ތިލަފުށި ހާބަރ ތޮށިލުމުގެ މަސައްކަތް ކުރުމަށް މިއަދު ބަޔަކާ ހަވާލުކޮށްފިއެވެ.

މިއަދު އެންވަޔަރަންމަންޓް މިނިސްޓްރީގައި ކުރިއަށް ދިޔަ ރަސްމިއްޔާތުގައި މި މަސައްކަތް ކުރުމަށް ހަވާލު ކޮށްފައިވަނީ މޯލްޑިވްސް ޓްރާންޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާއެވެ.

އެ ކުންފުނިއާއި މި ޕްރޮޖެކްޓް ހަވާލުކޮށްފައިވަނީ 8،800،544.68 އެމެރިކާ ޑޮލަރަށެވެ. މި ކޮންޓްރެކްޓް އެ ކުންފުންޏާ ހަވާލުކޮށްފައިވަނީ މަސައްކަތް ހަވާލުކުރާ ދުވަހުން ފެށިގެން 480 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެންވަޔަރަންމަންޓް މިނިސްޓަރ ޑރ. ހުސެއިން ރަޝީދު ހަސަން ވިދާޅުވީ، މާލެ ސަރަހައްދުގެ ކުނީގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަކީ މިހާރު އެންމެ ބޮޑުވެފައިވާ އެއްކަން ކަމަށާއި މާލެ ސަރައްހަދުން އުކާލާ ކުނި ތިލަފުއްޓަށް ގެންގޮސް ތިމާވެއްޓާއި ނުރައްކާތެރި ގޮތަކަށް އަންދަމުން އަންނަތާ މިހާރު 30 ވަރަކަށް އަހަރު ވެދާނެ ކަމަށެވެ. އަދި މިއަދު މި ސޮއި ކުރެވުނު އެއްބަސްވުމުގެ ސަބަބުން މިކަމަށް އަވަސް ހައްލެއް ލިބިގެންދާނެ ކަމަށް މިނިސްޓަރި ވިދާޅުވިއެވެ.

Environment Ministry
އެމްޓީސީސީ އާއި ތިލަފުށި ތަރައްގީ ކުރަން ހާވާލުކޮއް ކޮންޓްރެކްޓް ގައި ސޮއި ކުރުމަށް ބޭއްވި ރަސްމީޔާތުގެ ތެރެއިން؛- ވަގުތު އިމޭޖަސް - މުހައްމަދު އަފްޒަލް

ރާއްޖެއަށް ދިމާވެފައިވާ ކުނީގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް މާލެ އަތޮޅު ހިމެނޭ ގޮތަށް (އއ، އދ، ވ) ހިމެނޭ ޒޯން 3ގެ ސަރަހައްދުގައި ދެމެހެއްޓެނިވި ގޮތެއްގައި ކުނި މެނޭޖްކުރުމުގެ ނިޒާމެއް ޤާއިމުކުރުމުގެ މަޤުސަދުގައި އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް އަދި އެހެނިހެން ބައިނަލްއަގްވާމީ އެހީދޭ ޖަމްއިއްޔާތަކާއެކު ގްރޭޓަރ މާލެ އެންވަޔަރަންމަންޓަލް އިމްޕްރޫވްމަންޓް އެންޑް ވޭސްޓް މެނޭޖްމެންޓް ޕްރޮޖެކްޓްގެ ނަމުގައި މިހާރު ވަނީ މަޝްރޫއެއް ފަށާފައެވެ.