އެފްރިކާގެ ޤައުމެއް ކަމަށްވާ މާލީގައި ނިރުބަވެރި ހަނގުރާމަވެރި ޖަމާޢަތަކުން އެޤައުމުގެ ސިފައިންނަށް އަމާޒުކޮށްގެން ދިން ހަމަލާއެއްގައި އެޤައުމުގެ ސިފައިންގެ 54 މީހުން މަރުވެއްޖެއެވެ.

މާލީގެ މެނަކާ ސަރަޙައްދުގައި އިއްޔެގެ ވަގުތެއްގައި ސިފައިންނަށް ދިން އެ ހަމަލާތަކުގައި މަރުވެފައިވަނީ 14 މީހުން ކަމަށް އެންމެ ފުރަތަމަ ޚަބަރުތައް ފެތުރުނު ނަމަވެސް، އެ ހަމަލާގައި 54 މީހަކު މަރުވެފައިވާ ކަމަށް އެޤައުމުގެ ސަރުކާރުގެ ތަރުޖަމާނު، ޔާޔާ ސަންގާރޭ ވަނީ މަޢުލޫމާތު ދެއްވާފައެވެ.

މިހަމަލާ ދީފައި ވަނީ ސިފައިންގެ ކޭމްޕެއްގައި ޖާނުން ފިދާވެގެން ތިން ބޮމެއް ގޮއްވާލައިގެން ކަމަށް މިހާތަނަށް ވަނީ މައުލޫމާތު ލިބިފައެވެ.

އިއްޔެގެ ނިރުބަވެރި ހަމަލާއާ ގުޅިގެން މާލީގައި އިތުރު ހަމަނުޖެހުންތަކެއް ހިނގާފާނެ ކަމުގެ ބިރުވަނީ ބޮޑުވެފައެވެ. އެ ހަމަލާ ކުށްވެރިކޮށް މާލީގެ ވެރިރަށް، ބަމަކޯ ގައި ސިފައިންގެ އާއިލާތަކުން ވަނީ މުޒާހަރާވެސް ކޮށްފައެވެ. ސިފައިންގެ ގާތްތިމާގެ މީހުން ބުނާގޮތުން ނިރުބަވެރިންނާއި ދެކޮޅަށް ސިފައިން ހަނގުރާމަ ކުރާއިރު، އެ ޤައުމުގެ ސަރުކާރުގެ ފަރާތުން ސިފައިންނަށް އެކަށީގެންވާ ރައްކާތެރިކަމެއް ފޯރުކޮށްދެވިފައެއް ނުވެއެވެ.

ހުކުރު ދުވަހުގެ ހަމަލާގެ ޒިންމާ އަދި އެއްވެސް ފަރާތަކުން ނަގާފައިވާ ކަމަށް ރިޕޯޓު ކުރެވިފައި ނުވެއެވެ. ނަމަވެސް، މާލީގެ ކަމާބެހޭ ފަރާތްތަކުގެ ތުހުމަތު ހުރީ އަލްޤައިދާ އާ ގުޅުންހުރި ނިރުބަވެރި ހަނގުރާމަވެރި ޖަމާޢަތަކަށެވެ. މިހަމަލާ ދީފައި މިވަނީ މާލީގައި ނިރުބުވެރިކަމާއި ދެކޮޅަށް މަސައްކަތް ކުރުމަށް ބޭއްވުނު ސަރަޙައްދީ ޙަރަކާތެއްގެ ތެރެއަށް އަމާޒުކޮށްގެން ނިރުބަވެރިން ދިން ތަފާތު 2 ހަމަލާއެއްގައި 41 ސިފައިން މަރުވެ، 20 ސިފައިންގެ މީހަކު ގެއްލުނުތާ މަހެއް ނުވަނީސް އެވެ.

މާލީގެ ސަރުކާރުން ބުނީ 54 ސިފައިން މަރުވި ހާދިސާ ހިނގި ސަރަހައްދުގައި އޮތީ ސިފައިންގެ ކޮންޓްރޯލް ކަމަށާއި އިތުރު ހަމަލާތަކެއް އަމާޒުވުމުގެ ކުރިން ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކޮށްފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މޮޔައެނޮނިމަސް

    ތީ އިޒްރޭލު މީހިނ ކުރި ކަކށްވާނީ