ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ފެއްޓެވި ބޯހިޔާވަހިކަމުގެ ބިޔަ މަޝްރޫއު ކަމަށްވާ 'ހިޔާ' މަޝްރޫއުގެ ދަށުން އަޅާ ފެނަކަ ކޯޕަރޭޝަންގެ 15 ބުރީގެ ޓަވަރު އިމާރާތް ކުރާާނެ ފަރަާތެއް ހޯދުމަށް އަނެއްކާވެސް އިއުލާނު ކޮށްފިއެވެ.

ފެނަކައިން އެ ކުންފުނީގެ 15 ބުރީގެ ޓަވަރު އެޅުމަށް އިއުލާނު ކޮށްފައި މިވަނީ އެކުންފުނިން އެކަމަށްޓަކައި ފުރަތަމަ ނެރުނު އިއުލާނު ބާތިލު ކުރުމަށްފަހުއެވެ.

ފެނަކަ އިން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ ހުޅުމާލެ ދެވަނަ ފިޔަވަހިން އެ ކުންފުންޏަށް ލިބިފައިވާ 12،000 އަކަފޫޓުގެ ބިމުގައި 15 ބުރީގެ ރެޒިޑެންޝަލް ޓަވަރެއް އަޅައިދިނުމަށް ޝައުގުވެރިވާ، ބޭރުގެ އަދި ރާާއްޖޭގެ ފަރާތްތަކުން މި މަހުގެ 18 ވަނަ ދުވަހުގެ ކުރިން އެ ކުންފުނީގެ ހެޑް އޮފީހަށް ސިޓީ ނުވަތަ އީ މެއިލް މެދުވެރިކޮށް ޝައުގުވެރިކަން ފާޅު ކުރަން ޖެހޭނެ ކަމަށެވެ.

ހިޔާ މަޝްރޫއުގެ ދަށުން ސަރުކާރުގެ ގިނަ ކުންފުނިތަކުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ރެޒިޑެންޝަލް ޓަވަރު އަޅާނެއެވެ. އެގޮތުން މިހާާރު ބައެއް ކުންފުނިތަކުން ވަނީ އެކުންފުނިތަކުގެ ޓަވަރުތަކުގެ އަމަލީ މަސައްކަތް ފަށާފައެވެ.

ޓަވަރުތައް އަލާނެ ފަރާތްތައް ހޯދުމަށް ކުންފުނިތަކުން އިއުލާނު ކުރަމުންދާއިރު މި މަޝްރޫެއުގެ ދަށުން 62 ޓަވަރު ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އެޅުމަށް ވަނީ ހަމަޖެހިފައެވެ.