ބޭ އޮފް ބެންގަލްގައި އުފެދުނު ކޮޅިގަނޑު ތޫފާނަކަށް ބަދަލުވެ އިތުރަށް ބާރުގަދަވަމުން އަންނަ ކަމަށް ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން ވިދާޅުވެއްޖެއެވެ.

މެޓް އޮފީހުން ނެރުނު ބަޔާނެއްގައި ވިދާޅުވީ ބޭ އޮފް ބެންގަލްގައި އުފެދުނު ބާރުގަދަ ކޮޅިގަނޑު މިހާރު ބާރު ގަދަ ވެފައިވާ ކަމަށާއި މިތޫފާނަށް "ބުލް ބުލް" ގެ ނަންދީފައިވާ ކަމަށެވެ. އަދި މި ތޫފާން ކުރިޔަށް އޮތް 6 ގަޑިއިރުގެ ތެރޭގައި ބާރު ގަދަވާނެ ކަމަށްވެސް މެޓް އޮފީހުގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.

މެޓް އޮފީހުން އިތުރަށް ވިދާޅުވީ، މި ތޫފާން މިހާރު ދަތުރު ކުރަމުންދަނީ ރާއްޖެއާ ދުރަށް ކަމަށެވެ. އަދި . މިތޫފާން ދަތުރު ކުރަމުންދަނީ ހުޅަނގު އުތުރުން، ބަގްލަދޭޝްއާއި އިންޑިޔާގެ ވެސްޓް ބެންގަލްގެ އައްސޭރި ފަށާއި ދިމާލަށް ކަމަށްވެސް މިބަޔާނުގައި ބުނެފައިވެއެވެ.

މި ތޫފާނުގެ ސީދާ އަސަރު ރާއްޖެއަށް ނުކުރާނެ ކަމަށް ރާއްޖޭގެ މޫސުމާ ބެހޭ ޤައުމީ އިދާރާއިން ހާމަކުރެއެވެ.

ތޫފާން ބުލްބުލްގައި ގަޑިޔަކު 70 މޭލާއި 80 މޭލާ ދެމެދުގެ މިންވަރަކަށް ވައިބާރު ވާނެ ކަމަށާއި އަދި ކޮޅިގަނޑުގައި 140 މޭލަށް ވައިގަދަވެދާނެ ކަމަށް އިންޑިޔާގެ މޫސުމާ ބެހޭ އިދާރާއިން ހާމަ ކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު