ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ރާއްޖޭގައި ފަށާފައިވާ "މިޝަން ފިޓް މޯލްޑިވްސް" އެންޑޯޒްކޮށްފިއެވެ.

އެޖަމިއްޔާގެ ރާއްޖޭގެ ގޮފިން ކުރި ޓްވީޓެއްގައި ބުނީ ރާއްޖޭގެ އާބާދީގެ އުމުރުން 40 އަހަރާއި 49 އަހަރާ ދެމެދުގެ އަންހެނުންގެ 69 ޕަސެންޓަކީ ފަލަ މީހުން ކަމަށާއި 53 ޕަސެންޓު ފިރިހެނުންނަކީ ފަލަ މީހުން ކަމަށެވެ. އަދި އެކަމަކީ ގައިން ގަޔަށް ނާރާ ބަލި ޖެހުމުގެ ފުރުސަތު ބޮޑު ކަމެއް ކަން ފާހަގަކޮށްފައިވެއެވެ.

ޔޫތް މިނިސްޓްރީގެ އިސްނެގުމުގެ މަތިން ރާއްޖޭގައި ފަށާފައިވާ "މިޝަން ފިޓް މޯލްޑިވްސް" ސިއްހަތު ޖަމިއްޔާއިން އެންޑޯޒް ކުރުމާ ގުޅިގެން މިނިސްޓަރ އަހުމަދު މަހުލޫފްވަނީ ސިއްހަތު ޖަމިއްޔާއަށް ޝުކުރު ދަންނަވާފައެވެ.

މަހުލޫފް ވިދާޅުވީ ގައިން ގަޔަށް ނާރާ ބަލިތައް ޖެހޭ މިންވަރު މަދު ކުރުމަށް މިހާރުން މިހާރަށް ފިޔަވަޅު އަޅަން ޖެހޭ ކަމަށެވެ. އަދި އެ ކެމްޕެއިން މެދުވެރިކޮށް ރަނގަޅު ބަދަލެއް ދިވެހި މުޖުތަމައަށް އައިސްގެންދާނެ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

އެ ކެމްޕޭނު ފެށުމަށް ޔޫތް މިނިސްޓްރީން ވަނީ މަޝްހޫރު ބޮލީވުޑްގެ ތަރި، ސުނިލް ޝެއްޓީ އެ ކެމްޕޭނުގެ އެމްބެސެޑަރަކަށް އައްޔަންކޮށްފައެވެ.

މިޝަން ފިޓް މޯލްޑިވްސް އަކީ ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ފިޓްނެސްގެ އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ފަށާފައިވާ ހަރަކާތެކެވެ.