ދީނަށާއި މާތްވެގެންވާ ނަބިއްޔާއަށް ފުރައްސާރަކޮށް ދިރާސާގެ ނަމުގައި ރިޕޯޓް ނެރުނު ޖަމިއްޔާ، މޯލްޑިވިއަން ޑިމަކްރަސީ ނެޓްވޯކް (އެމްޑީއެން) ގެ ފައުންޑަރުންނަކީ ކޮބައިތޯ ބެލުމަށް ފޮނުވި ސިޓީއަށް އަދިވެސް ޖަވާބެއް ލިބިފައިނުވާ ކަމަށް، ޕީއެންސީގެ ރައީސް އަބްދުﷲ އަބްދުއްރަޙީމް (އަދުރޭ) ވިދާޅުވެއްޖެއެވެ.

އަދުރޭ މިގޮތަށް ވިދާޅުވެފައި ވަނީ، ރޭ ޕްރޮގްރެސިވް ކޯލިޝަނުން ކުރިއަށް ގެންދިޔަ "ހިބަރު ވަދު" ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

ރޭގެ ޖަލްސާގައި އަދުރޭ ވިދާޅުވީ، އެމްޑީއެންގެ ފައުންޑަރުންނަކީ ކޮބައިތޯ ބެލުމަށް ޔޫތު މިނިސްޓްރީއަށް ސިޓީއެއް ހުށަހަޅުއްވީ ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގު ކަމަށާއި، ނަމަވެސް މިއަދާއި ހަމައަށްވެސް އެ ސިޓީއަށް ޖަވާބެއް ނުދެއްވާ ސަބަބު އެނގިވަޑައިގަންނަވާ ކަމަށެވެ.

"ހިބަރުވަދު" ޖަލްސާގައި އަދުރޭ ވާހަކަ ދައްކަވަނީ - ވަގުތު އިމޭޖަސް

އަދުރޭ ވިދާޅުވީ، އެ ސިޓީއަށް މިއަދާއި ހަމައަށް ޖަވާބެއް ލިބިފައި ނުވަނީ ވަނީ އެމްޑީއެންގެ ފައުންޑަރުންގެ ތެރޭގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަނބިކަނބަލުން ހިމެނިވަޑައިގަންނަވާތީ ކަމަށެވެ.

"މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގު ޔޫތު މިނިސްޓްރީ އަށް ހުށަހެޅި ސިޓީއެއް އެމްޑީއެންގެ ފައުންޑަ މެމްބަރުންނަކީ ކޮބައިތޯ އޮޅުން ފިލުވަން ވެގެން. އަދި މިހާތަނަށް އައިއިރުވެސް ޖަވާބެއް ނުދޭ. ކީއްވެގެންތޯ ޖަވާބު ނުދީގެން މިއުޅެނީ. އަޅުގަނޑު ދަންނަވާލަންތޯ މި ފައުންޑަރުންގެ ތެރޭގައި އިބްރާޙިމް މުހައްމަދު ސޯލިހުގެ އަންހެނުން ހިމެނޭތީ" އަދުރޭ ވިދާޅުވިއެވެ.

އަދުރޭ ވަނީ ރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރާއްޖޭގެ ދީނީ އިލްމުވެރިންނަށް އިސްލާމްދީނަށްޓަކައި ނުކުމެވަޑައިގަތުމަށް ގޮވާލައްވާފައެވެ. މީގެ އިތުރުންވެސް އަދުރޭ ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރަށާއި ރައްޔިތުންގެ މަޖިލިސް، ކުރީގެ ރައީސް ނަޝީދު ހިންގަވަމުން ގެންނަވާ ގޮތަށް ފާޑުވިދާޅުވެފައެވެ.