ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އިސްކޮށް ހުންނަވައިގެން އުފެއްދުމަށް މަސައްކަތް ކުރައްވާ އެމްއާރުއެމް ސިޔާސީ ޕާޓީއެއްގެ ގޮތުގައި އުފެއްދުމަށްޓަކައި ބާއްވަންޖެހޭ ޖަލްސާ އަންނަ ބްރާސްފަތި ދުވަހު ބާއްވާ ގޮތަށް ހަމަޖައްސައިފިއެވެ.

މި ޖަލްސާ އޮންނާނީ އެރޭ 07:45 ގައި ދަރުބާރުގޭ ރަންނަ ބަނޑޭރި މާލަމުގައެވެ. މި ޖަލްސާގައި ބައިވެރިވުމަށް ވަނީ ދައުވަތު އަރުވާފައެވެ.

އެމްއާރުއެމް އުފެއްދުމަށް ބާއްވަންޖެހޭ ޖަލްސާ ބޭއްވުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ދީފައިވަނީ މިދިޔަ އޮކްޓޯބަރު މަހުގެ ވަނަ ދުވަހުއެވެ.

މި ޖަލްސާގައި ޕާޓީގެ އަސާސީ ޤަވާއިދު ފާސްކުރުމާއި، ދިދަ އަދި ލޯގޯ ފާސްކުރުމަށް ހަމަޖެހިފައި ވެއެވެ. އަދި އެ ޕާޓީ ހިންގުމަށް އެރޭ ކައުންސިލެއް އެކުލަވާލާނެއެވެ.

ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ 9 ސިޔާސީ ޕާޓީއެއް އެބަ އޮތެވެ. އެމްއާރުއެމް އަކީ ރައީސް މައުމޫން އިސްކޮށް ހުންވައިގެން އުފައްދަވާ 3 ވަނަ ޕާޓީއެވެ. މީގެ ކުރިން އެމަނިކުފާނު ވަނީ ޑީއާރުޕީއާއި، ޕީޕީއެމް އުފެއްދެވުމުގައިވެސް އިސްދައުރެއް އަދާކުރައްވާފައެވެ.