ޖޫޑިޝިއަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަކީ އެމްޑީޕީގެ ގޮތްޕެއް ކަމަށް ޕީއެންސީގެ ރައީސް، އަބްދުއްރަޙީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީންގެ ޝަރީއަތުގެ އަޑު އެހުން ނިންމާލުމަށްފަހު ސަރުކާރު އިދިކޮޅު ކޯލިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަދުރޭ ވިދާޅުވީ، ކޯލިޝަނުން ގަބޫލުކުރަނީ ޖޭއެސްސީއަކީ ސަރުކާރު ހިންގާ އެމްޑީޕީގެ ގޮތްޕެއް ކަމަށާއި އެމްޑީޕީގެ ގޮތްޕަކުން އަދުލު އިންސާފު ޤާއިމުކުރުމަށް ކުރެވޭނެ މަސައްކަތެއް ނޯންނާނެ ކަމަށެވެ.

"އެތާނގައި ނަޒާހަތްތެރި ހަމަ އެއްވެސް ބޭފުޅެއް ނެތް. އަޅުގަނޑު މިދެންނެވީ މިސަރުކާރު އައިފަހުން އެތަނަށް އައްޔަން ކޮށްފައި ތިއްބެވި އެއްވެސް ބޭފުޅަކީ ނަޒާހަތްތެރި ބޭފުޅެއް ނޫން" އަދުރޭ ވިދާޅުވިއެވެ.

މީގެ އިތުރުން އަދުރޭ ވިދާޅުވީ، އެމްޑީޕީ މީހުން މިހާރު ބޭނުން ވެގެން އުޅެނީ ޖޭއެސްސީ ރާއްޖޭގެ އެންމެ މަތީ ކޯޓަށްވުރެ ބާރު ގަދަ ތަނަަކަށް ހަދައިގެން އުޅެން ކަމަށާއި އެހެނެއް އެކަމެއް ނުވާނެ ކަމަށެވެ. އަދި ރާއްޖޭގެ ޤާނޫނުން ބުނެފައިވާ ގޮތުގައި އެންމެ ބާރު ގަދަ އަދި މަތީ ކޯޓަކީ ސުޕްރީމް ކޯޓު ކަމަށާއި އެ ކޯޓުގައި ހުންނަވާ އުއްތަމަ ފަނޑިޔާރަކީ އަދުލު އިންސާފު ޤާއިމުކުރުމުގެ ވެރިފަރާތް ކަމަށް އަދުރޭ ވިދާޅުވިއެވެ.

"އެމީހުން ބޭނުންވަނީ މިއަދު ޖޭއެސްސީއަކީ ސުޕްރީމް ކޯޓަށްވުރެ ބާރުގަދަ ތަނެއްކަށް ހަދައިގެން އުޅެން. ކިހިނެއްތޯ އެކަން ކުރެވެނީ. ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާ ޤާނޫނު އަސާސީ ބުނާގޮތުން އަދުލު އިންސާފުގެ ނިޒާމުގަ އެންމެ ބާރުގަދަ ފަރާތަކީ ސުޕްރީމް ކޯޓު. އެއީ އަދުލު އިންސާފު ޤާއިމުކުރުމުގެ އެންމެ މަތީ ކޯޓު. އެކޯޓުގެ އުއްތަމަ ފަނޑިޔާރަކީ އެބާރުގެ ވެރިމީހާ" އަދުރޭ ވިދާޅުވިއެވެ.

އަދުރޭ މިގޮތަށް ވިދާޅުވެފައިވަނީ، ޔާމީންގެ މައްޗަށް ދައުލަތުން ކޮށްފައިވާ މަނީ ލޯންޑަރިންގެ މައްސަލަ އަލުން ނުބަލައި ކުރިއަށް ގެންދަން މައްސަލަ ބައްލަވާ ބެންޗުން ނިންމުމުންނެވެ.