ވ. ރަކީދޫގައި އަނިޔާވެރިކޮށް މަރާލި މުހައްމަދު އިބްތިހާލްގެ ކޮއްކޮ އަށް އިހާނެތިކޮށް ހިތި މައްސަލައެއް ފެންމަތި ވެއްޖެއެވެ.

މައުލޫމާތު ލިބޭ ގޮތުގައި އިބްތިހާލްގެ ކޮއްކޮ އަށް އިހާނެތިކޮށް ހިތާފައި ވަނީ އޭނާގެ ޓީޗަރެކެވެ. އެ ޓީޗަރު އިބްތިހާލްގެ ކޮއްކޮ އަށް އިހާނެތިކޮށް ހިތާ ވީޑިއޯ އެެއް މީސް މީޑީއާގައި މިހާރު އަންނަނީ ދައުރުވަމުންނެވެ.

މިކަމާއި ގުޅިގެން އެޑިއުކޭޝަން މިނިސްޓަރ އައިޝަތު އަލީ ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ކުޑަކުދިންނަށް އިހާނެތިކޮށް ހިތުމާއި އަނިޔާކުރުން ބަލައިނުގަނެވޭނޭ ކަމަށާއި އެކަންކަން ކުރާ ފަރާތްތަކަށް ހަރުކަށި ފިޔަވަޅު އެޅިގެން ދާނޭ ކަމަށެވެ. އަދި މި މައްސަލަ މިނިސްޓްރީގެ ސަމާލުކަމަށް އައުމާއި އެކު ވަގުތުން ފިޔަވަޅު އަޅާފައިވާ ކަމަށާއި އަބަދުވެސް އެންމެ މުހިއްމު ކަމަކަށް ވާނީ ކުދިންގެ ސަލާމަތާއި ރައްކާތެރިކަން ކަމަށްވެސް އައިޝަތު އަލީ ވަނީ ވިދާޅުވެފައެވެ.

މައުލޫމާތު ލިބޭ ގޮތުގައި އެ ޓީޗަރު މިހާރު ވަނީ ވަޒީފާ އިން ސަސްޕެންޑު ކޮށްފައެވެ. މި މަންޒަރު ދައްކުވައިދޭ ވީޑިއޯ އައިޝަތު އަލީވެސް ހިއްސާ ކޮށްފައި ވާއިރު، ވީޑިއޯ އިން ފެންނަ ގޮތުގައި އެ ކުއްޖާ ލައިނަށް އަރައު ހުރި ވަގުތު ޓީޗަރަކު ވަނީ އެ ކުއްޖާގެ ކޮލުގައި އަތުން ޖަހައި ކޮއްޕާލާފައެވެ.

އެ ކުއްޖާ އަކީ އޯޓިޒަމް ބަލި ހުންނަ ކުއްޖެއް ކަމުގައި ވާއިރު، އޭނާ ބަލަން އިތުރު ޓީޗަރެއްވެސް ކްލާހުގައި ހުރެއެވެ. މި ހާދިސާ ހިނގީ ވ. ފުލިދޫގައި ހުންނަ ވ. އަތޮޅު ސްކޫލުގައި މިިދިޔަ އޯގަސްޓުގެ މަހުގެ ކުރީކޮޅުގައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހުސް ވާހަކަ

    މިކަމާއި ގުޅިގެން އެޑިއުކޭޝަން މިނިސްޓަރ އައިޝަތު އަލީ ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ކުޑަކުދިންނަށް އިހާނެތިކޮށް ހިތުމާއި އަނިޔާކުރުން ބަލައިނުގަނެވޭނޭ ކަމަށާއި އެކަންކަން ކުރާ ފަރާތްތަކަށް ހަރުކަށި ފިޔަވަޅު އެޅިގެން ދާނޭ ކަމަށެވެ. ހަރުކަށި ފިޔަވަޅު އަޅާ ތަނެއް ނުފެންނާތީވާގޮތް.

    46
    3
  2. ޓީޗަރެއް

    ސަސަޕެންޑް ކުރާނެކަމެއްނެއް ވަޒީފާއިން ވަކި ކުރޭ. ދެންވެސް ނިކުމެފަ ކިހިނެއް އެގެނީ އެހެން އެހެން މީހެއްގެ ދަރިއެއް ނުވަތަ އެ ބަލި ކުއްޖާއަށް ހަދާލާނީ ކިހިނެއް ކަމެއް. އަބަދަކު ނުފެންނާނެ. ބުނެ އެއްނު ވަގަކަށް ހާސް ދުވަހޭ ވެރިއަކަށް އެއްދުވަހޭ. ސޯ! ތިޔޮތީ ކުރިމަތިން ފެންނަށް އެވަރުންވެސް ސަސްޕެންޑް. ?