. ނަމަވެސް ކަން ދިމާކުރި ގޮތުން ވިފާޤު ދުނިޔެ ދޫކުރަން ޖެހުނީ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ކެރެޓް

    މާ ހަރުވީމަވެސް ރަގަޅެއް ނޫވާނެ ބޭބެ މެން އުމުރުން ހަމަ 18 ވީއިރު ތިޔަ ޓްރޭނިންގ ނިމިއްޖެ އިންޝާﷲ، ﷲ އޭނާއަށް ހެޔޮ ރަހްމަތް ލައްވާނެ އިންޝާﷲ

    • ެމަރީ

      ކެރެޓް ތީ ކޮންކަހަލަ އިންސާނެއް،މީހެއްގެ މަރުގެ ވާހަކަ ޢޭ މިދައްކަނީ،

  2. ނަބާ

    އެބުނާހެން ހާދަ ރަޙުމްވެސް ކުޑަ މީހެކޭ ތިޔާ”ކެރެޓް” އަކީ ބަލަ ފުރާނައިގެ ވަގުތު ޖެހުނީމަ ލަހެއް ފަހެއް ނުވެ އެހުރިތަނަކުން ފުރާނަ އެމީހެއްގެ ހަށިގަނޑުން ނުކުމެގެން ދާނެ!! މިވަރު ނޭގުމަކީ ޕޮލިހުގެ ވަޒީފާ އަށް ކުފޫ ހަމަނުވާކަމުގެ އަލިގަދަ ހެއްކެއް!! މާތް ﷲ އެމަރުހޫމަށް ސުވަރުގޭގެ މަތިވެރި ނިޢްމަތް ވިންވަރު ކުރައްވައި، އާއިލާއަށް ކެތްތެރިކަން ދެއްވާށި!! އާމީން